ENGLISH
17 ޖުލައި 2025
ޓްރޭޑްމާކް ބިލާއެކު ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ކުރާ އިތުބާރު ބޮޑުވާނެ: ވަޒީރު ސަޢީދު
16 ޖުލައި 2025
|
ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ދިރާސާކުރަން މިހާރު ކޮމިޓީއަށް ފޮނުވާފައިވާ ޓްރޭޑްމާކް ބިލު ޤާނޫނެއްގެ ގޮތުގައި ވުޖޫދުވުމުން، ދިވެހިރާއްޖޭގެ ވިޔަފާރީގެ މާޙައުލަށް ވިޔަފާރިތަކުން ކުރާ އިތުބާރު ބޮޑުވާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޓްރޭޑްމާކް ބިލަކީ، ރާއްޖޭގައި ޓްރޭޑްމާކާއި، އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ނިޒާމެއް އެކަށައަޅައި އެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ ބިލެކެވެ.
ސަރުކާރުގެ ފަރާތުން ބިލް މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަޙްމަދު ޒާހިރު އެވެ. މަޖިލީހަށް ބިލް ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވީ ޖުލައި 15 ވަނަ ދުވަހެވެ.
ވަޒީރު މުޙައްމަދު ސަޢީދު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހެޅި ޓްރޭޑްމާރކާއި ބެހޭ ބިލަކީ ނުގެނެވި ލަސްވެފައިވާ، ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް އިތުބާރުއުފެއްދުމަށް ނުހަނު ބޭނުންތެރި އަދި މުހިއްމު ބިލެއް ކަމަށެވެ.
"މި ޤާނޫނު ވުޖޫދަށް އައުމުން ދިވެހިރާއްޖޭގެ ވިޔަފާރީގެ މާޙައުލަށް ވިޔަފާރިތަކުންކުރާ އިތުބާރު އިތުރުކޮށްދީ، ފިކުރީމުދަލުގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުން ދޭ އަހްމިއްޔަތު ހާމަކޮށްދޭ، އަދި މިއީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދުމަށްވެސް މުހިއްމު ބިލެއްކަން ފާހަގަ ކޮށްލަން" ވަޒީރު ވިދާޅުވިއެވެ.
ބިލުގައިވާ ގޮތުން ޓްރޭޑްމާކްއަކީ އެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތައް އަނެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތަކާ ތަފާތު ކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނެކެވެ.
ބިލުގެ މަޤްސަދުތަކުގެ ތެރޭގައި، ރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓަރީކޮށްދިނުމާގުޅޭ ނިޒާމެއް ގާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި، ރާއްޖޭގައި ރަޖިސްޓަރީކުރެވޭ ޓްރޭޑްމާކާއި ރަޖިސްޓަރީކޮށްފައިނުވާ ޓްރޭޑްމާކާ ގުޅިގެން ޓްރޭޑްމާކަށާއި އޭގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާ ބަޔާންކުރުން ބިލުގައި ހިމެނެއެވެ.