ENGLISH
06 ސެޕްޓެމްބަރު 2025
ރެކޯޑު އަދަދަކަށް ރާއްޖެ މެދުވެރިކޮށް ޓްރާންސްޝިޕްމެންޓު މުދާ އުފުލައިފި
04 ސެޕްޓެމްބަރު 2025
|
ވީއައިއޭ ފުލައިޓަކަށް މުދާ ބަރާކުރަނީ، ފޮޓޯ: އެމްއޭސީއެލް
ފާއިތުވި އޯގަސްޓު މަހު ރެކޯޑު އަދަދަކަށް ރާއްޖެއިން ޓްރާންސްޝިޕްމެންޓު މުދާ އުފުލާފައިވާކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.
ޓްރާންސްޝިޕްމެންޓަކީ އެހެން ގައުމަކުން އެކްސްޕޯޓުކުރާ މުދާ ރާއްޖެއަށް އެތެރެކުރުމަށްފަހު، ރާއްޖެއިން އެ މުދާ ބޭރުކުރުމެވެ. އާއްމު ގޮތެއްގައި ރާއްޖެއިން މިގޮތަށް މުދާ ބޭރުކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާގޯ މަތިންދާބޯޓުތައް މެދުވެރިކޮށެވެ.
މީގެ ކުރިން މަތިންދާބޯޓުތަކުގައި ގެންނަ މުދާ އެއާ ޓު އެއާ ފްރައިޓް މެދުވެރިކޮށް ބޭރުކުރަމުން އައި ނަމަވެސް މިހާރު ސީ ޓު އެއާ ކާގޯ ހިދުމަތްވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދެއެވެ. އެގޮތުން އެމްޕީއެލްއާއި އެމްއޭސީއެލް އަދި ކަސްޓަމްސް ގުޅިގެން ފޯރުކޮށްދޭ މި ހިދުމަތުގެ ތެރެއިން އިންޑިޔާއާއި ބަންގުލަދޭޝްއިން ރާއްޖެއަށް މުދާ ގެނެސް، ވީއައިއޭ މެދުވެރިކޮށް ބައިނަލްއަގުވާމީ އެއާލައިންތަކުގައި އެ މުދާ ޔޫރަޕާއި މެދުއިރުމައްޗަށް އަންނަނީ ބޭރުކުރަމުންނެވެ.
އެމްއޭސީއެލްއިން އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޯގަސްޓު މަހުގެ ނިޔަލަށް 1،900 ޓަނަށްވުރެ ގިނަ މުދާ ރާއްޖެއިން އުފުލާފައިވާ ކަމަށެވެ. އަދި މިއީ އެ އެއާޕޯޓުގެ ތާރީހުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ޓްރާންސްޝިޕްމެންޓުގެ ގޮތުގައި އެންމެ ގިނައިން މުދާ ބޭރުކުރި ފަހަރު ަކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މިހާތަނަށް ޓްރާންސްޝިޕްމެންޓުގެ ގޮތުގައި މި އަހަރު ބޭރުކުރި މުދަލުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޓްރާންޝިޕްމެންޓުގެ ގޮތުގައި، 6879 ޓަނުގެ ކާގޯ އުފުލާފައިވެއެވެ. އެއީ ވައިގެ މަގުން ގެނެސް ވައިގެ މަގުން ބޭރުކުރި 5،621 ޓަނުގެ މުދަލާއި، ކަނޑު މަގުން ރާއްޖެ ގެނެސް ވައިގެ މަގުން ބޭރުކުރި 1،258 ޓަނުގެ މުދާ ހިމެނެއެވެ.
ކަނޑު މަގުން ރާއްޖެއަށް މުދާ ގެނެސް ރާއްޖެ މެދުވެރިކޮށް އެކި ގައުމުތަކަށް ބޭރުކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމްއޭސީއެލް، އެމްޕީއެލް އަދި ކަސްޓަމްސް ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއެކު ސީ-ޓު-އެއާ ކާގޯ އޮޕަރޭޝަންތަކުގައި ބައިވެރިވާ ބައިނަލްއަގުވާމީ އެއާލައިންތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި ކާގޯ އުފުލާ މަގުތައް ނުވަތަަ ރޫޓުތައް ކުރިއަށްވުރެ އިތުރުކޮށްފައިވެއެވެ.
މިކަމަށް ބޭނުންވާ ވަސީލަތްތައް ވީއައިއޭގައި ގާއިމުކޮށް، ކާގޯ ކްލިއާކުރުމާއި ކަސްޓަމްސްގެ މަސައްކަތްތަކަށް ބޭނުންވާ އެކި ވަސީލަތްތައް ގާއިމުކުރުމަށް އެމްއޭސީއެލްއާއި އެހެނިހެން އިދާރާތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.