ENGLISH
07 ސެޕްޓެމްބަރު 2025
ކަނޑުމަގުން ގެންދާ އަދި ގެންނަ މުދަލުގެ ހައުސް ބިލް އޮފް ލޭންޑިންގެ މައުލޫމާތު ހުށަހަޅަންޖެހޭނެ: ކަސްޓަމްސް
07 ސެޕްޓެމްބަރު 2025
|
ފޮޓޯ: ހޯމް މިނިސްޓްރީ
ކަނޑުމަގުން ރާއްޖެއަށް ގެންނަ އަދި ގެންދާ މުދަލުގެ ހައުސް ބިލް އޮފް ލޭންޑިންގެ މައުލޫމާތު ކަސްޓަމްސްއަށް ހުށަހަޅަން ވާނެ ކަމަށް އެ އިދާރާ އިން ބުނެފިއެވެ.
ކަސްޓަމްސް އިން މިކަން ހާމަކޮށްފައި މިވަނީ މި މަހުން ފެށިގެން ފްރައިޓް ފޯވާޑިންގގެ ޚިދުމަތް ލިބޭނީ ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނަށް އެކަނި ކަމަށް އެ ސަރވިސް އިން ހާމަކޮށްފައިވަނިކޮށެވެ.
ކަސްޓަމްސް އިން ބުނީ ފްރައިޓް ފޯވަރޑަރުން މެދުވެރިވެގެން ކަނޑުމަގުން ރާއްޖެއަށް މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ ހާލަތްތަކުގައި އެ ފަރާތްތައް ކާގޯ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ހައުސް ބިލް އޮފް ލޭންޑިންތަކުގެ މައުލޫމާތު، އިލެކްޓްރޯނިކްކޮށް ފްރައިޓް ފޯވަރޑަރުން ކަސްޓަމްސްއަށް ހުށަހަޅަންވެސް ޖެހެއެވެ.
މި މައުލޫމާތު ކަސްޓަމްސްއަށް ހުށަހަޅަން ވާނީ މާސްޓަރ ބިލް އޮފް ލޭންޑިންގައި ކޮންސައިނީގެ ގޮތުގައި ބަޔާންކޮށްފައިވާ ފްރައިޓް ފޯރަޑަރުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
މީގެ އިތުރުން ޓްރޭޑިއަން ޕޯޓަލް ( މޯލްޑިވްސް ނޭޝަނަލް ސިންގަލް ވިންޑޯ ) މެދުވެރިކޮށް މި މައުލޫމާތު ކަސްޓަމްސް އަށް ހުށަހެޅޭނެއެެވެ.
އިމްޕޯޓްކުރާ މުދަލާއި އެކްސްޕޯޓްކުރާ މުދަލުގެ ބިލް އޮފް ލޭޑިން/އެއަރވޭބިލް ދޫކުރުމާއި ޑެލިވަރީ އޯޑަރ ދޫކުރުމުގެ ޚިދުމަތް ހިމެނޭގޮތުން ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުފަހަރުގެ އެޖެންޓުގެ ހައިސިއްޔަތުން ފްރައިޓް ފޯވަރޑިންގެ ދައުރު އަދާކުރާ ފަރާތްތައް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންވާނެ ކަމަށް ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 219 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވެއެވެ.