ENGLISH

31 ޖުލައި 2025

Advertisement

ދީނުގައި ޖުވާ ޙަރާމްކުރައްވާފައި ވަނީ، އެއީ ފާފަވެރިވާ އަދި ގެއްލުންހުރި މުޑުދާރު ޢަމަލަކަށްވާތީ: ޚުތުބާ

11 ޖުލައި 2025

|

އިސްމާއީލް ރާތިއު

ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

އިސްލާމްދީނުގައި ޖުވާކުޅުން ޙަރާމްކުރައްވާފައި ވަނީ، އެކަމަކީ ފާފަވެރިވާ އަދި ގެއްލުންހުރި މުޑުދާރު ޢަމަލަކަށްވާތީ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ޖުވާއާއި އޭގެ އާމްދަނީ ޙަރާމެވެ" މި މައުޟޫޢަށް މިއަދު ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ދިން ޚުޠުބާގައި ވަނީ ޖުވާ ޙަރާމްކުރެއްވުމުގެ ޙިކުމަތްތަކުގެ މައްޗަށް ވަރަށް ފުރިހަމައަށް އަލިއަޅުވާލައިފައެވެ.

ﷲ ތަޢާލާ ވަނީ އެކަލާނގެ އަޅުތަކުންނަށް، ފައިދާހުރި ރަނގަޅު ކަންކަމާއި ތަކެތި ޙަލާލުކުރައްވާ، ގެއްލުންހުރި ނުބައި ތަކެއްޗާއި ކަންކަން ޙަރާމް ކުރައްވާފަކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އެ ގޮތުން ޚުޠުބާ ފައްޓަވާފައިވަނީ ޖުވާއަކީ ކޮބާކަން ކިޔައިދެމުންނެވެ. ޚުޠުބާގައި ބުނެފައިވަނީ ޖުވާއަކީ ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަކަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކުޅިވަރެއް ކަމަށެވެ. އަދި މިކަމަކީ އިސްލާމްދީނުގައި ޙަރާމް ކަމެއް ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި، އާމްދަނީ ހޯދުމަށްޓަކައި އިސްލާމީ ޝަރީޢަތް ހުއްދަކުރަނީ އެއްވެސް ކެހިވެރިކަމެއް، މަކަރުވެރިކަމެއް، އޮޅުވާލުމެއް ނެތް އަދި ވަކި ފަރާތަކަށް ގެއްލުމެއް ނުލިބޭ، ހާމަކަން ބޮޑު ސާފު މުޢާމަލާތުތައް ކަމަށްވެސް ޚުޠުބާގައި ބުނެފައި ވެއެވެ.

ޚުޠުބާގައި ބުނެފައިވަނީ އިސްލާމްދީނުގައި ޖުވާކުޅުން ޙަރާމްކުރައްވާފައި ވަނީ، އެކަމަކީ ފާފަވެރިވާ އަދި ގެއްލުންހުރި މުޑުދާރު ޢަމަލަކަށްވާތީ ކަމަށެވެ. ޚުޠުބާގައި، މާއިދާ ސޫރަތުގެ 90 ވަނަ އާޔަތާއި 91 ވަނަ އާޔަތުން މިކަމަށް ދަލީލުދައްކާފައި ވެއެވެ. (އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރަލާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. شيطان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)

ޙަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، އެއްވެސް ކަމަކަށް ބޭނުންކުރުން ހުއްދަ ނުވާނެ ކަމަށާއި، އެފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ ލެޔާއި މަހަށް އެންމެ ހައްގުވެގެންވަނީ ނަރަކައިގެ އަލިފާން ކަމަށް، މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގެ އަލީގައި ޚުޠުބާގައި ބުނެފައި ވެއެވެ. އަދި، ޖުވާކުޅުން ފަދަ ޙަރާމް ވަޞީލަތްތަކުން ހޯދާފައިވާ ފައިސާއިން ގަންނަ ފޭރާން ލުމާއި، ގެދޮރު އެޅުމާއި ދަރީންގެ ތަޢުލީމަށާއި ޞިއްޙަތަށް ޚަރަދުކުރުމަކީ އޭގެ ސަބަބުން މީހާ ސުވަރުގެއިން މަޙުރޫމް ކުރުވާ، އޭނާއަށް ނަރަކަ ހައްޤުވާނެ ކަމެއް ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ޖުވާގެ ސަބަބުން ލިބޭ އުޚްރަވީ ގެއްލުމުގެ އިތުރަށް، އޭގެ ސަބަބުން ލިބިގެންދާނެ ދުންޔަވީ ގެއްލުން ތަކަށްވެސް ޚުޠުބާގައި އަލިއަޅުވާލާފައި ވެއެވެ. އެގޮތުން، ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި ބަލިވާ މީހާ، މޮޅުވާ މީހާއަށް، އޭނާ އެކަމަށް ކުރި ހުރިހާ ޚަރަދެއް ދޭން ޖެހި، އެކަމުގައި އޭނާ ދަރަނިވެރިވެ، ބަނގުރޫޓުވާ ހިސާބަށްދާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ޖުވާގެ ތެރޭގައި ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ނަޞީބު ނަންބަރު ނެގުމާއި ކެސީނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި އިލެކްޓްރޯނިކް ވަޞީލަތްތައް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި ބެޓުކުރުން ހިމެނޭކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މީގެ އިތުރަށް ޚުޠުބާގައި ބުނެފައިވަނީ، ޖުވާގެ ބާވަތްތައް ޙަރާމްކުރައްވާފައި ވަނީ ނުޙައްޤުން މީހުންގެ މުދަލަށް އަރައިގަނެވޭތީ ކަމަށާއި، ޙަރާމް މުދަލުން އަމިއްލަ ނަފުސަށާއި އަނބިދަރީންނަށް ކާންދެވޭނީ ޙަރާމް ތަކެތި ކަމަށްވާތީ އާއި އެކަމުގެ ތެރޭގައި ގެއްލުންވާ މީހާ ބަނގުރޫޓުވެގެންދާތީ ކަމަށެވެ. އަދި އެކަމުގެ ތެރޭގައި އުޅޭ މީހުންގެ މެދުގައި އުފެދޭ ޢަދާވާތްތެރިކަމުގެ ސަބަބުން ހިނގާ މާރާމާރީތަކުގައި މުދަލާއި، ގެދޮރާއި ފުރާނައަށް ގެއްލުންލިބޭތީ ކަމަށެވެ. އަދި، އިސްލާމްދީނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވާ، މީސްތަކުންގެ މުދަލާއި ފުރާނައާއި އަބުރު ޙިމާޔަތްކޮށްދިނުމާއި، ޖުވާގެ ސަބަބުން ނުކުންނަ ނަތީޖާތައް ފުށޫއަރާތީ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ޙަރާމް ގޮތުގައި ހޯދާ ފައިސާއިން ކައިބޮއި ހެދުމާއި، އެފަދަ ފައިސާއިން ގަންނަ އަންނައުނު ލުމާއި މިފަދަ ކަންތައްތަކަކީ އަޅާގެ ދުޢާ ޢިޖާބަކުރެއްވުމަށް ވެސް ހުރަސްއެޅޭ ކަންކަން ކަމަށް، މާތް ނަބިއްޔާގެ ޙަދީޘްބަސްފުޅެއްގެ އަލީގައި ޚުޠުބާގައި ބުނެފައިވެއެވެ.

ދެވަނަ ޚުޠުބާގައި ބުނެފައިވަނީ، ޖުވާކުޅުމަކީ މުޅި ދުނިޔޭގައިވެސް މިއަދު ފެތުރިފައިވާ ވަބާއެއް ކަމަށާއި މީގެ ސަބަބުން އެތައް ބަޔަކަށް، އެތައް ގެއްލުމެއް ލިބެމުންދާ ކަމަށެވެ. އަދި، ޖުވާކުޅުމުގެ ސަބަބުން އަތުގައިހުރި ލާރިކޮޅު ހުސްވެ، އަނބިދަރީންނަށް ހޭދަކުރާނެ ފައިސާ ނެތިފައި ތިބި މީހުންވެސް އެބަތިބި ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.  އެހެންކަމުން މިކަން ހުއްޓުވުމަށްޓަކައި މައިންބަފައިންނާއި، މުދައްރިސުންނާއި، ޤާނޫނުހަދާ މުއައްސަސާތަކާއި، ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރަންޖެހޭނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު