ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

އޮގަސްޓް މަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ނުވަ އިންސައްތަ އިތުރުވެއްޖެ

01 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުން. ފޮޓޯ: މޯލްޑިވިއަން

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް 9 އިންސައްތަ އިތުރުވެއްޖެއެވެ. 

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު އާއްމުކުރި ފަތުރުވެރިންގެ ތަފާސްހިސާބުގައި ވާގޮތުން، އޮގަސްޓް މަހު ވަނީ 192،058 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 176،175 ފަތުރުވެރިންނެވެ. އޭގެކުރީއަހަރު، 2023 ވަނަ އަހަރު އޮގަސްޓް މަހު ރާއްޖެ ޒިޔާރަތްކުރީ 154،854 ފަތުރުވެރިންނެވެ. 

ތަފާސްހިސާބުތައް އަޅާކިޔާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހަށް ވުރެ މިއަހަރުގެ އޮގަސްޓް މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 9 އިންސައްތަ އިތުރެވެ. 

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް މިއަހަރުގެ ފުރަތަމަ 8 މަހުގެ ތެރެއިން ދަށަށް ދިޔައީ ހަމައެކަނި ފެބްރުވަރީ މަހެވެ. އެ މަހު އެ ނިސްބަތް 1.5- އަށް ވެއްޓުނު ނަމަވެސް އެހެން ހުރިހާ މަހެއްގައި ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައެވެ. 

އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތަށް އައި ކުރިއެރުން: 

  • ޖަނަވަރީ: 11.7 އިންސައްތަ
  •  މާރިޗު: 4.8 އިންސައްތަ
  • އޭޕްރީލް: 17.8 އިންސައްތަ 
  • މެއި: 13.1 އިންސައްތަ
  • ޖޫން: 15 އިންސައްތަ 
  • ޖުލައި: 11.5 އިންސައްތަ 
  • އޮގަސްޓް: 9 އިންސައްތަ 

އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 1،486،926 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 2،046،615 އެވެ. 

މިއަހަރު ވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ދެވަނައިގައި ރަޝިއާ އުޅޭއިރު ލިސްޓުގެ ގަދަ ފަހެއްގައި ދެން އުޅެނީ އިނގިރޭސިވިލާތާއި އިޓަލީގެ އިތުރުން ޖަރުމަނެވެ. 

އޮގަސްޓް 31 ގެ ނިޔަލަށް ފަތުރުވެރިން: 

  • ޗައިނާ: 235،245 
  • ރަޝިއާ: 177،581 
  • އިނގިރޭސިވިލާތް: 134،114 
  • އިޓަލީ: 106،230 
  • ޖަރުމަނު: 102،496 

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އޮގަސްޓް މަހުގެ ނިޔަލަށް 62 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ފަތުރުވެރިން ދެން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. ގެސްޓްހައުސްތަކަށް 24 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަފާރީތަކަށް 5 އިންސައްތަ ފަތުރުވެރިން އަދި ގެސްޓް ހޮޓާތަކަށް 4 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. 

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.2 ބިލިއަނަށް އެރުވުމެވެ. އެ އަމާޒަށް ވާސިލްވުމަށް ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު