ENGLISH

03 އޯގަސްޓު 2025

Advertisement

އެފްޑީސީ ފުލެޓުތަކުގެ އަދާހަމަ؛ 200 އަށްވުރެ ގިނަ މީހުންނާއެކު ސޮއިކޮށްފި، މަސައްކަަތް ހަލުއިކުރަނީ

03 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

އެފްޑީސީ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން، ފޮޓޯ: އެފްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާކަމަށާއި، މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. 

އެފްޑީސީން ބުނެފައިވަނީ އެ ކުންފުނީގެ "ފަހި ޕޯޓަލް"ގައި ރަޖިސްޓްރީކުރުމަށްފަހު ލިޔުންތައް އަޕްލޯޑުކުރާ މިންވަރަކުން މީހުންނަށް ގުޅައި އެއްބަސްވުމުގައި ސޮއިކުރަމުންދާ ކަމށެވެ. 21 ޖުލައި 2025 ގައި ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 230 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުން ހަދާފައިވާ ކަމަށްވެސް އެފްޑީސީން ބުންޏެވެ. 

އެއްބަސްވުން ހަދަމުންދަނީ ހައުސިން މިނިސްޓްރީން އެފްޑީސީއާ ލިސްޓު ހިއްސާކުރުމުންނެވެ. ހައުސިން މިނިސްޓްރީން ލިސްޓު ފޮނުވަމުންދަނީ ކަށަވަރުކުރަންޖެހޭ ހުރިހާ މައުލޫމާތެއް ކަށަވަރުކުރުމަށްފަހުއެވެ. އެގޮތުން މިހާތަނަށް އެ މިނިސްޓްރީން 2665 މީހެއްގެ ނަން އެ ކުންފުންޏާ ހިއްސާކޮށްފައިވެއެވެ. 

އެފްޑީސީން އަންނަނީ ހައުސިން މިނިސްޓްރީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ އެންމެންނަށް އެސްއެމްއެސް މެދުވެރިކޮށް ފަހި ޕޯޓަލުގައި ރަޖިސްޓްރީވުމަށް ލިންކު ފޮނުވަމުންނެވެ. އެ ކުންފުނިން ބުނީ ރަޖިސްޓްރީވެ ލިޔުންތައް އަޕްލޯޑުުކުރާ މީހުންނާއެކު ކޮންމެ ދުވަހަކު އެއްބަސްވުމުގައި ސޮއިކުރެވޭ މިންވަރު އިތުރުކޮށް، އެއްބަސްވުންތަކުގައި ސޮއިކުރުން ހަލުއިކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. 

ސޮއިކުރުމުގެ މަސައްކަތް ހަލުއިކުރުމުގެ ގޮތުން ލިޔުންތައް އަޕްލޯޑުކުރަން އަންގާ މުއްދަތު އަވަސްކުރުމަށާއި، ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު އިތުރުކޮށް، ބޭނުންވާ ތަމްރނު އަވަހަށް ދިނުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އަދި ސޮއިކުރާ ސަރަހައްދުގައި އެ ހިދުމަތަށް ހާއްސަަކޮށްފައިވާ މޭޒުތައް އިތުރުކުރާނެކަމަށް އެފްޑީސީން ބުނެފައިވެއެވެ. 

އެފްޑީސީގެ ފަހި ޕޯޓަލަށް ލިޔެކިޔުން އަޕްލޯޑުކުރަން އެންގުމަށްފަހު ލިޔުންތައް ފުރިހަމައަށް އަޕްލޯޑުކުރުމުން އެ ކުންފުނިން އެއްބަސްވުމުގައި ސޮއިކުރަން އަންނަންވީ ވަގުތާއި ދުވަސް އަންގާނެއެވެ. އެއްބަސްވުމުގައި ސޮއިކުރާނީ އެކަމަށް ހާއްސަކޮށް ހުޅުމާލޭ ސިންތެޓިކް ޓްރެކު ސަރަހައްދުގައި ގާއިމުކޮށްފައިވާ ތަނުގައެވެ. 

އެފްޑީސީގެ އަމާޒަކީ އަންނަ ސެޕްޓެންބަރު މަަހުގެ ކުރިން ފުލެޓުތައް ލިބުނު އެންމެނާއެކު އެއްބަސްވުން ގާއިމުކޮށް ނިންމުމެވެ. 

ކިޔުންތެރިންގެ ހިޔާލު