ENGLISH

26 ޖުލައި 2025

Advertisement

ރެސްލިންއަށް ބޮޑު މަގުބޫލުކަމެއް ހޯދައިދިން ތަރި ހަލްކް ހޯގަން މަރުވެއްޖެ

24 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ހަލްކް ހޯގަންއަކީ ރެސްލިންއަށް ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދައިދިން ޝަހުސިއްޔަތެއް، ފޮޓޯ: ރޮއިޓާސް

ރެސްލިންގެ އެންމެ މަޝްހޫރު އެއް ތަރި އަދި ލެޖެންޑުކަމަށްވާ ޓެރީ ބޮލެއާ ނުވަތަަ މަޝްހޫރު ނަމުންނަމަ ހަލްކް ހޯގަން އުމުރުން 71 އަހަރުގައި މިއަދު މަރުވެއްޖެކަމަށް ވޯލްޑް ރެސްލިން އެންޓަޓެއިންމެންޓު (ޑަބްލިއު.ޑަބައިލިއު.އީ)އިން ބުނެފިއެވެ. 

ބޮލެއާއަކީ ރެސްލިންގެ މުޅި ތާރީހުގައި އުފެދުނު އެންމެ ވަރުގަދަ ތަރިކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ޑަބްލިއު.ޑަބްލިއު.އީ މިހާރު ފުޅާވެ ބޮޑުވެފައި އޮތް މިންވަރަށް ބޮޑުވުމުގައި އޭނާގެ ހިއްސާއާއި ބައިވެރިވުން ބޮޑުކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ. 

ރެސްލިން ސްޓޭޖުގައާއި ސްޓޭޖުން ބޭރުގައިވެސް ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވުނު ބޮލެއާ ވެގެންގޮސްފައިވަނީ 1980 އާއި 1990 ގައި ދުނިޔޭގެ އެންމެ މަގުބޫލު ތަރިންގެ ތެރެއިން އެކެއް ކަމުގައެވެ. އެ ދުވަސްވަރު ރެސްލިންގެ އިތުރަށް ފިލްމުތަކުންވެސް އޭނާ ފެނުނެވެ. ދުނިޔޭގެ ފެންވަރުގައި މަޝްހޫރު އެންމެން ދަންނަ މީހަކަށް އޭނާ ވިއެވެ. 

ޑަބްލިއު.ޑަބްލިއު.އީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑަބްލިއު.ޑަބްލިއު.އީ ހޯލް އޮފް ފޭމްގެ ތަރި ހަލްކް ހޯގަން މަރުވި ހަބަރުން ފުން ހިތާމައެއް ލިބުނު ކަމަށެވެ. އަދި އެ ކުންފުންޏަށް އޭނާ ކޮށްދިން ހިދުމަތް ފާހަގަކޮށް، 1980 ގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި އެ ކުންފުންޏަށް ލިބުނު މަޝްހޫރުކަން ލިބުމުގައި އޭނާގެ ދައުރުގެ މުހިއްމުކަން ފާހަގަކޮށް، އޭނާއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ފަސޭހައިން ގިނަ ބަޔަކަށް އެނގޭ ޝަހުސިއްޔަތުތަކުގެ ތެރޭގައި ހިމެނޭ މީހެއްކަމަށް އެ ކުންފުނިން ބުންޏެވެ. 

އަދި ހަލްކް ހޯގަންގެ އާއިލާއާއި އެކުވެރިންނާއި އޭނާގެ ސަޕޯޓަރުންނަށް އެ ކުންފުނިންވަނީ ތައުޒިޔާ ކިޔައިފައެވެ. 

ހަލްކް ހޯގަން ދިރިއުޅޭ ފްލޮރިޑާގެ ކްލިއަވޯޓާ ސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާއަށް ހާޓް އެޓޭކެއް ޖެހިގެން ރިޕޯޓުކުރުމާ ގުޅިގެން ފަޔާ އެންޑް ރެސްކިއު ޓީމެއް އޭނާ ދިރިއުޅޭ ގެއަށް ފޮނުވައި، އަވަސް ފަރުވާ ދިނުމަށްފަހު މޯޓަން ޕްލާންޓް ހޮސްޕިޓަލަށް ގެންދިއުމާއެކު ހޮސްޕިޓަލުން އޭނާ މަރުވެފައިވާކަމަށް ކަނޑައެޅި ކަމަށެވެ. 

އޭނާގެ ރަން ޒަމާނުގައި އޭނާ މަޝްހޫރުވެފައިވަނީ އޭނާގެ ދެ އަތަކީ 24 އިންޗީގެ ދެ ޕައިތަންކަމަށް ބުނުމާއި، ދުއާކުރުމަށްފަހު ވިޓަމިން ކެއުަމށް ހަނދާންކޮށްދޭ ދިނުމަށެވެ. އޭގެ އިތުރަށް އޭނާއަކީ 1980 ގައި އައި ރެސްލިންގެ ރަން ޒަމާނުގެ އެންމެ މަޝްހޫރު ތަރިއެވެ. އޭނާއާއި ވާދަވެރިންކަމަށް ރައުޑީ ރޮޑީ ޕައިޕާއާއި އަންޑްރޭ ދަ ޖައަންޓާ ދެމެދުގައި އޮތް ވާދަވެރިކަމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. 

ޑަބްލިއު.ޑަބްލިއު.އީ ދޫކޮށް ހޯގަން 1990ގެ މެދު ތެރޭގައި ވޯލްޑް ޗެމްޕިއަންޝިޕް ރެސްލިން (ޑަބްލިއުސީޑަބްލިއު)އާ ގުޅުން ވެގެންދިޔައީ ރެސްލިންގެ ދުނިޔެއަށް ޒަލްޒަލާއެއް ގެނެވި ކަމަށެވެ. އަދި 1996 ގައި ނުބައިބައި ދައްކުވައިދޭ ޝަހުސިއްޔަތެއްގެ ގޮތުގައި "ބޮލީވުޑް" ހަލްކު ހޯގަންގެ ނަމުގައި ޑަބްލިއުސީޑަބްލިއުގައި އޭނާ އަދާކުރި ދައުރާއެކު ފުރަތަމަ ފަހަރަށް ޑަބްލިއުޑަބްލިއުއީއަށްވުރެ ޑަބްލިއުސީޑަބްލިއުގެ މަގުބޫލުކަން އިތުރުވެ، 83 ހަފުތާއަށް ޓެލެވިޝަން ރޭޓިންތަކުގައި ޑަބްލިއު.ޑަބްލިއު.އީގެ މައްޗަށް ކުރި ހޯދުމަށް މަގުފަހިކުރިއެވެ. 

އެމެރިކާގެ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ބޮލެއާވަނީ މިހާރުގެ ރައީސް ޓްރަމްޕަށް ތާއީދުކޮށް ކެމްޕެއިންކޮށްދީފައެވެ. އޭނާއަކީ ޕޮޕް ކަލްޗާ ތަރިންގެ ތެރެއިން ރައީސް ޓްރަމްޕަށް ތާއީދުކޮށް ކެމްޕެއިންކުރި މަދު މީހުންގެ ތެރެއިން އެކެކެވެ. 

ކިޔުންތެރިންގެ ހިޔާލު