ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އޯގާތެރި ފަނޑިޔާރު އަވަހާރަވުން: އެތައް މިލިއަން މީހުން ރޮއްވާލައިފި

21 އޯގަސްޓު 2025

|

އެމް އެމް ޓީމް

އޯގާތެރި ފަނޑިޔާރުގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވި އެމެރިކާގެ ފަނޑިޔާރު ފްރޭންކް ކެޕްރިއޯ

އޮގަސްޓް 20 ވަނަ ދުވަހުގެރޭ (ރޭގެ) ދަންވަރުގެ ވަގުތެއްގައި، އޯގާތެރި ފަނޑިޔާރުގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވި އެމެރިކާގެ ފަނޑިޔާރު ފްރޭންކް ކެޕްރިއޯ ވަނީ އަވަހާރަވެފައެވެ. އަވަހާރަވުމުގެ ހައެއްކަ ގަޑިއިރު ކުރީން ހަސްފަތާލުގައި އޮންނަވާ މީސްމީޑިއާ މެދުވެރިކޮށް ޙިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ފަނޑިޔާރު ވަނީ، އޭނާދެކެ ލޯބިވާ އެންމެންގެ ކިބައިން ހެޔޮދުޢާ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މި ވީޑިއޯ މެސެޖަކީ ފަނޑިޔާރު ކެޕްރިއޯ ދުނިޔެއަށް ދޫކުރެއްވި އޭނާގެ އެންމެ ފަހުގެ ހަނދާނެވެ.

އެމެރިކާގެ ރޯޑް އައިލެންޑްގެ މައި އަވަށް ކަމުގައިވާ ޕްރޮވިޑެންސްގެ ފަނޑިޔާރު ކަމުގައި 38 އަހަރު ހޭދަކުރެއްވި ފްރޭންކް ކެޕްރިއޯ ދުނިޔެއަށް މަޝްހޫރުވީ ޝަރީޢަތުގެ މަޖިލީސް ތަކުގައި އޭނާ ކުރައްވާ އާދަޔާ ޚިލާފު އޯގާތެރި މުޢާމަލާތުތަކުގެ ސަބަބުންނެވެ. އެކި ކުށުގެ ތުހުމަތުގައި ގެނެވޭ މީހުންނާ ބައެއް ފަހަރު ސަކަ މިޒާޖެއްގައި، އަނެއްބައި ފަހަރު އެމީހުންގެ ހަގީގީ ހާލަތު އޮޅުންފިލުއްވުމުގެ ގޮތުން އޭނާ ކުރައްވާ ސުވާލުތަކުންނެވެ. އަދި ޙުކުމް ކުރެއްވުމުގައި ލުއިކޮށްދެއްވުމާއި މަޢާފްދެއްވުމުގައި އޭނާ ގެންގުޅުއްވި ޙިކްމަތްތެރި ހަމަތަކާމެދު މީހުން ފިކުރާވީލެއް ބޮޑުކަމުންނެވެ. ވަކި ދީނަކަށް، ވަކި ނަސްލަކަށް ބެއްލެވުމެއް ނެތި، ދެރައެއް މޮޅެއް އަދި ދޮށްޓެއް ހަގެއް ވަކި ޖިންސެއް ފަރަގު ކުރެއްވުމެއް ނެތި، ޝަރީޢަތުގެ ކުރިމައްޗަށް ގެނެވުނު ކޮންމެ މީހަކާ މެދުވެސް އޭނާ ކަންކުރެއްވި ހަމަހަމަ، ދީލަތި އުޞޫލުގެ ސަބަބުންނެވެ.

ފްރޭންކް ކެޕްރިއޯ ބަލިއެނދުގައި. ހަސްފަތާލުގައި އޮންނަވާ މީސްމީޑިއާ މެދުވެރިކޮށް ޙިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ފަނޑިޔާރު ވަނީ، އޭނާދެކެ ލޯބިވާ އެންމެންގެ ކިބައިން ހެޔޮދުޢާ ކޮށްދިނުމަށް އެދިވަޑައިގެންފަ

ފަނޑިޔާރު ފްރޭންކް ކެޕްރިއޯ ޝަރީޢަތުގެ މަޖިލިސްތަކުގައި ކުރެއްވި އޯގާތެރި އަދި ޙިކްމަތްތެރި މުޢާމަލާތުތަކުގެ މައްޗަށް ތައްޔާރު ކުރެވުނު ޓީވީ ސިލްސިލާ 'ކޯޓް އިން ޕްރޮވިޑެންސް' ހިމެނުނީ އެމެރިކާގެ އަދި ދުނިޔޭގެވެސް އެންމެ މަޤްބޫލު ޝަރުޢީ އަދި ޤާނޫނީ ޓީވީ ސިލްސިލާތަކުގެ ތެރޭގައެވެ. އެމެރިކާގެ 200 އަށް ވުރެ ގިނަ ޗެނަލުން މި ޓީވީ ސިލްސިލާ ދެއްކިއެވެ. މި ލިބިވަޑައިގަތް މަޤްބޫލުކަމާއެކު، މަޝްހޫރު 'ޑޭޓައިމް އެމީ' އެވޯޑަށް 4 ފަހަރަށް މި ސިލްސިލާ ނޮމިނޭޓް ވިއެވެ. ޝަރީޢަތް ކުރުމުގައި ފަނޑިޔާރު ދެއްކެވި ތޫނުފިލިކަމަށްޓަކައި އޮނަރަރީ ޑޮކްޓަރޭޓްގެ ލަގަބު ލިބިވަޑައިގަތެވެ. މީސްމީޑިއާގެ އެކި މަންސަތަކުގައި ފަނޑިޔާރުގެ ފޮލޯވަރުންގެ ޖުމްލަ ޢަދަދު 26 މިލިއަނަށްވުރެ މަތިއިރު، އިންޓަނެޓްގެ އެކި މަންސަތަކުން ފަނޑިޔާރުގެ ޝަރީޢަތުގެ މަޖިލީސްތަކުގެ ޓީވީ ސިލްސިލާ މިހާތަނަށް ބެލި ޖުމްލަ 10 ބިލިއަނަށްވުރެ ވަނީ މަތިވެފައެވެ. ފަނޑިޔާރު އަވަހާރަވީ ޚަބަރާއެކު މީޑިއާގެ އެކި ވަސީލަތްތަކުގައި އޭނާއަށް ލޯބިކުރާ އެތައް މިލިއަން ބަޔަކު ދަނީ ހެޔޮ ހަނދާންތަކާ، ހެޔޮއެދުމުގެ ޝުޢޫރުތައް ފައުޅުކުރަމުންނެވެ. ހެޔޮލަފާ، ހިތްތިރި، އަޚްލާޤް ރަނގަޅު މި އިންސާނާގެ ޙަޔާތުގައި އޯގާތެރިކަމާއެކު ކުރި އެތައް މުޢާމަލާތެއްގެ ޒިކުރާ އައުކުރަމުންނެވެ.

ފްރޭންކް ކެޕްރިއޯއަކީ އިޓަލީވިލާތުން އެމެރިކާއަށް އައިސް އެންމެ ފުރަތަމަ ވަޒަންވެރިވި ޢާއިލާތަކަށް ނިސްބަތްވާ މުހާޖިރެކެވެ. ފަގީރު ޢާއިލާއަކަށް ނިސްބަތްވި ކެޕްރިއޯގެ އެންމެ ޅަދުވަހުގެ ހަނދާންތަކުގެ ތެރޭގައި އާމުދަނީ ހޯދުމަށް މަގުމައްޗަށް ނުކުމެ މީހުންގެ ބޫޓް ޕޮލިޝްކޮށްދިނުމާ، ނޫސް ވިއްކަން މަގުމަތީ ހިނގުން ހިމެނެއެވެ. ބައްޕަ ކުރަމުންދިޔަ ކިރު ވިއްކުމުގެ ވިޔަފާރީގައި އެހީތެރިވެދިން އިރު، ބައްޕަގެ އެންމެ އަގުހުރި އެއް ނަސޭހަތަކީ، އަގު ދެވެން ނެތް ނިކަމެތި މީހާ ގަންނަ ކިރުތައްޓަށްވާ ފައިސާ މަޢާފްކޮށްދިނުމެވެ. ޙަޔާތުގެ ތަޖްރިބާތަކުގެ މައްޗަށް ފްރޭންކް ކެޕްރިއޯ ލިޔުއްވި "ޝަރީޢަތުގެ މަޖިލީހުގައި އޯގާތެރިވުން" މި ފޮތުގައި، ރަޙުމުކުރުމާ މަޢާފްކުރުމަށް އިސްކަން ދޭން އޭނާއަށް ދަސްވީ، ޅަދުވަހުގެ ފަގީރު ދިރިއުޅުމާ، އަނެކުންނަށް އޯގާތެރިވުމަށް ބައްޕަ ދިން ނަސޭހަތްތަކުގެ ސަބަބުން ކަމަށް ލިޔުއްވާފައި ވެއެވެ.

ޢުމުރުފުޅުން 88 އަހަރުގައި ފަނޑިޔާރު ފްރޭންކް ކެޕްރިއޯ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި 3 އަހަރެއްހައި ދުވަސް ހޭދަކުރެއްވުމަށް ފަހުއެވެ. އެ މުއްދަތުގައިވެސް އޭނާ ދެކެ ލޯބިވާ އެތައް މިލިއަން ބަޔަކަށް ދެއްވަމުން ގެންދެވީ ހިތްވަރާއި އުންމީދުގެ މެސެޖްތަކެވެ. އާލާ ކުރެއްވީ ހެޔޮދުޢާއާއި ހެޔޮއެދުމުގެ ރޫޙެވެ. ދުނިޔެއާ ވަކިވެވަޑައިގަތީވެސް އެގޮތުގައެވެ. ޢަދުލުއިންސާފު ޤާއިމުކުރުމުގައި މިހާރުގެ ޖީލުތަކަށް އަދި މީގެ ފަހަށް އަންނާނެ އެތައް ޒަމާނަކަށް ޢިބްރަތާއި ޙިކްމަތުން ފުރިގެންވާ އެތައް ފިލާވަޅެއް ދޫކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު