ENGLISH
01 ސެޕްޓެމްބަރު 2025
ފުލުހުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައި، ޚިދުމަތްތެރީންގެ އަގުވަޒަންކޮށްފި
01 ސެޕްޓެމްބަރު 2025
|
ފުލުހުންގެ ޚިދުމަތުގެ ރަސްމީ ޖަލްސާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފުލުހުންނަށް ހަނދާނީ ފިލާ އަރުވަނީ. --ފޮޓޯ: ފުލުހުންގެ ޚިދުމަތް
ދިވެހި ފުލުހުންގެ ޚިދުމަތުގެ 21 ވަނަ އަހަރީ ޖަލްސާ ބާއްވައިފިއެވެ.
ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގައެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
ރަސްމިިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ފުލުހުންނާއި އާއްމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ރަސްމިއްޔާތުގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ފުލުހުންނަށް ހަނދާނީ ފިލާ ދީފައެވެ. އެގޮތުން، ފުުލުހުންގެ ޚިދުމަތުގައި 35 އަހަރާއި 30 އަހަރުގެ އިތުރުން 25 އަހަރު އަދި 20 އަހަރު ޚިދުމަތްކުރައްވާފައިވާ ފުލުހުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެ ފުލުހުންނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ވަޒީރު ޢަލީ އިޙްސާންއެވެ.
ފުލުހުންގެ ޚިދުމަތުގެ ރަސްމީ ޖަލްސާގެ ތެރެއިން. ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
ނަވާރަ ސަތޭކަ ތިރީސް ތިން ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހު ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފެށުނު ނަމަވެސް ފުރަތަމަ އެ ޚިދުމަތް ދެމުން ގެންދިޔައީ ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ނަމުގައި ސިފައިންގެ ޚިދުމަތާއި އެކުގަ އެވެ.
ނަމަވެސް ރާއްޖެއަށް ގެންނަމުންދިޔަ އިސްލާހީ ބަދަލުތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މަދަނީ ވަކި ޚިދުމަތެއްގެ ގޮތުގައި ޤާއިމުވެގެންދިޔަ އެވެ.
އޭގެ ފަަހުން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ ފުރަތަަމަ ދުވަސް ފާހަގަކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ގޮތުގަ އެވެ.