ENGLISH
03 ސެޕްޓެމްބަރު 2025
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ފަންނީ ޤާބިލްކަމުގެ އޮނިގަނޑެއް އެކުލަވާލާ އަމަލުކުރަން ފަށައިފި
02 ސެޕްޓެމްބަރު 2025
|
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ފަންނީ ޤާބިލްކަމުގެ އޮނިގަނޑެއް އެކުލަވާލާ އަމަލުކުރަން ފެށުން --
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ފަންނީ ޤާބިލްކަމުގެ އޮނިގަނޑެއް އެކުލަވާލާ އަމަލުކުރަން ފަށައިފި އެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ޤާނޫނު އަސާސީ އާއި ކޮމިޝަނުގެ ޤާނޫނުން މަތިކޮށްފައިވާ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެކުލަވާލާފައިވާ ތަޞައްވުރަށް ވާޞިލުވުމަށާއި، ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ކޮމިޝަނުން ޤަބޫލުކުރާ ހަމަތައް ނެގެހެއްޓުމަށް ކޮމިޝަނުގެ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ ޤާބިލުކަމާއި، ފަންނީ ޤާބިލުކަން ކަނޑައަޅާފައިވާ މައި އޮނިގަނޑު މިއަދު އިފްތިތާޙު ކޮށްފައިވާ ކަމަށެވެ. މި ފްރޭމްވާކް އިފްތިތާޙު ކޮށްދެއްވީ ކޮމިޝަނުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީ އެވެ.
މި ފްރޭމްވޯކްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ލިޔެވި ފެންނަން އޮތުމާއި، ނަތީޖާ ރަނގަޅުކުރުމަށް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރުމުގެ އިތުރުން ކޮމިޝަނުގެ މުވައްޒަފުން އުނގެނި ދަސްކުރުމަށް ބޭނުންކުރެވޭނެ މަގުޗާޓެއް ތައްޔާރުކުރެވިފައި އޮތުން ހިމެނެއެވެ.
މި އޮނިގަނޑު އެކުލެވިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ "ޖެނެރަލް ކޮމްޕީޓެންސީ"، "ޓެކްނިކަލް ކޮމްޕީޓެންސީ" އަދި "މެނޭޖީރިއަލް ކޮމްޕީޓެންސީ"އެވެ. މީގެ ތެރެއިން "ޖެނެރަލް ކޮމްޕީޓެންސީ" އަކީ ހުރިހާ މުވައްޒަފުންގެ ކިބައިގައިވެސް ހުންނަންޖެހޭ އަސާސީ ސިފަތަކާއި ހުނަރުތަކެވެ. "ޓެކްނިކަލް ކޮމްޕީޓަންސީ" އަކީ އެ މަޤާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން އެނގެންޖެހޭ ޢިލްމާއި މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަމެވެ. އަދި "މެނޭޖީރިއަލް ކޮމްޕިޓެންސީ"އަކީ ވެރިންނަށް އެމީހުންގެ މަސްއޫލިއްޔަތުތައް ހަރުދަނާކަމާއެކު އަދާކުރުމަށާއި، އިދާރާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓީމުތަކަށް މަގުދެއްކުމަށް ބޭނުންވާ ހުނަރުތަކާއި، މަޢުލޫމާތާއި، އަމަލުތަކާއި އަދި ސިފަތަކެވެ.
މި ފްރޭމްވޯކްގައި ކޮންމެ ކޮމްޕީޓެންސީއެއްގައި ތިން ފަންތިއެއް ކަނޑައަޅާފައިވެއެވެ. އެއީ ބޭސިކް ލެވެލް (ލެވެލް 1)، އިންޓަމީޑިއޭޓް ލެވެލް (ލެވެލް 2) އަދި އެޑްވާންސް ލެވެލް (ލެވެލް 3) އެވެ. މި ލެވެލްތައް ކަނޑައަޅާފައިވަނީ މުވައްޒަފުންގެ މަޤާމުތަކާއި ފަންތިތަކަށް ބަލައިގެންނެވެ.
މި ފްރޭމްވާކްގެ ސަބަބުން މުވައްޒަފުންނަށް އެ މުވައްޒަފެއްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތަކަކީ ކޮބައިކަން ސާފުކޮށް އެނގި ކޮމިޝަނަކީ ޤާބިލު މުވައްޒަފުންތަކެއް މަސައްކަތްކުރާ، ނަތީޖާ ނެރޭ މުއައްސަސާއަކަށް ވެގެންދާނެ އެވެ.