ENGLISH
28 އޯގަސްޓު 2025
ފުޖިއާން ޕްރޮވިންސުން ރާއްޖެ އަށް އިތުރު ކުޅިވަރު ސާމާނު ހަދިޔާކޮށްފި
27 އޯގަސްޓު 2025
|
ފުޖިއާން ޕްރޮވިންސުން ރާއްޖެ އަށް ކުޅިވަރު ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ފުޖިއާން ޕްރޮވިންސުން އަނެއްކާވެސް ރާއްޖެ އަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.
މިއަދު ހެންވޭރު ބޯޅަގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ފުޖިއާން ޕްރޮވިންސުގެ ފަރާތުން މި ތަކެތި ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްދެއްވީ ޗައިނާގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގ ޝިންހުއާ އެވެ. އަދި ރާއްޖޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ.
ފުޖިއާން ޕްރޮވިންސުން ރާއްޖެ އަށް ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި؛ ފުޓުބޯޅަ އާއި، ބެކްޕެކާއި، ތޮފީގެ އިތުރުން ޓްރެކްސޫޓާއި، ފުޓްބޯޅަ ކުޅުމަށް ބޭނުންކުރާ އިސްޓާކީނާއި، ފިރިހެނުންގެ ސޯޓާއި ޓީޝާޓް ހިމެނެއެވެ.
މީގެކުރީން، ޗައިނާގެ ފުޖިއާން ޕްރޮވިންސުން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ކުޅިވަރު ސާމާނު ހަދިޔާކޮށްފައެވެ. އެ ފަހަރު ހަދިޔާކުރި ތަކެތީގެ ތެރޭގައި؛ ޓޭބަލް ޓެނިސް މޭޒާއި، ޖޯޒީގެ އިތުރުން އަދިވެސް އެހެނިހެން ކުޅިވަރު ސާމާނު ހިމެނެއެވެ.
އަދި، މީގެއިތުރުން، ޗައިނާ ސަރުކާރުން މިއަހަރު ކުރީކޮޅު ވަނީ ރާއްޖެ އަށް ކުޅިވަރުގެ ބައެއް ސާމާނުތައް ހަދިޔާކޮށްފައެވެ. އެފަހަރު ހަދިޔާކުރީ، އެތުލެޓިކްސްގެ އިތުރުން ޓޭބަލް ޓެނިސް އަދި ފުޓްބޯޅައާ ގުޅުންހުރި ސާމާނެވެ.
އޭގެކުރީން، މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ވަނީ، އެމްއޯޔޫއެއްގައި ސޮއިކޮށް، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމުގެ އިތުރުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިއްމު މަސައްކަތްތަކެއް ފަށައިފައެވެ.