ENGLISH
03 ސެޕްޓެމްބަރު 2025
ތިލަފުށީ ލޮޖިސްޓިކްސް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި
02 ސެޕްޓެމްބަރު 2025
|
ތިލަފުށީގައި ލޮޖިސްޓިކްސް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމްޓީސީސީ
ތިލަފުށީގައި ތަރައްގީކުރާ އިންޓަގްރޭޓެޑް ލޮޖިސްޓިކްސް ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެ މަޝްރޫއު ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގެ ދަށުން ތަރައްގީކުރަނީ 2000 ކޮންޓެއިނަރުގެ ޖާގައިގެ ސަރަހައްދެކެވެ. އެމްޓީސީސީން ކުރަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތެވެ.
އެމްޓީސީސީން ވަނީ އެ މަޝްރޫއުގެ ދަށުން، 60 މީޓަރުގެ އެތެރެ ތޮއްޓެއްލުމާއި، 15 މީޓަރުގެ ތޮއްޓެއް ލުމުގެ އިތުރުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މުޅި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، އެމްޕީއެލްގެ އޮފީސް އިމާރާތަކާއި ވޯކްޝޮޕެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އިތުރު ވަސީލަތްތައް ތަރައްގީކޮށް އޮޕަރޭޝަންތައް ހަލުވިކުރެވިގެންދާނެކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
މާލޭގެ ވިޔަފާރި ސަރަހައްދު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ސަރަހައްދަށް ނޯތު ހާބަރާއި ޓީޖެޓީވެސް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ ޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި ދެއަހަރުތެރޭ ހިދުމަތްތައް ބަދަލުކުރުމެވެ.
އެމްޕީއެލްއިން ޕޯޓް ބަދަލުކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށްގެންދަނީ މާލެ އާއި ހުޅުމާލޭގެ ވިޔަފާރި ބަނދަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުންނެވެ.