ENGLISH
25 ނޮވެމްބަރު 2024
ގާޑިއޯލާގެ އާ އެއްބަސްވުމާއެކު ސިޓީއަށް އަނދިރިކަމެއް
24 ނޮވެމްބަރު 2024
|
ކޯޗު ޕެޕް ގާޑިއޯލާ
އެންމެ މަޤްބޫލު
މެންޗެސްޓާ ސިޓީގެ ކޯޗު ގާޑިއޯލާ އޭނާގެ ކޮންޓްރެކްޓް އަލުން އެކްލަބާއެކު އާ ކުރި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ބޮޑު ނާކާމިޔާބަކާ ކުރިމަތި ލާންޖެހިއްޖެއެވެ.
ޓޮޓްނަމުން ސިޓީ ބަލިކުރީ 0-4 ން ނެވެ. މި ބައްޔާއެކު ސިޓީއިން ވިދިވިދިގެން ބަލިވި މެޗުގެ އަދަދު ފަހަކަށް އަރައިފިއެވެ. މިއީ ކޯޗު ގާޑިއޯލާގެ ދުވަސްވީ ކެރިއަރުގައި ވެސް ވީ އެންމެ ބޮޑު ބައްޔެވެ. އަދި 2006 ގެ ފަހުން ފުލު ފުލުގައި 5 މެޗުން ސިޓީވެސް ބަލިވި ފުރަތަމަ ފަހަރެވެ.
މެޗުގައި ޓޮޓްނަމްގެ ތަރިއަކީ ފުރަތަމަ ދެ ގޯލް ކާމިޔާބު ކޮށްދިން ޖޭމްސް މެޑިސަން އެވެ. އޭނާ ޓޮޓްނަމް އަށް ލީޑް ނަގައި ދިނީ 13 ވަނަ މިނިޓްގައި ޑެގަން ކުލްވެސްކީ ތަނަވަސް ކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ލަނޑު އޭގެ ހަތް މިނިޓް ފަހުން ޖެހީ ސޮން ހިއުންގް މިން ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ތިންވަނަ ގޯލް ޖެހީ ޕެޑްރޯ ޕޮރޯ އެވެ. އެއީ ޑޮމިނިކް ސޮލާންކޭ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ޓޮޓްނަމްގެ ފަހު ގޯލް މެޗުގެ އިތުރު ވަގުތުގައި ޖެހީ ބްރެނަން ޖޯންސަން އެވެ. އޭނާ ލަނޑު ޖަހަން އެހީވީ ޓީމޯ ވާނާ އެވެ. މެޗުގެ ފަހު 15 މިނިޓްގައި ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބުރައިނާވެސް ކުޅެން ނިކުތެވެ. އެކަމަކު އަނިޔާގައި ހުރި ރޮޑްރީ ނެތުމުގެ އުނިކަން ކޯޗު ގާޑިއޯލާ އަށް ފޫބެއްދޭ ގޮތެއް ނުވިއެވެ.
މެޗުން ބަލިވި ނަމަވެސް ސިޓީއަށް ކިރިޔާވެސް އޮތް ހިތްހަމަ ޖެހުމަކީ ލީގު ތާވަލްގެ ދެވަނަ ނުގެއްލުމެވެ. އެކަމަކު އެއްވަނައިގަ އޮތް ލިވަޕޫލާ ދެމެދު 5 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި އެފަރަގު 8 ޕޮއިންޓަށް ފުޅާކުރުމުގެ ފުރުޞަތުވެސް ލިވަަޕޫލަށް އެބައޮތެވެ. ޓޮޓްނަމް ވަނީ 19 ޕޮއިންޓާއެކު 6 ވަނަ އަށް ޖެހިލާފައެވެ
ލީގުގައި ޗެލްސީ ވަނީ 2-1 ން ލެސްޓަ ސިޓީ ބަލިކޮށްފައެވެ. ޗެލްސީ އަށް ދެ ލަނޑު ޖަހައިދިނީ ޖެކްސަން އާއި އެންޒޯ ފާނަންޑޭޒް އެވެ. މެޗުގެ އިތުރު ވަގުތުގައި ލެސްޓަރ ސިޓީގެ ލަނޑު ޖެހީ ޖޯޑަން އަޔޭވް އެވެ. އާސެނަލް ވެސް ވަނީ އުނދަގޫ ހާލަތަކަށްފަހު މޮޅެއް ހޯދާފައެވެ. އެއީ 3-0 ން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްގެންނެވެ. މެޗުގައި އާސެނަލްގެ ލަނޑުތައް ޖެހީ ސަކާއާއި، ތޯމަސް ޕާޓޭއާއި، އީތަން ވަނޭރީ އެވެ. ލީގު ތާވަލްގައި ޗެލްސީ އޮތީ 22 ޕޮއިންޓާއެކު 3 ވަނައިގައެވެ. އާސެނަލް އޮތީ 22 ޕޮއިންޓާއެކު 4 ވަނައިގައެވެ.