ENGLISH

12 ޖުލައި 2025

Advertisement

ޣައްޒާގެ ކްލިނިކަކަށް އިޒްރޭލުން ޙަމަލާދީ ތުއްތު ކުދިންތަކެއް ޝަހީދުކޮށްލައިފި

11 ޖުލައި 2025

|

ހަސަން އާމިރު

ފަލަސްޠީނުގެ ޣައްޒާގައި ހުންނަ ކްލިނިކަކަށް އިޒްރޭލުން ދިން ވައިގެ ޙަމަލާއެއްގައި ތުއްތު ކުދިންތަކެއް ޝަހީދުވެފައިވާކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ.

ހައިހޫނުކަން ތަޙައްމަލުކުރަން މަޖުބޫރުވެފައިވާ ޣައްޒާގައި ހުންނަ އެ ކްލިނިކަށް އިޒްރޭލުން ޙަމަލާދިނީ، ކުޑަކުދިންނަށްދޭ ނިއުޓްރިޝަނަލް ސަޕްލިމަންޓް ހޯދުމަށް ކިޔު ހަދައިގެން ތިއްބާކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

އެ ޙަމަލާގައި ޝަހީދުވި 17 މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

ޣައްޒާއަށް އިޒްރޭލު ސިފައިން ހުއްޓުމެއްނެތި ޢުދުވާނީ ޙަމަލާތައް ދެމުންދާއިރު، އިއްޔެ އެކަނިވެސް ޣައްޒާގެ އެކި ސަރަޙައްދުތަކުން އިތުރު 66 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

ކުޑަކުދިންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ކްލިނިކަކަށް އަމާޒުކޮށް ޙަމަލާދިނުމުން، އދ.ގެ ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، ޔުނިސެފްއިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށް، އެކަން ކުށްވެރިކޮށްފައެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ޢުދުވާނުތައް މެދުކަނޑައިލުމުގެ އެއްބަސްވުމެއްގެ މަޝްވަރާތައް ކުރަމުންދާއިރު ވެސް، އިޒްރޭލުން ދަނީ ކޮންމެ ދުވަހަކު ޣައްޒާއަށް ޙަމަލާދީ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އިޒްރޭލާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލުންގެ މެދުގައި ޤަތަރުގެ ވެރިރަށް ދޯހާގައި އާދީއްތަ ދުވަހުން ފެށިގެން ދަނީ މަޝްވަރާތައް ކުރަމުންނެވެ.

ނަމަވެސް، އިޒްރޭލުން އެއްބާރުލުންނުދޭތީ އެ މަޝްވަރާތަކަށް ކުރިއެރުމެއް ހޯދުމަށް ހުރަސްއެޅިފައިވާކަމަށް ޙަމާސްއިން ބުންޏެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 57,500 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު