ENGLISH
31 ޖުލައި 2025
"އެމްޕީ ޝަރީ ކަޕް 2025" ގެ ހޭންޑްބޯޅަ މުބާރާތުގައި އަންގަބޫލަބަލް އަށް ބޮޑު މޮޅެއް
30 ޖުލައި 2025
|
މުބާރާތުގައި މިއަދު ހަވީރު އަންގަބޫލަބަލްއާ ސްޕިން ވިޒަޑް ބައްދަލުކުރި މެޗުގެ ތެރެއިން. --
ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ޢަބްދުﷲ ޝަރީފްގެ ފަރާތުން އެ ދާއިރާގައި ހިމެނޭ ރަށްތަކަށް ޚާއްޞަކޮށް ބާއްވާ، "އެމްޕީ ޝަރީ ކަޕް 2025" ގެ ހޭންޑްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން އަންގަބޫލަބަލް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
ފިއްލަދޫގައި ހުންނަ ގްރައުންޑްގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަންގަބޫލަބަލް ވަނީ 16-06 ގެ ތަފާތަކުން ސްޕިން ވިޒަޑް ބަލިކޮށްފައެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވުނީ، އަންގަބޫލަބަލް ޓީމުގެ ހަލީމަތު ހަސްނާ އެވެ. އޭނާ ވަނީ މި މެޗުގައި އަށް ލަނޑުޖަހައިފައެވެ.
މި މުބާރާތަކީ، ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ކެލާ އާއި ވަށަފަރު އަދި ފިއްލަދޫ އަށް ނިސްބަތްވާ އަންހެން ބޭފުޅުންނަށް ޚާއްޞަކޮށް ކުރިއަށްގެންދާ ހޭންޑްބޯޅަ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ، ކެލާ ޔޫތު ފޯރަމް، ގޫޕްސް ސްޕޯޓްސް ކްލަބްގެ އިތުރުން ސްޕިން ވިޒަޑް އަދި އަންގަބޫލަބަލް އެވެ.
މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ކުޅެވޭ ލީގު ބުރަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާނެއެވެ. މުޅި މުބާރާތުގެ އެއްވަނަ ޓީމަށް 50،000ރ. ގެ އަގުހުރި ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، ރަނަރަޕް މަގާމަށް ވެސް 20،000ރ. ވަނީ ހުށަހަޅާފައެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކެލާ ޔޫތު ފޯރަމްއާ ސްޕިން ވިޒަޑް އެވެ. މި މެޗު ފަށާނީ މާދަމާ ހަވީރު 4:30 ގައެވެ.