ENGLISH

27 މޭ 2026

Advertisement

ކުލަގަދަ ހަރަކާތްތަކަކާއެކު މެލޭޝިއާގައި ދިވެހިން އަޟްޙާ އީދު ފާހަގަކޮށްފި

27 މޭ 2026

|

އައިމިނަތު ޝަފާ

މެލޭޝިއާގައި ދިރިއުޅޭ ދިވެހިން އަޟްޙާ އީދު ފާހަގަކުރުމުގެ ތެރެއިން.

ކުލަގަދަ ހަރަކާތްތަކަކާއެކު މެލޭޝިއާގައި ދިވެހިން އަޟްޙާ އީދު ފާހަގަކޮށްފި އެވެ. 

މެލޭޝިއާގައި އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު، ހައިކޮމިޝަނުގެ މުވައްޒަފުންގެ އިތުރުން، މެލޭޝިއާގެ އެކި ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި އެ ގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި އާއިލާތަކުން ބައިވެރިވި އެވެ.

"އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން ސަފީރު ވިދާޅުވީ މިހަރަކާތްތައް ބޭއްވުމުގެ މަގުސަދަކީ މެލޭޝިއާގައި އުޅޭ ދިވެހިންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެއްބައިވަންތަކަމުގެ ގުޅުން ދެމެހެއްޓުން ކަމަށެވެ. 

މި ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 11:00 އިން ހަވީރު 5:00 އަށެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިން އަޟްޙާ އީދު ފާހަގަކުރުމުގެ ތެރެއިން.

މި ހަރަކާތްތައް ކުރިއަށްގެންދިޔައީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެގޮތުން ހަތް އަހަރުން ދަށުގެ އުމުރުފުރާއާއި، 13 އަހަރުން ދަށުގެ އުމުރު ފުރާ އަދި 18 އަހަރުން މަތީގެ އުމުރުފުރާއަށް ކުޅިވަރުތައް ބަހާލައިގެން ކުރިއަށްގެންދިޔަކަމަށް ސަފީރު ވިދާޅުވި އެވެ. 

އީދު ފާހަގަކުރުމުގެ ގޮތުން މެލޭޝިއާގައި ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގެ ތެރޭގައި ދިވެހި ސަގާފީ ނެށުންތަކާއި، ފޯރިގަދަ ބޮޑުބެރުގެ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން، އާއިލާތަކަށާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކަކާއެކު އަގު ހުރި އިނާމުތަކެއްވެސް ވަނީ ބަހާފަ އެވެ. މި ހަރަކާތްތަކުގައި ސްޓަޑީ ކޭމްޕަކަށް އެގައުމަށް ގޮސްތިބި ގައުމީ ޔުނިވާސިޓީގެ 50 ދަރިވަރުން ވެސް ބައިވެރިވިކަމަށް ސަފީރު ވިދާޅުވި އެވެ. 

މީގެ އިތުރުން މިއަދު މިއަދު މެލޭޝިއާގައި ތިބި ދިވެހިންގެ އުޟްހިޔާ ކަތިލުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިޔައެވެ. 

މެލޭޝިއާގައި ދިރިއުޅޭ ދިވެހިން އަޟްޙާ އީދު ފާހަގަކުރުމުގެ ތެރެއިން. 

ސަފީރު ވިދާޅުވީ މި ހަރަކާތްތައް ރާވައި އިންތިޒާމުކުރީ ހައިކޮމިޝަނުގެ ސްޓާފުންނާއި އެގައުމުގައި ދިރިއުޅޭ ދިވެހިންކަމަށެވެ. 

މިފަދަ ހަރަކާތްތަކުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ކުޅިވަރުތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ސަފީރު ވިދާޅުވި އެވެ.

ކުލަ ގަދަ ހަރަކާތްތަކަކާއެކު މެލޭޝިއާގައި އީދު ފާހަގަކުރި އިރު މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވިދާޅުވީ މެލޭޝިއާގައި ގިނަ ދިވެހިން ދިރިއުޅޭތީ ހުރިހާ ހައިކޮމިޝަނުގެ ތެރެއިން އަދި ހުރިހާ އެމްބަސީތަކުގެ ތެރެއިންވެސް ދިވެހިންނަށް ޓާގެޓުކޮށް އެންމެ ބޮޑަށް މަސައްކަތްތަކެއް ކުރަންޖެހޭ ހައިކޮމިޝަން ހުރީ މެލޭޝިއާގައި ކަމަށެވެ. ރައީސް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ކޮންސިއުލާ ޚިދުމަތްތަކާއި، އެހެނިހެން ހިދުމަތްތައް ފޯރުކޮށްދޭނެކަމަށެވެ. މިފަހަރުގެ މި ހަރަކާތަކީ ރައީސްގެ މިދަތުރުފުޅަށް ފަހު މެލޭޝިއާގައި ބޭއްވުނު މިފަދަ ފުޅާ، ފޯރިގަދަ ހަރަކާތެވެ. 

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުވަނީ މެލޭޝިއާގެ ކިޔަވާކުދިންގެ ޖަމުޢިއްޔާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ.

ދިވެހިން އުޅޭ ގައުމެއްގައި އެ ދިވެހިންނަށް ބޭނުންވާ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ޒިންމާއެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ހުރިހާ ކަމެއްގައި ހަމަހަމަކަމާއެކީގައި ޚިދުމަތް ދެއްވާނެކަމަށް ވިދާޅުވެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު