ENGLISH
17 ޖުލައި 2025
ކަސްޓަމްސް ޚިދުމަތްތަކުގައި ލުއިދޭ ޕްރޮގްރާމުގެ ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ
15 ޖުލައި 2025
|
ކަސްޓަމްސް ޚިދުމަތްތަކުގައި ލުއިދޭ ޕްރޮގްރާމުގެ ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ ހަމަޖެއްސުން --
ކަސްޓަމްސްގެ ގަވާއިދާ އުޞޫލުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަޤްޞަދުގައި ކަސްޓަމްސްއިން ތަޢާރަފްކޮށްފައިވާ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ (އޭ.އީ.އޯ) ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ޙާސިލްކުރި ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓް ހޮވިއްޖެ އެވެ.
މި ކުންފުންޏަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒްއެވެ.
އިންނަހުރާ މޯލްޑިވްސް ރިސޯޓުގެ ފަރާތުން ސެޓްފިކެޓާއި ހަވާލުވެވަޑައިގަތީ އިންނަހުރާ މޯލްޑިވްސްގެ މާލެ އޮފީހުގެ މެނޭޖަރ ހުސެއިން ހަމީދުއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ޕްރޮގްރާމަކީ ދުނިޔޭގެ 89 ޤައުމެއްގައި މިހާރު ތަންފީޒްކުރަމުންދާ ޕްރޮގްރާމެއް ކަމަށެވެ. ދިޔާނާ ވަނީ މި ޕްރޮގްރާމުގެ ތެރެއިން ކުންފުނިތައް ތިން ގިންތިއަކަށް ބެހިގެންދާއިރު، އެކުންފުނިތަކުން ޤަވާއިދުތައް ތަންފީޒު ކުރާ މިންވަރަށާއި ޕްރޮގްރާމުގައި ހޭދަކުރާ މުއްދަތައް ބަލައި، އިތުރު ފަސޭހަތައް ލިބިދޭ ގިންތިއަށް ޕްރޮމޯޓް ވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރ ޕްރޮގްރާމަކީ، ބައިނަލްއަޤުވާމީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، ކަސްޓްމްސްގެ ޤާނޫނާއި ގަވާއިދާއި އަދި އިމްޕޯޓް އެކްސްޕޯޓްއާ ގުޅުންހުރި އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރާ ފަރާތްތަކަށް، މުދާ އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރުމުގެ މަރުހަލާތަކުގައި ޚާއްޞަ ފައިދާތަކާއި ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، އެކުލަވާލައިފައިވާ ޤައުމީ ފެންވަރުގެ ޕްރޮގްރާމެކެވެ.