ENGLISH
03 ސެޕްޓެމްބަރު 2025
އިތުރު ފަސް އަތޮޅެެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށަނީ
03 ސެޕްޓެމްބަރު 2025
|
އާރުޓީއެލް ފެރީގެ ޚިދުމަތް ބ އަތޮޅުގައި ފެށުން -- ފައިލް ފޮޓޯ
ރާއްޖެ ޓްރާސްޕޯޓް ލިންކްް (އާރުޓީއެލް) ޚިދުމަތް އިތުރު އަތޮޅުތަކެއްގައި ފެށުމުގެ މަަސައްކަތް ކުރަމުންދާ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އާރުޓީއެލް ޕްރޮޖެކްޓްގެ ދަށުން ޒޯން ހަތަރެއްގައި ހިމެނޭ ފަސް އަތޮޅު ކަމަށްވާ މ އަތޮޅާއި ފ އަތޮޅާއި ދ އަތޮޅާއި ތ އަތޮޅުގެ އިތުރުން ލ އަތޮޅު ގައި ދަތުރުފަތުރުގެ ނިޒާމު ޤާއިމު ކުރުމަށް އެހީތެރިކަން ދިނުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) ގެ ކޮންސަލްޓަންޓުންނާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ކަމަށެވެ.
މި ބައްދަލުވުމުގައި ޖައިކާގެ ފަރާތުން މިހިގާ ސެޕްޓެންބަރު އަދި އޮކްޓޯބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާރވޭއާ ބެހޭ މަޢުލޫމާތު އަދި އެސާރވޭތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޓައިމްލައިން މިނިސްޓްރީއާ ޙިއްސާ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް އެންމެ ފަހުން ފަށާފައި ވަނީ ބ އަތޮޅުގަ އެވެ. އެ ޚިދުމަތް އެ އަތޮޅުގައި ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.
މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާކުރާނަމަ އިތުރު 56 އުޅަނދު ބޭނުންވާނެ ކަމަށާ އެ އުޅަނދުތައް ބަނުމަށް ހަވާލު ކުރުމުގެ މަަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ކުރީން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އޮތީ އަންނަ އަހަރުގެ ނިޔަލަށް ނަމަވެސް އެ މަޝްރޫޢު ހަލުވި ކުރައްވާ މި އަހަރުގެ ނިޔަލަށް އެ މަސައްކަތް މުޅީން ނިންމާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފަ އެވެ.