ENGLISH
02 އޯގަސްޓު 2025
"އެމްޕީ ޝަރީ ކަޕް 2025" ގެ ހޭންޑްބޯޅަ މުބާރާތުގައި ކެލާ ޔޫތު ފޯރަމްގެ ފުރަތަމަ މޮޅު ހޯދައިފި
31 ޖުލައި 2025
|
ކެލާ ޔޫތު ފޯރަމްއާ ސްޕިން ވިޒަޑް ބައްދަލުކުރި މެޗުގެ ތެރެއިން.
ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ޢަބްދުﷲ ޝަރީފްގެ ފަރާތުން އެ ދާއިރާގައި ހިމެނޭ ރަށްތަކަށް ޚާއްޞަކޮށް ބާއްވާ، "އެމްޕީ ޝަރީ ކަޕް 2025" ގެ ހޭންޑްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ކާމިޔާބިކޮށް، ކެލާ ޔޫތު ފޯރަމުން ފުރަތަމަ މޮޅު ހޯދައިފިއެވެ.
މި ފަހަރުގެ މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ފިއްލަދޫ ގޫޕްސް ސްޕޯޓްސް ކްލަބު އަތުން ވަނީ ބަލިވެފައެވެ.
ފިއްލަދޫގައި ހުންނަ ގްރައުންޑްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސްޕިން ވިޒަޑް އަތުން ކެލާ ޔޫތު ފޯރަމް މޮޅުވީ 09-05 އިންނެވެ.
މި މެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވުނީ، ކެލާ ޔޫތު ފޯރަމްގެ ފާތިމަތު ސާރަތު އެވެ. އޭނާ ވަނީ މި މެޗުގައި ފަސް ލަނޑުޖަހައިފައެވެ.
ކުއީން އޮފް ދަ މެޗަށް ހޮވުނު ސާރަތު (ކ) އަށް މެޗުގެ ޝަރަފުވެރި މެހެމާން، މުޙައްމަދު ފަޔާޒް (ވ) އިނާމު ހަވާލުކޮށްދެއްވަނީ.
މި މެޗުން މޮޅުވުމާއެކު ކެލާ ޔޫތު ފޯރަމް އަށް ބާކީ އޮތް މެޗުގައި އަންގަބޫލަބަލް ބަލިކޮށްގެން ފައިނަލަށް ދަތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް، މި މެޗުން ބަލިވުމާއެކު ސްޕިން ވިޒަޑް ވަނީ މުބާރާތުން ކަޓައިފައެވެ. އެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.
މި މުބާރާތަކީ، ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ކެލާ އާއި ވަށަފަރު އަދި ފިއްލަދޫ އަށް ނިސްބަތްވާ އަންހެން ބޭފުޅުންނަށް ޚާއްޞަކޮށް ކުރިއަށްގެންދާ ހޭންޑްބޯޅަ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ، ކެލާ ޔޫތު ފޯރަމް، ގޫޕްސް ސްޕޯޓްސް ކްލަބްގެ އިތުރުން ސްޕިން ވިޒަޑް އަދި އަންގަބޫލަބަލް އެވެ.
މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ކުޅެވޭ ލީގު ބުރަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާނެއެވެ. މުޅި މުބާރާތުގެ އެއްވަނަ ޓީމަށް 50،000ރ. ގެ އަގުހުރި ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރަޕް މަގާމަށް ވެސް 20،000ރ. ވަނީ ހުށަހަޅާފައެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އަންގަބޫލަބަލްއާ ގޫޕްސް ސްޕޯޓްސް ކްލަބެވެ. މި މެޗު ފަށާނީ މާދަމާ ހަވީރު 4:30 ގައެވެ.