ENGLISH

18 އޭޕްރީލު 2025

Advertisement

މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

20 ނޮވެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން. --ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝަހިދު ހުށަހަޅުއްވާ ފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދު ހަވީރު ބޭއްވި ޖަލްސާގައެވެ.

ބިލް ފާސްކުރުމަށް 78 މެމްބަރުން ވޯޓު ދީފައިވާއިރު ނުފެންނަކަމަށް ވޯޓު ދީފައިވަނީ 13 މެމްބަރުންނެވެ. ޖަލްސާގައި ބައިވެރިވީ 91 މެންބަރުންނެވެ. މި ބިލަށް އެމްޑީޕީގެ މެމްބަރަކު އިސްލާހެއް ހުށަހެޅި ނަމަވެސް، މެމްބަރު ހުށަހެޅި އިސްލާހު ފާސްވެފައެއް ނުވެއެވެ.

ގާނުނުއަސާސީ އިސްލާހު ކުރުމަށް ބޭނުންވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަމަށްވާ 93 މެންބަރުންގެ ހަތަރު ބައިކުޅަ ތިން ބައެވެ. އެއީ 70 މެންބަރުންނެވެ.

އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގައި ގާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ވަނީ ހުށަހަޅައިފައެވެ. އެގޮތުން ބިލުގައިވާ އެންމެ މުހިންމު އިސްލާހަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ދެ ހާލަތު އިތުރުކޮށްފައިވުމެވެ. އިތުރުކޮށްފައިވާ އެ ދެ ހާލަތަކީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމާއި ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމެވެ.

ޖަލްސާ ނިންމަވާލަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގައުމާއި ރައްޔިތުން ބޭނުންވެފައިވާ މިފަދަ މުހިންމު ޤާނޫނުތައް ފާސްކުރުމުގައި މަޖިލީހުގެ މެމްބަރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުދަންނަވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު