ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ އެސްސީއޯ ޕްލަސް ބައްދަލްވުމުގައި ބަޔާން އިއްވަވައިފި

01 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްސީއޯ ޕްލަސް ބައްދަލްވުމުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން އެ ބައްދަލްވުމުގައި ބަޔާން އިއްވަވައިފި އެވެ.

މިއަދު އޮތް ބައްދަލުވުން އިފްތިތާޙު ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ އިސްނެންގެވުމުގެ މަތީން، ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި، އަމާންކަމާއި، ހަމަޖެހުމާއި ތަމައްދުނަށް މަސައްކަތް ކުރެއްވުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.

އެގޮތުން ރައީސް ޝީ ވަނީ، ބައިނަލްއަޤުވާމީ އެއްބާރުލުމާއި، ތަރައްޤީއާއި އަދި ހިންގުމަށް އެދެވޭ ބަދަލުތައްގެނައުމުގެ އަމާޒުގައި ހުށަހަޅުއްވާފައިވާ ބައިނަލްއަޤުވާމީ ސިލްސިލާގެ ތެރޭގައި ހިމެނޭ، ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވް (ޖީސީއައި) ތަޢާރަ ފުކޮށްދެއްވާފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި ދިވެހިރާއްޖެއަކީ ވިލުންތެރި، ޢަޒުމު ވަރުގަދަ ޤައުމެއްގެ ގޮތުގައި ސިފަކުރައްވައި، ދިވެހިރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވަށް ދިވެހިރާއްޖެއިން ތާއީދުކުރައްވާކަން ހާމަކުރައްވައި، ބައިނަލްއަޤުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނުއްވުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައިކަން ހާމަކުރައްވައި، ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް އެކުގައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

އެސްސީއޯ ޕްލަސް ބައްދަލުވުމަކީ، އެސްސީއޯގެ މެންބަރު ޤައުމުތަކާއި، ޕާޓްނަރ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ހިއްސާކުރާ ގޮންޖެހުންތަކާއި، ނުރައްކާތަކާއި، އިޤްތިޞާދީ އިންޓެގްރޭޝަނާއި ގްލޯބަލް ގަވަނަންސް ފަދަ މައުޟޫޢުތަކުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ހުޅުވާލާފައިވާ މަންސައެކެވެ.

ކިޔުންތެރިންގެ ހިޔާލު