ENGLISH
06 ސެޕްޓެމްބަރު 2025
ޑެފިސިޓެއް ނެތުމާއި، ރިޒާވްގެ ހާލަތު ރަނގަޅުވުން؛ ކްރެޑިޓް ރޭޓިން ރަނގަޅުވާނެ ކަމުގެ ނިޝާނެއް؟
04 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
ނިމުނު އެމްޑީޕީ ވެރިކަމުގައި ތަންފީޒުކުރި މާލީ އަދި އިގުތިސާދީ ސިޔާސަަތުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ ދެ އެޖެންސީ ކަމަށްވާ ފިޗްއާއި މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރިއެވެ. އެ ދެ އެޖެންސީން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީ މައިގަނޑު ގޮތެއްގައި އެއް ސަބަބުތަކެއް ފާހަގަކުރުމަށްފަހުއެވެ. ރާއްޖޭގެ ދަރަނި ބޮޑުވުމާއި، ބޭރު ފައިސާގެ ރިޒާވް ހީނަރުވުމާއި، ދައުލަތުގެ ހަރަދުތައް ބޮޑުވެ ބަޖެޓު ޑެފިސިޓު ނުވަތަ ލިބޭ އާމްދަނީއާއި ކުރާ ހަރަދުގެ ފަރަގު ބޮޑުވުމެވެ.
ކްރެޑިޓް ރޭޓިން ދަށްވުމުން އިގުތިސާދަށް އަދި ހާއްސަކޮށް ދަައުލަތުގެ މާލީ ކަންކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. ކްރެޑިޓް ރޭޓިން ބުނެދެނީ ގައުމަކުން ނުވަތަ ކުންފުންޏަކުން ދަރަންޏަށް ނަގާ ފައިސާ ވަގުތަށް އެކީ އަދާކުރުމަށް އެ ގައުމެއްގެ ނުވަތަ އެ ކުންފުންޏެއްގެ ގާބިލުކަން ހުުރި މިންވަރެވެ.
އެހެންކަމުން ކްރެޑިޓް ރޭޓިން އެކަށީގެންވާ މިންވަރަށްވުރެ ދަށްވެއްޖެނަމަ ދައުލަތަކަށް މައިގަނޑު ދެ މައްސަލައެއް ކުރިމަތިވެއެވެ. ފުރަތަމަ މައްސަލައަކީ ބޭރުން ދަރަންޏަށް ފައިސާ ހޯދުމުގެ އަގު ނުވަތަ ކޯސްޓް އޮފް ފައިނޭންސް ބޮޑުވުމެވެ. މިސާލަކަށް ބީ ކެޓަގަރީގައި ރޭޓުކޮށްފައިވާ ގައުމަކަށް %6 ނުވަތަ %7 ގައި ބައިނަލްއަގުވާމީ މާލީ ބާޒާރުން ފައިސާ ލިބޭއިރު "ސީސީސީ" ކެޓަގަރީގައި ހިމެނޭ ގައުމަކުން އެ ފައިސާ ހޯދުމަށް ކުރަންޖެހޭ ހޭދަ ދެގުނަ ބޮޑެވެ.
ދެވަނަ މައްސަލައަކީ ވަކި ވަރަކަށްވުރެ ކްރެޑިޓް ރޭޓިން ދަށްވެއްޖެނަމަ މާލީ ބާޒާރުން ފައިސާ ނުލިބުމެވެ. މިސާލަކށް ބޮންޑެއް ވިއްކަން ބަލާއިރު، މާލީ ބާޒާރުގައި އެފަދަ އިންސްޓްރޫމެންޓުތަކަށް އިންވެސްޓުކުރާ ފަރާތްތަކުގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކަކީ ވަކި ވަރަކަށްވުރެ ކްރެޑިޓް ރޭޓިން ދަށް ފަރާތްތަކަށް އިންވެސްޓުކުރުމުން އަމިއްލައަށް މަނާވެގަނެފައިވާ ފަރާތްތަކެވެ. މިސާލަކަށް ޕެންޝަން ފަންޑުތަކުން އާއްމު ގޮތެއްގައި ވަކި ވަރަކަށްވުރެ ކްރެޑިޓް ރޭޓިން ދަށް ގައުމުތަކާއި ކުންފުނިތަކުން ވިއްކާ ބޮންޑާާއި ސުކޫކުގައި އިންވެސްޓުނުކުރެއެވެ.
ފާއިތުވި ފަސް އަހަރު މާލީ އިދާރާތަކާއި އިގުތިސާދީ މާހިރުންގެ ލަފައާއި އިރުޝާދަށް ބެލުމެއް ނެތި ދައުލަތުގެ ހަރަދުތައް އިތުރުކޮށް، 124.2 ބިލިއަން ރުފިޔާއަށް ރާއްޖޭގެ ދަރަނި އިތުރުކުރިއެވެ. ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް އަށް ބިލިއަން ރުފިޔާ ޗާޕުކުރިއެވެ. އަދި 2021، 2022 އަދި 2023 ގައި ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ ބަޖެޓު ޑެފިސިޓު ބޮޑުކުރިއެވެ. ނަތީޖާއަކީ ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރުމެވެ.
މޫޑީސް އަދި ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންއާމެދު ނިންމާފައިވާ ހުރިހާ ނިންމުމެއްގައި ކްރެޑިޓް ރޭޓިން ދަށްކުރުމުގައި އަދި ދަށްކުރުމަށްފަހު މަތިނުކުރުމުގެ ސަބަބުތަކުގެ ގޮތުގައި އަންނަނިވި ދެ ނުކުތާ ފާހަގަކޮށްފައިވެއެވެ.
ހ- ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ދަށްވުން:
ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވިއިރު، އެ ދަރަނި އަދާކުރުމުގެ ގާބިލުކަން ދައްކުވައިދެވޭ މިންވަރަށް ރާއްޖޭގެ ރިޒާވްގެ ހާލަތު ރަނގަޅުކުރެވިފައިނުވެއެވެ. އަދި ރިޒާވްއަށް ބޭނުންވާ ބޭރު ފައިސާ ހޯދޭނެ ގޮތްތަކެއްވެސް ފަހިކުރެވިފައިނުވެއެވެ. އެހެންކަމުން ރިޒާވް ހީނަރުވެފައި އޮތުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި މައިގަނޑު އެއް ސަބަބެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. އެގޮތުން އިންޑިޔާގެ ރިޒާވް ބޭންކާއެކު ގާއިމުކުރެވުނު އެއްބަސްވުމެއްގެ ދަށުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަދާފައިވެއެވެ. އަދި ބޭރު ފައިސާއާ ބެހޭ ޒަމާނީ ގާނޫނެއް ގާއިމުކުރެވި، ކޮމާޝަލް ބޭންކުތަކުގެ ތެރެއިން މަރުކަޒީ ބޭންކަށް ޑޮލަރު ވަންނާނެ ގޮތަށް ގާނޫނު މިހާރުވަނީ ބައްޓަންކުރެވިފައެވެ.
މި ސިޔާސަތުތަކުގެ ނަތީޖާވެސް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވް އެސެޓުތަކާއި އަދަ ފޮރިން ކަރަންސީ އެސެޓުގެ ގޮތުގައި އެމްއެމްއޭގައި 900 މިލިއަން ޑޮލަރު ހުއްޓެވެ. ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކުރުމުން ބޭނުންކުރެވޭ ރިވާވްގެ ގޮތުގައި 212 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން ޖޫން މަހާ އަޅާބަލާއިރު ޖުލައިގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްއަށް ދިހަ މިލިއަން ޑޮލަރު އިތުރުވިއެވެ.
ށ- ޑެފިސިޓު ނެތުމާއި އެކްސްޕޯޓު އިތުރުވުން:
ޓްވިން ޑެފިސިޓު ނުވަތަ ވިޔަފާރި ޑެފިސިޓާއި ފިސްކަލް ޑެފިސިޓު ބޮޑުވުމަކީވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރާ ސަބަބެކެވެ. ވިޔަފާރި ޑެފިސިޓަކީ ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓުގެ ފަރަގެވެ. ފިސްކަލް ޑެފިސިޓަކީ ދައުލަތަށް ލިބޭ އާމްދަނީއާއި ހަރަދުގެ ފަރަގެވެ.
ސަރުކާރުން އަންނަނީ މި ދެ މައްސަލައަށް ހައްލުތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގެ މައިގަނޑު އެކްސްޕޯޓަކީ މަހެވެ. އެހެންކަމުން ސަރުކާރުން ފާއިތުވި މުއްދަތުގައި ކުރި އެންމެ ބޮޑު މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތް ކުރީ ދައުރުގައި ވައްޓާލާފައި އޮތް އަދަވަޅުން ނަގައި ކޮޅަށްޖެހުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ދަށުން ތަންފީޒުކުރެވުނު އެންމެ މުހިއްމު އެއް ސިޔާސަތަކީ މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ މެކޭނިޒަމެއް ނުވަތަ އިންތިޒާމެއް ހަމަޖެއްސުމެވެ.
ފާއިތުވި އަހަރުގެ ޑިސެންބަރު ދިހަވަނަ ދުވަހުން ފެށިގެން މިހާރު މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް މަސްވެރިންނަށް ބަރާބަރަށް ފައިސާ ލިބޭނެކަން ކަށަވަރުކުރެވިފައިވެއެވެ.
މިފަދަ ސިޔާސަތުތަކުގެ ނަތީޖާއަކީ މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވުމެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއިން މަސް ބޭރުކުރި މިންވަރު ނިމުނު އަހަރާ އަޅާބަލާއިރު 88.8 އިންސައްތަ އިތުރުވެފައިވެއެވެ. އެހެންކަމުން އެކްސްޕޯޓުކުރި މިންވަރު ނިމުނު އަހަރާ އަޅާބަލާއިރު 52 އިންސައްތަ އިތުރުވެފައިވެއެވެ.
އެހެންކަމުން ނިމުނު އަހަރަށްވުރެ މި އަހަރު ރާއްޖޭގެ ވިޔަފާރީގެ ޑެފިސިޓުވެސް ކުޑަވާނެއެވެ. އެހެންނަމަވެސް ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާތީ އެ ޑެފިސިޓު މާ ބޮޑަށް ކުޑަކުރެވެން ނޯވެއެވެ. ދައުލަތުގެ މާލީ ޑެފިސިޓަކީ ސަރުކާރުގެ ސިޔާސަތުތަކުގެ މައްޗަށް ބަރޯސާވާ ކަމެކެވެ. ސަރުކާރުން މަސައްކަތްކޮށްފިނަމަ އެ ޑެފިސިޓު ކުޑަކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި އަހަރުގެ މިހާތަނަށް ތަންފީޒުކުރައްވާފައިވާ މާލީ ސިޔާސަތަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެކެވެ. އެ ސިޔާސަތުގެ ނަތީޖާ މާލީ ހިސާބުތަކުން ފެނެއެވެ.
އެގޮތުން 28 އޯގަސްޓު 2025 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ މިންވަރަށް ބަލާއިރު 24.8 ބލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ހަރަދުވި އަދަދަށްވުރެ 15.6 އިންސައްތަ ދަށް އަދަދެކެވެ.
ހަރަދުތައް ކުޑަކުރުމުގެ ނަތީޖާއަކީ މި އަހަރުގެ މިހާތަނަށް ބަޖެޓު ޑެފިސިޓުނުވެ ބަޖެޓު ތަންފީޒުކުރެވުމެވެ. އެގޮތުން އޯގަސްޓު 28 ވަނަ ދުވަހުގެ ނިޔަލަށް އޯވަރއޯލް ނުވަތަ ޖުމްލަ އަރަންޏަކީ 534.6 މިލިއަން ރުފިޔާއެވެ. އަދި ބަޖެޓުގެ ހަރަދުތަކުގެ ތެރެއިން ދަރަނި އަދާކުރުމަށް ކުރި ހޭދަ އުނިކުރުމުން ބަޖެޓުގެ އަރަނި ތިން ބިލިއަނަށްވުރެ މަތިވާނެއެވެ.
ޑެފިސިޓު ނެތުމާއި ރިޒާވް ތިޔާގިވުން؛ ކްރެޑިޓް ރޭޓިން ރަނގަޅުވެދާނެތަ؟
ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އަހަރު ދެބައިވެ ފުރަތަމަ އަށް މަސް ނިމިގެންދިޔައިރު ދައުލަތުގެ ބަޖެޓު ތަންފީޒުކޮށްފައިވަނީ ޑެފިސިޓެއް ނެތިއެވެ. އެއާއެކު މި އަހަރުގެ މިހާތަނަށް ދައުލަތުން އަދާކުރަންޖެހުނު ބޮޑު ދަރަނި އަދާކުރަންޖެހޭ މުއްދަތުގައި އަދާކޮށްފިއެވެ. މާނައަކީ ހަރަދުތައް ކުޑަކުރި ނަމަވެސް ދަރަނި އަދާކުރުމުގައި ދައްޗެއް ނެތުމެވެ.
އެއާއެކު ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު ބެލުމަށް ބަލާ އެއް މިންގަނޑަކީ އެ ގައުމެއްގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތެވެ. ރާއްޖޭގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގެ ހާލަތު ވަރަށް ބޮޑު ތަނުން ރަނގަޅުކުރެވި 210 މިލިއަން ޑޮލަރު ރަސްމީ ރިޒާވްގައި ބޭނުންކުރެވޭ ގޮތަށް މި ވަގުތު އެބަހުއްޓެވެ.
އޭގެ އިތުރަށް ފިސްކަލް ރިޒާވްއެއް ނުވަތަ ސަރުކާރުގެ މާލީ އިލްތިޒާމުތައް އަދާކުރުމަށް އެހީތެރިވެދޭ ރިޒާވްއެއްގެ ގޮތުގައި ބޭނުންކުރެވޭ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގެ ހާލަތުވެސް މިހާރު ކުރިއަށްވުރެ ރަނގަޅުވެއްޖެއެވެ. މި އަހަރުގެ މިހާތަނަށް އެސްޑީއެފްއަށް ޖަމާކުރި ފައިސާގެ އަދަދު ނިމުނު އަހަރަށްވުރެ އިތުރުވެފައިވެއެވެ.
މިހުރިހާ ފިޔަވަޅެއްގެ ނަތީޖާއަކަށްވާނީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވުމެވެ. ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލުކަމާމެދު އޮތް ޔަގީންކަން އިތުރުވުމެވެ. އެހެންކަމުން މި ސިޔާސަތަުތަކުން މަގު ކޮށައިދެނީ މިހާރަށްވުރެ ރަނގަޅު ކްރެޑިޓް ރޭޓިންއަކަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ކްރެޑިޓް ރޭޓިން ރަނގަޅުވެއްޖެނަމަ، އަންނަ އަހަރު ރާއްޖެއިން އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށް ފަސޭހަވާނެއެވެ. ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ފައިސާ ބައިނަލްއަގުވާމީ މާލީ ބާޒާރުން ހޯދުމަށް މަގުފަހިވާނެއެވެ. މިއަދު ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކަކީ ކްރެޑިޓް ރޭޓިން ދަށްކުރި ދުވަހުން ފެށިގެން އެއިރުގެ ވެރިކަމުން ތަންފީޒުކުރަންޖެހޭ ސިޔާސަތުތަކެވެ. އެކި ސަބަބުތަކާހުރެ ފަސްކުރި ސިޔާސަތުތަކެވެ.