ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

މިނިވަންކަމަށް 60 އަހަރު؛ ސިޔާސީންނަށް ރައީސްގެ އަގުހުރި އިލްތިމާސެއް

15 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ަރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅުދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރާއްޖޭގައި އިހުއްސުރެ އޮތް ހަމަޖެހުމާއި އެކުވެރިކަން އަލުން އިއާދަކުރުމަށްޓަކައި ސިޔާސީ ލީޑަރުން ރާއްޖޭގައި މިހާރު އާލާވެފައި އޮތް ބަދަލުހިފުމުގެ ނުބައި ރޫހު ދޫކޮށްލައްވައި، ބިނާކުރަނިވި ފާޑުކިޔުމާއި ރަަނގަޅުކުރަންވީ ކަންކަން ފާހަގަކުރެއްވުމުގެ އުސޫލުތަކަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. 

ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހިރާއްޖެެއަކީ ހަމަޖެހުން ގާއިމުވެފައި އޮތް، އެކުވެރި އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ. 

"އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް ބަދަލުހިފުމާއި ދެކޮޅުވެރިކަން، މިއީ ކުރީގައި ވަރަށް ބޮޑަށް އޮތް ކަމެއް، އެކަން ނެތިގެން ގޮސް ވަރަށް ހަމަޖެހިގެން އުފާވެރި މުޖުތަމައެއްގެ ގޮތުގައި އުޅޭތަން ދެކެން. މިކަމަށް އެންމެ ބޮޑަށް ހުރަސްއެޅެނީ ސިޔާސީ ކަންކަމުގެ ތެރޭގައި ކުރިއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ހަނދާން ނެތިގެންދާތީ އަދި އެނޫންވެސް ގޮތްގޮތުން ނެތިގެންދާތީ،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދިމިއޮތުން ގުޅިފައިވަނީ ދިވެހިންގެ މެދުގައި އޮތް އެކުލެވުންތެރިކަމާއި އެއްބައިވަންތަކަަމާ ކަމުގައެވެ. އަދި ސަރުކާރުގެ ސިޔާސަތު އޮތީ އެގޮތަށް ކަމަށާއި، އެގޮތުން މިއަދާ ހަމައަށް އަދި ކުރިއަށް އޮތް ތަނުގައިވެސް ބަދަލުހިފުމުގެ ރޫހެއް ސަރުކާރުގެ ކިބައިން ނުފެންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

އެގޮތުން ސިޔާސީ ގޮތުން އެއްވެސް މީހަކު ބަންދުކޮށް ޖަލަށް ނުލާނެ ކަމުގެ ޔަގީންކަން ދެއްވިކަމަށާއި، މިއަދާ ހަމައަށް އައިއިރުވެސް އެމަނިކުފާނުގެ ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މީހަކު ބަންދުކޮށް، ޖަލަށް ލާފައިނުވާނެކަން ފާހަގަކުރައްވަމުން ރައީސްވަނީ އެ އާދައަކީ ރާއްޖޭގައި އަށަގަންނަވަންޖެހޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ. 

ސިޔާސީންނަށް ކުރެއްވި އިލްތިމާސް 

އެމަނިކުފާނުވަނީ ރާއްޖޭގައި ކުރިން އޮތް ހަމަޖެހުމާއި އެކުވެރިކަން ގެއްލިގެންދިއުމުގައި ސިޔާސީ ވާދަވެރިކަމުގެ ދައުރު ފާހަގަކުރެއްވުމާއެކު، ސިޔާސީ ބޭފުޅުންނަށް ކުރިން ރާއްޖޭގައި އޮތް ނުބައި ރޫހު ދޫކޮށްލެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެ އާދަ ދޫކޮށްލުމާއެކު އެންމެން އެކަތިގަނޑެއްގެ ގޮތުގައި އުޅުމަށް އިލްތިމާސްކުރައްވަމުން ރައީސް ވިދާޅުވީ ބިނާކުރަނިވި ފާޑުކިޔުމަށް އަބަދުވެސް ޖާގަ އޮންނަންވާނެ ކަމަށެވެ.  

"އަޅުގަނޑުމެންގެ ތެރޭގައި ބިނާކުރަނިވި ފާޑުކިޔުން އަބަދުވެސް އޮންނަންޖެހޭނެ. ރަނގަޅުކުރަން ހުރި ކަންކަމުގެ ވާހަކަދައްކަންޖެހޭނެ. ތިމަންނައަށް ތިކަންތައް ތިއަށްވުރެ ރަނގަޅަށް ކުރެވިދާނޭ ބުނަންވާނެ މިހެންނޭ ތިމަންނަަ ކުރާނަމޭ ބުނަންވާނެ" ރައީސް ވިދާޅުވިއެވެ. 

އަދި ތަސައްރުފު ފުދިފައިވާ ޑިމޮކްރަސީތަކުން މިސާލު ދައްކަވަމުން ރައީސް ވިދާޅުވީ އެ ގައުމުތަކުގައި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ޒާތީ ގޮތުން މީހުންނަށް ގެއްލުންދިނުމާއި މުޑުދާރު ސިޔާސީ އުކުޅުތައް ބޭނުންކުރުުން ފަދަ ކަންކަން ނުފެންނަ ކަމަށެވެ. އެގޮތަށް ތަހުޒީބު ގައުމުތަކުގައި ސިޔާސީ މަސައްކަތްކުރާ ގޮތްތަކުން ނަމޫނާ ލިބިގަނެގެން އެގޮތަށް މަސައްކަތް ކުރިއަށްގެންދަން ސިޔާސީ ލީޑަރުންނަށް ރައީސް ގޮވައިލެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު