ENGLISH
04 ނޮވެމްބަރު 2025
މަސް ބޭރުކުރި މިންވަރު %88.8 އިތުރުވެއްޖެ
01 ސެޕްޓެމްބަރު 2025
|
މަސްވެރިންތަކެއް މަސް ކިރުވަނީ،
ރާއްޖެއިން މަސް ބޭރުކުރި މިންވަރު 88.8 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންް ހާމަކޮށްފައިވާ އިގުތިސާދީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން މަހަކު އެއްފަހަރު އާއްމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ރާއްޖެއިން 52،763.9 މެޓްރިކްޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބާރުކުރިއެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރުކުރި މަހާއި މަހުގެ އުފެއްދުންތަކަށްވުރެ 88.8 އިންސައްތަ އިތުރު މިންވަރެކެވެ.
މި އަހަރު އެންމެ ބޮޑަށް އިތުރުވީ ގަނޑުކޮށް، ފިނިކޮށް އަދި ތާޒާކޮށް ބޭރުކުރި ކަނޑު މަހެވެ. އެގޮތުން ނިމުނު އަހަރު 23،234.7 މެޓްރިކްޓަނުގެ ކަނޑުމަސް ގަނޑުކޮށް އަދި ފިނިކޮށް ނުވަތަ ތާޒާކޮށް ބޭރުކުރިއިރު މި އަހަރު އެ އަދަދުވަނީ 47،902 މެޓްރިކްޓަނަށް އިތުރުވެފައެވެ. އެއީ 106.2 އިންސައްތައިގެ އިތުރުވުމެކެވެ.
އެގޮތުން ތާޒާކޮށް ނުވަތަ ގަނޑުކޮށްގެންނާއި ފިނިކޮށްގެން ބޭރުކުރި ކަޅުބިލަމަހުގެ އަދަދު ނިމުނު އަހަރު 17،308 މެޓްރިކް ޓަނުގައި ހުރުމަށްފަހު މި އަހަަރު އެ އަދަދުވަނީ 42،588.4 މެޓްރިކްޓަނަށް އިތުރުވެފައެވެ. އަދި 5،212 މެޓްރިކްޓަނުގެ ބޮޑުކަންނެލި ނުވަތަ ރީނދޫ އުރަހަ ކަންނެލި މި އަހަރު ބޭރުކުރިއެވެ.
މި އަހަރުގެ މިހާތަނަށް ކަނޑުމަސް ނޫން އެހެނިހެން މަސް ބޭރުކުރި މިންވަރުވެސް ނިމުނު އަހަރަށްވުރެ އިތުރުވެފައިވެއެވެ. އެގޮތުން މި އަހަރު ކަނޑުމަސް ނޫން އެހެނިހެން ބާވަތްތަކުގެ 430.2 މެޓްރިކްޓަނުގެ މަސް ގަނޑުކޮށްގެންނާއި ފިނިކޮށް އަދި ތާޒާކޮށް ބޭރުކުރިއެވެ. އެއީ ނިމުނު އަހަރަށްވުރެ 10 އިންސައްތަ އިތުރު އަދަދެކެވެ.
އޭގެ އިތުރަށް އަހަރުގެ މިހާތަނަށް ޕައުޗުގައި ބަންދުކޮށްގެން ނުވަތަ ދަޅުގައި ބަންދުކޮށްގެން 3،536 މެޓްރިކްޓަނުގެ މަސް ބޭރުކޮށްފައިވެއެވެ. އަދި އެހެނިހެން ގޮތްގޮތަށް ޕްރޮސެސްކޮށްގެން 895 މެޓްރިކްޓަނުގެ މަސް ބޭރުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މަސް ކިރުވި މިންވަރާއި މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރު އިތުރުވި މައިގަނޑު ސަބަބަކީ ނިމުނު އަހަރުގެ ޑިސެންބަރު ދިހަވަނަ ދުވަހުން ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށުމެވެ.
ސަރުކާރުގެ މި ސިޔާސަތަކާއެކު މަހަށް ފުރާ އުޅަނދުފަހަރާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު އިތުރުވިއެވެ. އޭގެ އިތުރަށް މަސް ކިރުވާ މިންވަރުވެސް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.