ENGLISH
04 ސެޕްޓެމްބަރު 2025
ރައީސްގެ ދަތުރުފުޅާއެކު ޗައިނާއާ ގުޅުން ބަދަހިވެ، ރައްޔިތުންނަށް ފައިދާކުރާނެ: ޒަމީރު
01 ސެޕްޓެމްބަރު 2025
|
ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅާއިއެކު ދިވެހިރާއްޖެއާއި ޗައިނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ރައްޔިތުންނަށްވެސް އެއިގެ ފައިދާކުރާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޒަމީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަށްފަހު، އިއްޔެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވައެވެ. ރައީސްގެ އަރިހުގައި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި، 2024-2028 އަށް ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި ޤާއިމުކުރެވޭ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައިވާކަމަށެވެ.
ދެޤައުމުގެ ދެމެދުގައި ކުރިއަށްގެންދެވޭ ގުޅުންތަކުގެ މަސައްކަތްތައް ހަލުއިކުރުމާއި، ޢާންމު މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއާއި ޗައިނާއަކީ ރަޙްމަތްތެރިކަމާއި ތަރައްޤީގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމު ކަމަށާއި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވަނީ ހަރުދަނާ ގުޅުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ގުޅުން ބަދަހިކުރުމަކީ ދެ ޤައުމުގެ ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބި ފާގަތިކަން ގެނެސްދޭނެ ކަމެއްކަން ޔަޤީންކުރައްވާ ކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ.