ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

މުޖުތަމައަށް އަންނަ ބަދަލުތަކާ އެއްވަރަށް ފުލުހުން ތަރައްގީވާންޖެހޭ: އިހުސާން

01 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ޕޮލިސް

ފުލުހުންގެ ހިދުމަތް ދިނުމުގައި މިހާރު ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަަށް ހޭވެރިވެ، އެ ބަދަލުތައް ރަނގަޅަށް އެނގިގެން ހިދުމަތް ދޭންޖެހޭކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

އިހުސާން މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުންގެ ހިދުމަތް ވަކިކުރުމަށްފަހު، މިހާރު ފުލުހުންގެ ހިދުމަތުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ރައްޔިތުންގެ ހައްގުތައް އެމީހުންނަށް ކަށަވަރުކޮށްދިނުމެވެ. 

އިތުރަށް އިހުސާން  ވިދާޅުވީ މީހެއްގެ ހައްގަށް އެހެން މީހަކު އަރައިގަނެގެން އެކަމުގެ ގިލަންވެރިކަމާއި ހިތްދަތިކަން ރައްޔިތުން އިހުސާސްކުރާ ވަގުތު އެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ފޯރުކޮށްދީ، އެމީހުންނަށް ތަސައްލީ ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރަނީ ފުލުހުން ކަމަށެވެ. 

ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މުޖުތަމައަށް އަންނަމުންދާ ބޮޑެތި ބަދަލުތައް ފުލުހުން ދެނެގަންނަންޖެހޭކަމަށް އިހުސާން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި ކުށުގެ ވެށި ބަދަލުވެ ކުރިއަރަމުންދާއިރު އެއާ އެއްވަރަށް ފުލުހުންވެސް ކުރިއަރައި ތަރައްގީވާންޖެހެއެވެ. 

"ދިވެހިރާއްޖެއަކީ ވަކި އޮންނަ ތަނަކަށްވިޔަސް ދުނިޔޭގެ އިމާޖިން ކްރައިމް އެންވަޔަރަމެންޓުގައި ރާއްޖެވެސް އޮތީ ވަރަށް އެއްފައި ހަމަކޮށްފަ. ހާއްސަކޮށް ސައިބަރސްޕޭސްގައި ހިނގަމުންދާ ކަންކަމުގައި ކްރައިމް އެންވަޔަރަމެންޓު އޮތް ގޮތުން އަޅުގަނޑުމެންނަށްވެސް މިހިސާބުން ވަރަށް ބޮޑެތި ބަދަލުތައް އަޅުގަނޑުމެންގެ ޕޮލިސިންއަށް ގެންނަންޖެހޭ،" އިހުސާން ވިދާޅުވިއެވެ. 

އިހުސާން ވިދާޅުވި ގޮތުގައި ސައިބަރ ކްރައިމް ނުވަތަ އިންޓަނެޓުގެ ޒަރީއާއިން ހިންގާ ކުށްތައް ފުޅާވަމުންދާ މިންވަރަށް ފުލުހުންނަށް އެ ދާއިރާގެ ތަމްރީނު ފޯރުކޮށްދީ، ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހެއެވެ. 

އިހުސާން އިތުރަށް ވިދާޅުވެފައިވަނީ ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދެއްވުމާއި، އުމްރާނީ ވަސީލަތްތައް ގާއިމުކޮށްދެއްވުމާއި، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ ފައިހަމަވާނެ ގޮތަށް ވަސީލަތްތައް ގާއިމުކޮށްދެއްވައި، އިންސާނީ ވަސީލަތްތައް އެއާ އެކަށޭނެ ގޮތަކަށް ތަރައްގީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަންކަމެވެ. 

މިނިސްޓަރުވަނީ މުޖުތަމައުގެ އެއްބައިވަންތަކަން ދަމަހައްޓައި، ގައުމެއްގެ ގޮތުގައި ދިވެހި ގައުމު ދެމިއޮތުމަށް ފުލުހުންނަށް ވަރަށް ގިނަ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވެ، މުޖުތަމައުގައި ހުންނަ އެކި ކަހަލަ ނުތަނަވަސްކަން ކުޑަކޮށް މުޖުތަމައުގައި އޮންނަންޖެހޭ ކުލުނުވެރިކަމާއި ލޯބި އިއާދަކުރުމަށް މަސައްކަތްތަކެއް ކުރެވޭނެކަން ފާހަގަކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު