ENGLISH
04 ނޮވެމްބަރު 2025
އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑު: ފަސްޓްލޭޑީ
01 ސެޕްޓެމްބަރު 2025
|
ފަސްޓްލޭޑީ ދޮށީ އުމުރުގެ ޚިދުމަތްތެރިއަކާ ސަލާމް ކުރައްވަނީ
ޢާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ކާފަ މާމަ ދުވަހުގެ ތަޙުނިޔާ ފޮނުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެކަމަނާގެ ޕޯސްޓްގައި ވިދާޅުވީ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތަކާއެކު، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ފޮނުއްވާ ކަމަށެވެ.
ޤައުމީ ފެންވަރުގައި ޤައުމީ މާމަ، ކާފަ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމީ 2019 ވަނަ އަހަރު އެވެ.
ޤައުމީ ފެންވަރުގައި މާމަ، ކާފަ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުން ޤައުމަށް ކޮށްދީފައިވާ ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންނަށް ލިބިފައިވާ ތަޖުރިބާއާއި މަޢުލޫމާތު ޙިއްޞާކުރުމަކީ މުހިންމު ކަމެއްކަން ހާމަކޮށްދިނުމާއި، މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ގިންތިއަކާއި، ފަންތިއެއްގެ ބަޔަކު ވެސް ހަވާސާކުރުމެއްނެތި އެންމެންގެ ބައިވެރިވުން އެކުލެވޭ ވެއްޓެއްގެ ގޮތުގައި މުޖުތަމަޢު ހެދުމެވެ.
އެ ގޮތުން ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތަކުގައި ޤައުމީ އަދި ބައިނަލްއަޤުވާމީ އެހެނިހެން ދުވަސްތައް ފާހަގަކުރާ ގޮތަށް ޤައުމީ މާމަ، ކާފަ ދުވަސް ފާހަގަކޮށް، ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި މާމައިންނަށާއި ކާފައިންނަށް ލޯތްބާއި އަޅާލުމާއި، އިޙްތިރާމް އެންމެ މަތީދަރަޖައަކަށް އަށަގަނެވި ތިން ޖީލު ގުޅިގެން އެކުވެރި، އަޅައިލާ އަދި އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެ އެވެ.