ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން ބާރު ސްޕީޑުގައި، 72 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކޮށްފި

02 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ސަރަހައްދުގެ 72 މީޓަރު ޝީޓް ޕައިލްކޮށް ނިންމާލާފައިވާކަމަށް، އެ މަސައްކަތްކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ. 

މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އެމްޓީސީސީން އާއްމުކުރީ އިއްޔެއެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރަނީ ރަސްމީ ފާލަން ހިމެނޭ ސަރަހައްދެވެ. އެ މަސައްކަތް އަމަލީގޮތުން ފެށީ އޮގަސްޓް 21 ވަނަ ދުވަހު އެވެ.

ޝީޓް ޕައިލިންގެ މަސައްކަތަކީ މަގު ހެދުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތެވެ. ފުރަތަމަ ފިޔަވަހީގެ އެމަސައްކަތް ނިންމުމާއެކު، އެސަރަހައްދު ހިއްކައި، މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރާނެއެވެ. 

އެމްޓީސީސީން ބޮޑުތަކުރުފާނުގެ އުތުރުފަރާތުން 830 މީޓަރުގެ ސަރަހައްދުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން 737 މީޓަރު ސަރަހައްދުގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުން. އެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށް. --ފޮޓޯ: އެމްޓީސީސީ

އެ މަޝްރޫއުގެ ދަށުން ތާރުއަޅައި ސަބްބޭސް ތައްޔާރުކޮށް ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ. މުޅި މަގު ތަރައްގީކުރާނީ ހަތަރު ލޭން ހިމެނޭ ގޮތަށެވެ. 

މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެ ސަރަހައްދު ބަންދުކުރީ އޮކްޓޫބަރު 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި އެ ސަރަހައްދުގެ ފަޅު ވެސް ބަންދުވާނެއެވެ. 

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ތަރައްގީކުރެވުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެއެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގައި ޓްރެފިކް ތޮއްޖެހުން އިތުރުވެ، ދަތުރުފަތުރުކުރާ އުޅަނދުތަކަށާއި އާއްމުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެއެވެ. އެހެންނަމަވެސް މަގު ތަރައްގީކުރުމާއެކު، އެ ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެއެވެ. 

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މާލޭގެ އެހެން މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު