ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ތެލެސީމިއާ މީހުންގެ ހާލު ބަލައި، އެހީ ފޯރުކޮށްދިނުމަށް ޚާއްސަ ސެންޓަރެއް ހުޅުވައިފި

03 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު ހުޅުވުން --

ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު ހުޅުވައިފި އެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގަމުންދާ އޮރެންޖު ހިޔާގައި ހުޅުވި މި ސެންޓަރަކީ ތެލެސީމިއާ މީހުންގެ ހާލު ބަލައި، އެހީ ފޯރުކޮށްދިނުމަށް ޚާއްސަ ސެންޓަރެކެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރ ޑރ. އަޙްމަދު ޢުމަރު ވިދާޅުވި ގޮތުގަައި މި ސެންޓަރުން ތެލެސީމިއާ ޕޭޝަންޓުންގެ ކަންކަން ވަރަށް ކައިރީން މޮނިޓާ ކުރާނެ ކަމަށެވެ. ޚާއްސަކޮށް އަތޮޅުތެރޭގައި ތިބި ޕޭޝަންޓުންނަށް ވަކި ޤަވާއިދެއްގެ ދަށުން އެ ސެންޓަރުން ގުޅާ ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތް ބަލާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ކޮންމެ ތިން މަހަކުން އެއް ފަހަރު ހުރިހާ ޕޭޝަންޓުންނަށް ގުޅާ ޙާލަތު ބަލާނެ ކަަމަށް އުމަރު ވިދާޅުވި އެވެ. އަދި ޙާއްސަ އެހީތެރިކަން ބޭނުންވާނަމަ އިތުރު ސަމާލުކަން ދީގެން ފުރިހަމަ ގޮތުގައި ފަރުވާ ކުރިއަށް ގެންދިއުމަށް މަގުފަހިކޮށް ދޭނެ ކަމަށް ވިދާޅުވި އެވެ.

"ގާތުން ޕޭޝަންޓުންގެ ޙާލަތު ބެލި ދޭން ޖެހޭ ފަރުވާ ވަގުތުން ވަގުތަށް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ," ޑރ. އުމަރު ވިދާޅުވި އެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ތެލެސީމިއާ ކުދީންނާއި މީހުންގެ 50 ޕަސެންޓް އުޅެނީ އަަތޮޅުތަކުގައި ކަމަށެވެ. އެ ޕޭޝަންޓުންގެ ކަންކަމުގައި ހަރުދަނާ ކުރަން ޖެހޭ ކަންކަން ހުރިކަން ފާހަގަ ކުރައްވާ ޙަލީމް ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ ތެލެސީމިއާ ޕޭޝަންޓުންގެ ކަންކަން ވަރަށް ގާތުން ބަލާނެ ކަމަށެވެ.

އަދި ވިދާޅުވީ ޑޮކްޓަރަށް ދެއްކުމުގައި ދަތިވާނަމަ އެހީތެރިވާނެ ކަމަށާ ސްޕެޝަލިސްޓަކަށް ދައްކަން ޖެހިއްޖެނަމަ އެކަމުގައިވެސް ފުރިހަމަ އެހީތެރިކަން އެ ސެންޓަރުން ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ކަމެއް ދިމާވެއްޖެނަަމަ ސީދާ ސެންޓަރަށް ގުޅޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު