ENGLISH
03 އޯގަސްޓު 2025
އުރީދޫން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް މެދުވެރިކޮށް ގުޅުވާލި ރިސޯޓަކަށް އިތާފުށި
02 އޯގަސްޓު 2025
|
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް މެދުވެރިކޮށް ރިސޯޓެއް ގުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް އިން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް މެދުވެރިކޮށް ގުޅުވާލި ރިސޯޓުގެ ޝަރަފު ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން ހޯދައިފިއެވެ.
މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރުގައި ލިބިގެންދިޔަ ތާރީޚީ ކާމިޔާބީއެކެވެ. އެގޮތުން، މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލް ގުޅުވާލެވުނު ފުރަތަމަ ފަހަރެވެ.
މިއަދު ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހިމް އެވެ.
މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ޙަމާދީ އާއި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޖެނެރަލް މެނޭޖަރ ޓީޖޭ ޖައުލަކްގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އިބްރާހިމާއި، މާފުށީ ކައުންސިލްގެ ރައީސް ޙަސަން ސޮލާހު އަދި އުރީދޫ އާއި ވޯލްޑޯފްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް މެދުވެރިކޮށް ރިސޯޓެއް ގުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އުރީދޫ މޯލްޑިވްސް
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ޠާރިޤް ވަނީ، މި މަޝްރޫޢުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ، 2005 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އުފެދުނީއްސުރެ، ޑިޖިޓަލް ދަތުރަކުން އެއްވެސް މީހަކު ބާކީ ނުކުރުމަށްޓަކައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި، ކޮންމެ ކުރިއެރުމަކާއެކު އުރީދޫން އަހަންމިއްޔަތުކަން ދެނީ އެކްސެސިބިލިޓީ އާއި އިންކްލޫޝަން ކަމަށެވެ.
"މި ސަބްމެރިން ކޭބަލް ލޭންޑިންގ އަކީ، ޓޫރިސްޓް ރިޒޯޓެއްގައި މިފަދަ ފުރަތަމަ ފަހަރަށް ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވިފައިވާ، މުޅިން ގުޅިލާމެހިފައިވާ، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ދިވެހިރާއްޖެއަކާ ގާތްކޮށްދޭ އިތުރު ކާމިޔާބީއެއް،" ވަޒީރު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވަޒީރު ޠާރިޤު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އުރީދޫ މޯލްޑިވްސް
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ޙަމާދީ ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުނި ކަމަށެވެ.
ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ ރާއްޖެ އަށް ތަޢާރަފްކޮށް، ކުރިއެރުމަށް އާ މަގުތަކެއް ހުޅުވި، ދިވެހީންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެހެން ބޭނުންތެރި ބަޔަކަށް އުރީދޫ ވެފައިވާ ކަމަށް ވެސް ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.
ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޖެނެރަލް މެނޭޖަރ، ޓީޖޭ ޖައުލަކް ވިދާޅުވީ، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި މި މުހިއްމު އިވެންޓް ބޭއްވިގެންދިއުމަކީ އެ ރިސޯޓަށް ލިބިގެންދިޔަ ބޮޑު އުފަލެއް ކަމަށެވެ.
ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ޙަމާދީ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އުރީދޫ މޯލްޑިވްސް
މި ސަބްމެރިން ކޭބަލް، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، މާފުށި މެދުވެރިކޮށް ހިނގަމުންދާއިރު، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާއި ގުޅާލައި، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އިތުރު ކެޕޭސިޓީއާއި ރެޒިލިއަންސް އަދި ސްޕީޑާއެކު ކަށަވަރުގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލް، ރިސޯޓަށް ގުޅާލުމަކީ ޑިޖިޓަލް ޑިވައިޑް ނައްތާލައި، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ކަނެކްޓިވިޓީއަކުން މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގައި ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އުރީދޫ މޯލްޑިވްސް ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް ފެށުނީއްސުރެ 20 އަހަރު ފުރުން ފާހަގަކުރާއިރު، މި މުހިއްމު ޕްރޮޖެކްޓްގެ ސަބަބުން އެ ކުންފުނީގެ ޑިޖިޓަލް މޯލްޑިވްސް ވިސްނުމަށް ދޭ އަހައްމިއްޔަތުކަން ހާމަވެގެންދެއެވެ.