ENGLISH
27 މޭ 2026
އައު ފްލެޓްތައް ސަރަހައްދުގެ މަގުތައް މިއަހަރު ފަހުކޮޅަށް ނިންމާނެ
27 މޭ 2026
|
އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ފްލެޓް ސަރަހައްދުގެ މަގުތައް ހެދުމުގެ ތެރެއިން
އެންމެ މަޤްބޫލު
އެފްޑީސީ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުންދާ 4000 ހައުސިން ޔުނިޓު ހިމެނޭ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަޝްރޫއު ނިމޭނީ މިއަހަރުގެ ފަހުކޮޅު ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މި މަސައްކަތް ކުރިޔަށް ގެންދަނީ، 9 ފިޔަވައްސަކަށް ބަހާލައިގެންނެވެ.
އެޗްޑީސީން ބުނީ، މި މަޝްރޫއުގެ ދަށުން މަގުތަކުގައި ގައު އެތުރުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން، ޒޯން 1އިން ފެށިގެން ޒޯން 6 އާ ހަމައަށް ހުރިހާ ޒޯނެއްގެ މަގުތަކުގައި ގައު އެތުރުމުގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ރީތިގަސް މަގު ފޭސް 2 ހިމެނޭ ޒޯން 7ގެ މަސައްކަތުގެ 35 އިންސައްތަ ނިމިފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ، މަޝްރޫއުގެ ހުރިހާ ޒޯންތަކެއް އެއްކޮށް ބަލާއިރު މަގުބައްތި ހަރުކުރުމުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މަގުބައްތި ހަރުކުރުމުގެ ބާކީ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނީ ދިގުތިޔާރަ މަގުގެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
އެ މަގުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ބައްތި ހަރުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. އަދި މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް އެޗްޑީސީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް މައުލޫމާތުދެއެވެ.
މީގެއިތުރުން، މަގުތަކުގެ ދުވާރާއި ވެހިކަލް ޕާކްކުރާ ސަރަޙައްދުތަކުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެޗްޑީސީން ބުނެއެވެ.
މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ ފަހުކޮޅު ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
އަމާން ދޯދި އަދި އަމާން އުދަރެސް ފްލެޓްތަކުން އެޕާޓްމެންޓް ލިބުނު ބައެއް ފަރާތްތަކުން މިހާރު އެތަނުގައި ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަހައްދުގައި ގަސް އިންދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނީ، 16 ފަންގިފިލާގެ 32 ޓަވަރެވެ.
މީގެތެރޭގައި 2 ކޮޓަރިއާއި، 3 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނެއެވެ. ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލު ކުރަމުންދަނީ، އެތަންތަނުގެ ފެނާއި ކަރަންޓު ގުޅައިދިނުމަށްފަހުގައެވެ. އެފްޑީސީން ދަނީ، އަލަށް އެ ސަރަޙައްދަށް ބަދަލުވަމުންދާ ފަރާތްތަކަށް ފަސޭހަވާނެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.