ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް 28 މިލިއަން ރުފިޔާ ދޫކޮށްފި

02 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

އިލެކްޝަންސް ކޮމިޝަންގެ އޮފީހުގެ ބޭރު. --ފޮޓޯ: ރާއްޖެއެމްވީ

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން މެންބަރުން ހަމަވާ ފަސް ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން 28 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާއްމުކުރި މަޢުލޫމާތުގައި ބުނެފައިވަނީ، އެ ފައިސާ ޕާޓީތަކަށް ދޫކުރަން ބޭންކުތަކަށް ފޮނުވާފައިވާ ކަމަށެވެ. 

ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. 

"މި ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، 2025 ވަނަ އަހަރުގެ ބަޖެޓުގެ އާމްދަނީން ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު، މިއަދު ވަނީ ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކުރުމަށް ބޭންކްތަކަށް ފޮނުވާފައި." - އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާއްމުކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ. 

ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ސިޔާސީ ޕާޓީތަކަށް ދޫކުރަނީ ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ 2024 ޑިސެމްބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ދޫކުރީ ޕާޓީގައި ތިބި މެންބަރުން ތިބި ނިސްބަތުން ކަމަށެވެ. އެގޮތުން ފައިސާ ދޫކުރީ އެވްރެޖްކޮށް ބޮލަކަށް 193.23 ރުފިޔާގެ މަގުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. 

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރި ފަސް ޕާޓީއަކީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި ޢަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ. 

އެންމެ ގިނައިން ފައިސާ ލިބުނީ އެންމެ މެންބަރުން ގިނަ ޕީއެންސީއަށެވެ. އެގޮތުން ޕީއެންސީއަށް ވަނީ 13 މިލިއަން ރުފިޔާ ލިބިފައެވެ. 

ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފްސީލް: 

  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 13,316,689.57 
  • ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 8,454,780.51
  • ޖުމްހޫރީ ޕާޓީ (ޖޭޕީ) -  2,656,598.57
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 1,769,648.69
  • ޢަދާލަތު ޕާޓީ - 1,713,538.65
ކިޔުންތެރިންގެ ހިޔާލު