ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އެސްޑީއެފްސީ އޮތް ހާލަތު؛ އެމްޑީޕީ އެކްޓިވިސްޓުންނަށް ބަހާލި ލާރީގެ 41 އިންސައްތަ ނުދައްކާ

02 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެސްޑީއެފްސީ ބީއެމްއެލްއަށް ވިއްކައިލަން ސަރުކާރުންވަނީ ނިންމާފަ، ފޮޓޯ: މިހާރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ގޮތެއްގައި ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީ ސަރުކާރުގައި 2019 ވަނަ އަހަރު އުފެއްދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދޫކުރި ލޯނުތަކުގެ ބޮޑު ބަޔަކަށް ބަރާބަރަށް ފައިސާ ނުލިބި "ނޮން ޕާފޯމިން އެސެޓް"ގެ ގޮތުގައި ކަނޑައަޅާފައިވާކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓަކުން ހާމަވެއްޖެއެވެ. 

2019 ވަނަ އަހަރު އެ ކުންފުނި އުފެއްދި ތާރީހުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އެސްޑީއެފްސީއަށް ފިނޭންސް މިނިސްޓްރީން ރައުސުލްމާލުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އުފެއްދި ތާރީހުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް ފައިދާއެއް ނުވެއެވެ. ނަމަވެސް މާލީ ހާލަތު ރަނގަޅުކުރުމަށް ކުންފުނިން އެޅި ފިޔަވަޅުތަކުގެ ސަބަބުން 2024 ވަނަ އަހަރު އެ ކުންފުންޏަށް 45.21 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. 

އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް އެސްޑީއެފްސީން 1.5 ބިލިއަަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. އެ ލޯނުތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ 1.3 ބިލިއަން ރުފިޔާއެވެ. ނަމަވެސް އެ އަހަރު ނިމުނުއިރު އެ ފައިސާގެ ތެރެއިން 554 މިލިއަން ރުފިޔާއަކީ އަނބުރާ ނުދައްކާތާ 90 ދުވަހަށްވުރެ ގިނަ ދުވަސްވެ ނަން ޕާފޯމިން އެސެޓުގެ ގޮތުގައި ކަނޑައަޅާފައިވާ ލޯނު ކަމުގައި އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

ނޮން ޕާފޯމިން އެސެޓުގެ ގޮތުގައި ކަނޑައަޅާފައިވާ 557 މިލިއަން ރުފިޔާގެ ތެރެއިން 150 ލޯނަށް ދޫކުރި 107 މިލިއަން ރުފިޔާ ރައިޓް އޯފްކޮށްފައިވެއެވެ. މާނައަކީ އަނބުރާ އެ ކުންފުންޏަށް ނުލިބޭނެ ފައިސާ ކަމުގައި އެ ކުންފުނިން ކަނޑައަޅާފައިވެއެވެ. 

އެ 150 ލޯނުގެ ތެރެއިން 10 މިލިއަން ރުފިޔާއަކީ އަނބުރާ ހޯދުމަށް ގާނޫނީ ފިޔަވަޅެއް އެޅުމެއް ނެތި ނުލިބޭނެކަމަށް ނިންމާފައިވާ ފައިސާއެވެ. އަދި ނުވަ ލޯނަކަށް ދޫކޮށްފައިވާ ފަސް މިލިއަން ރުފިޔާ ނުލިބޭނެކަމަށް ކަނޑައެޅިއިރު އެ ފައިސާއާ ގުޅޭ މައްސަލަތައް އޮތީ ކޯޓުގައި ރަޖިސްޓްރީކޮށްފައެވެ. އިތުރު 57 ލޯނަކަށް ދޫކުރި 49 މިލިއަން ރުފިޔާ ނުލިބޭނެކަމަށް ނިންމީ ކޯޓުގައި އެ ލޯނުތަކާ ގުޅޭ މައްސަލަ ކުރިއަށްދަނިކޮށެވެ. 

މިގޮތަށް ނުލިބޭނެ ކަމުގައި ކަނޑައެޅި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 2024 ވަނަ އަހަރުގެ ނިޔަލަށް އަނބުރާ ހޯދުނީ އެންމެ 12 މިލިއަން ރުފިޔާ ކަމުގައި އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ. 

ނަން ޕާފޯމިން އެސެޓު (އެންޕީއޭ)ގެ ގޮތުގައި ކަނޑައަޅާފައިވާ 389 ލޯނުގެ ތެރެއިން 116 ލޯނަކީ އެއް މިލިއަން ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރުމަށް ހުއްދަދީފައިވާ ލޯނުތަކެވެ. މި ލޯނުތަކަށް 287 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2023 ގެ ނިޔަލަށް އެ ލޯނުތަކަށް ލިބެންޖެހޭ ފައިސާގެ އަދަދަކީ 289 މިލިއަނެވެ. އަދި ގަވާއިދުން ފައިސާ ނުދައްކާތީ 70 މިލިއަން ރުފިޔާ އޯވާޑިއުވެފައިވެއެވެ. 

އޭގެ އިތުރަށް ސަރުކާރުން ހިންގާ އެކި ޕްރޮގްރާމުތަކުގެ ދަށުން އެ ކުންފުންޏާ ހަވާލުކޮށްގެން ދޫކޮށްފައިވާ ލޯނުތަކާއި ފެސިލިޓީތަކުގެ ކީސާއިން ދޫކުރި ލޯނުތަކުގެ ބޮޑު އިންސައްތައެއް ނަން ޕާފޯމިން އެސެޓަށް ވެފައިވެއެވެ. އެގޮތުން ޑިސެންބަރު 2023 ގެ ނިޔަލަށް އެ ލޯނުތަކުގެ އައުޓްސްޓޭންޑިންގެ ގޮތުގައި 954 މިލިއަން ރުފިޔާ ހުރިއިރު އެއިން 197 މިލިއަން ރުފިޔާއަކީ ނުލިބި އޯވާޑިއުވެފައިވާ ފައިސާއެވެ. 

މި މައްސަލަތައް ބޮޑުވެ އެ ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް ސަރުކާރުންވަނީ ބީއެމްއެލްއަށް އެސްޑީއެފްސީ ވިއްކައިލަން ނިންމާފައެވެ. އެއާއެކު އެސްޑީއެފްސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ކުރާ މަސައްކަަތް ދެން ކުރާނީ ބީއެމްއެލްއިންނެވެ. އަދި އެ ކުންފުންޏަށް ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތްވެސް ދެން ހިނގާނީ ބީއެމްއެލްގެ ދަށުންނެވެ. 

ކިޔުންތެރިންގެ ހިޔާލު