ENGLISH
03 ސެޕްޓެމްބަރު 2025
އެސްއޯއީތަކުގެ ސެކްރެޓަރީންގެ މަގާމަށް އާ އުސޫލެއް
02 ސެޕްޓެމްބަރު 2025
|
އެސްޓީއޯ - ފޮަޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންގެ މަގާމަށް އާ އުސޫލެއް އެކުލަވާލައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންގެ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، އެ މަގާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި އަމަލު ކުރާނެ ގޮތުގެ އާ އުސޫލެއް އެކުލަވާލައި، އެ އުސޫލު އެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.
އެ ބޯޑުން ބުނީ މި އުސޫލު ފާސްކޮށްފައިވަނީ 27 އޮގަސްޓް 2025 ގައި ބޭއްވުނު ޕީސީބީ ގެ ޖަލްސާގައި ކަމަށެވެ.
މިއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެއް ކަން ޕީސީބީން ފާހަގަކުރެއެވެ.
ޕީސީބީ އިން ބުނީ، މި އުސޫލުގެ މައިގަނޑު މަގްސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންނަކީ ކަމަށް އެކަށޭނެ ގާބިލު ބަޔަކަށް ހެދުމަށާއި، މަގާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުމަށާއި، އެ މަގާމަށް މީހުން ނެގުމާއި މަގާމުން ވަކިވުމާއި ވަކިކުރާނެ އުސޫލުތައް އެއް އުސޫލަކުން ދެފުށްފެންނަގޮތަކަށް ބަޔާންކުރުން ކަމަށެވެ.
މީގެ އިތުރުން، ކުންފުނީގެ ސެކްރެޓަރީންގެ މަސައްކަތާއި، ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ މަގާމަށް ދޭންޖެހޭ ހައިބަތާއި ގަދަރު ލިބުމަށް މަގުފަހިކުރުމަށްވެސް މި އުސޫލުން ބާރު އަޅާކަން ފާހަގަކޮށްފައިވެއެވެ.
މި އުސޫލުގައި، ކުންފުނީގެ ސެކްރެޓަރީގެ މަގާމުގެ ތައުލީމާއި ތަޖުރިބާގެ ޝަރުތުތަކާ، މަގާމުގެ ޒިންމާތަކާއި، ކުންފުނީގެ ސެކްރެޓަރީން އައްޔަނުކޮށް ވަކިކުރެވޭނެ އިޖުރާއަތުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މި އުސޫލުގެ ފުރިހަމަ ތަފްސީލުތައް ހިމެނޭ ސާރކިއުލާރ ޕީސީބީ އިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުވައިފައެވެ.