ENGLISH
11 ސެޕްޓެމްބަރު 2025
ވީއައިއޭގެ އައު ޓާމިނަލާމެދު ރައީސް؛ ކުރީގެ ވެރިންނަށް ކްރެޑިޓު ދެއްވުމާއެކު ސިފަކޮށްދެއްވީ ތަން އޮތް ހާލަތު
15 ޖުލައި 2025
|
ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ފަސިންޖާ ޓާމިނަލު ނިމުމުން އެ މަސައްކަތުގެ ކްރެޑިޓު ހޯދުމަށް އެކި ވެރިން ކުރައްވާ މަސައްކަތްޕުޅާމެދު ވާހަކަދައްކަވަމުން ކުރީގެ ރައީސުން އެކަމުގައި ކުރެއްވި މަސައްކަތް ފާހަގަކުރައްވައި އެބޭފުޅުންނަށް ކްރެޑިޓު ދެއްވުމާއެކު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޓާމިނަލް އޮތް ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވައިފިއެވެ.
މިއަދު ރައީސް އޮފީހުން އާއްމުކޮށްފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ އަށްވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް އެކި ވެރިކަމުގައި ކުރެވިފައި ހުރި މަސައްކަތަކީ ތާރީހުގައި ރެކޯޑުކުރެވި ފެންނަން ހުރި ހަގީގަތްތަކެއް ކަމުގައެވެ.
އެގޮތުން ރައީސް އިބްރާހީމް ނާސިރު ވެރިކަމުގައި އެއާޕޯޓު ބިނާކުރީ ދިވެހިންގެ ވަރަށް ބުރަ މަސައްކަތުންކަމަށާއި، އޭގެ ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެކި ފަންޑުތަކުން އެހީ ހޯއްދަވައިގެން އެމަނިކުފާނުގެ ވެރިކަމުގައި އެއާޕޯޓަށް ގެންނެވި ތަރައްގީއަކީ ފެންނަން ހުރި ކަންކަން ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ މަސައްކަތެއްގައިވެސް އެ މަސައްކަތުގައި ޝާމިލުވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަަށްވެސް ހައްގު ކްރެޑިޓު ދޭންވާނެ ކަމަށެވެ. އެގޮތުން ޓާމިނަލުގެ މަސައްކަތް ފެށުނީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކަމަށާއި، އެއަށްފަހު ރައީސް ސޯލިހުގެ ވެރިކަމުގައިވެސް ޓާމިނަލުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.
"މިހާރުގެ މި އެއާޕޯޓުގެ އެ ޓާމިނަލުގެ މަސައްކަތް ރައީސް ޔާމީނުގެ ވެރިކަމުގައި ފެށުނު. ދެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދެން ހުރި މަސައްކަތްތައް ކުރިއަށްދިޔައީ. ދެން އަޅުގަނޑުމެންނާ ހަވާލުވެގެން ބާކީ ދެންހުރި ހުރިހާ މަސައްކަތެއް ކުރެވިގެންދިޔައީ ގާތްގަނޑަކަށް ދޮޅު އަހަރު ތެރޭގައި." ރައީސް ވިދާޅުވިއެވެ.
"ފެކްޓްސް ބަލާ މީހަކަށް ފެންނާނެތާ ކޮން ވެރިކަމެއްގައި ކިހައި މަސައްކަތެއްކަަން ކުރެވުނީ ކޮން މަސައްކަތެއްކަން ނިމުނީ. ދެން މިކަމުގައި ކޮންމެ މީހަަކު ނުޖެހޭ ނޫންތޯ ތިމަންނައޭ ހުރިހާ ކަމެެއް ކުރީ ގިނަ މަސައްކަތް ކުރީ (ބުނާކަށް). އެދެން ކުޑަކުދިން އުޅޭ ގޮތްކަންނޭނގޭ އެހެން އުޅޭކަށްނުވާނެ،"
ރައީސަށް އިންތިހާބު ކާމިޔާބުވެވަޑައިގަތުމުން އެންމެ ފުރަތަމަ ވަޑައިގަތީ އެއާޕޯޓަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެ މަޝްރޫއަށް ކަމުގައި ވިދާޅުވި ކަމަށެވެ. އެއިރު އިއުލާނުކުރެއްވި ތާރީހަށް މަސައްކަތް ނުނިމުނު ނަމަވެސް މި އަހަރުގެ މިނިވަން ދުވަހަށް މަސައްކަތް ނިމޭ މިންވަރަށް މަސައްކަތް ކުރެއްވުނު ކަމަަށެވެ.
އެމަނިކުފާނު ވިދާޅުވީ އިންޖިނިއަރެއްގެ ހައިސިއްޔަތުން އެތަނަށް ވަޑައިގެން ބެއްލެވިއިރު ސްޓްރަކްޗާ ނިންމައި ބޭރުގައި ފަސާޑު ހަރުކޮށްފައި ހުރި ނަމަވެސް އެތެރޭގެ ގިނަ މަސައްކަތްތައް ހުރީ ކުރަންޖެހިފައި ކަމަށެވެ. އަދި އިމާރާތާ ގުޅުންހުރި ސްކޯޕުގެ ތެރެއިން ހަވާލުކޮށްފައި ނެތް އެތައް ކަމެއް ހުރި ކަމަށެވެ.
އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ޓާމިނަލު ކައިރީގައި އޮންނަ މައި މަގު ނުވަތަ ހެޑް އޮފް ސްޓޭންޑު ގެ މަސައްކަތް ހަވާލުކޮށްފައި ނެތް ކަމަށެވެ. އެ މަގުގެ މަސައްކަތް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ނެތީސް އެ މަސައްކަތް ބަޔަކާ ހަވާލުކޮށް މަގު ހެދުމުގެ މަސައްކަތް މިހާރު ނިމުމަކާ ގެނައީވެސް މި ސަރުކާރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ޓާމިނަލުގެ އިމާރާތުގެ 57 އިންސައްތަ މަސައްކަތް އެއިރު ނިމިފައި އޮތްއިރު ޑިއުޓީ ފްރީ ހެދުމުގެ މަސައްކަތްވެސް ހަވާލުކޮށްފައި ނެތްކަމަށާއި، ސިމެންތި ފިނިޝިން ނިންމުމަށްފަހު ދޫކޮށްލާ ގޮތަށް އޮތްކަން ފާހަގަކުރައްވަމުން އެ މަސައްކަތްތައްވެސް ހަވާލުކުރީ މި ސަރުކާރުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ޖުލައި 26 ވަނަ ދުވަހަށް ނިންމަންޖެހޭ މިންވަރަށް ނިންމާނެ ކަމަށެވެ. އަދި ސެޕްޓެންބަރާ ހަމައަށް މުޅި މަސައްކަތް ނިމިގެންދާނެ ކަމަށެވެ.
"އެއްގޮތަކަށްވެސް ކުރީގެ ވެރިއެއްގެ ވެރިކަމުގައި ކުރެއްވި ކަމެއް ނުކުރައްވާ ކަމުގައި ނުދަންނަވާނަން. ރައީސް ޔާމީނުގެ ވެރިކަމުގައި ފެއްޓެވި ވަރަށް ބައިވަރު މަސައްކަތްތަކެއް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް ބައިވަރު މަސައްކަތްތައް ކުރި. އަޅުގަނޑު ހަވާލުވިއިރު ހުރި ހާލަތު މިދެންނެވީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ސަރުކާރަކުން ކޮށްފައި އޮތް މަސައްކަތެއްގެ ކްރެޑިޓު އެ ސަރުކާރަކަށް ނުދެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށެވެ.
ޓާމިނަލާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށާއި، އެކަމުގެ ސަބަބުން ޖުމްލަ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެއާޕޯޓަކީ ރާއްޖޭގެ އިގުތިސާދުގެ އެންމެ މުހިއްމު އެސެޓުގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ އެއާޕޯޓަކީ ހުރިހާ ދިވެހިންގެ ކުރިއެރުމާ ގުޅިފައި އޮތް ތަނެއް ކަމަށެވެ.
އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވޭއިރު ކުރީގެ ބައު ރަންވޭ މަރާމާތުކުރުމަށްފަހު އަލުން ބޭނުންކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތް ފަދަ އިތުރު ބައެއް މަސައްކަތްތައްވެސް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ހުރިހާ މަސައްކަތްތަކެއްގެ ސަބަބުން އިގުތިސާދަށް އެކަމުގެ ހެޔޮ އަސަރުކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.