ENGLISH

12 ޖުލައި 2025

Advertisement

ފެންބޮޑުވި ހާދިސާގައި އެހީ ލަސްވިކަމުގެ ޝަކުވާތަކުގެ ތެރެއިން، ޓްރަމްޕް ޓެކްސަސްއަށް

11 ޖުލައި 2025

|

ހަސަން އާމިރު

އެމެރިކާގެ ޓެކްސަސްއަށް ކުރި ވިއްސާރައިގައި، އެ ސްޓޭޓުގެ މަޝްހޫރު ގްވާޑަލޫޕް ކޯރު ބަންޑުންވެ، އެތައް ބަޔަކު މަރުވި ހާދިސާގައި، އެހީ ފޯރުކޮށްދިނުމުގައި ލަސްވިކަމުގެ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެ ސްޓޭޓަށް ވަޑައިގެންނެވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

މިއަދުގެ ވަގުތެއްގައި ޓްރަމްޕާއި އަނބިކަނބަލުން މެލާނިޔާ ޓްރަމްޕް ޓެކްސަސްއަށް ވަޑައިގެން، ގެއްލުނު މީހުން ހޯދުމުގައި ހަރަކާތްތެރިވަމުންދާ އިދާރާތަކުގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހާދިސާގައި މިހާތަނަށް 120 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ގްވާޑަލޫޕް ކޯރު ބަންޑުންވެ، މުޅި ސަރަޙައްދުގައި ފެންބޮޑުވެ، ގިނަ އިމާރާތްތަކާއި އާންމުންގެ މުދަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން ގެއްލިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު 170 އަށް އަރާ ކަމަށް ކަމާގުޅޭ އިދާރާތަކުން ބުންޏެވެ. އެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު، ފާއިތުވި ހަފްތާގެ ތެރޭގައި، ދިރިހުއްޓާ އެއްވެސް މީހަކު ސަލާމަތް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މިފަދަ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ އިދާރާތަކަށް މައި ސަރުކާރުން ދޭ ބަޖެޓު ވަރަށް ބޮޑަށް ކުޑަކޮށްފައިވާތީ، މި ހާދިސާގައި އެހީ ފޯރުކޮށްދިނުން ލަސްވިކަމަށް ބުނެ، ޓްރަމްޕްގެ ސަރުކާރަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ނަމަވެސް، ޓްރަމްޕް ވަނީ، ގަރުނަކު އެއް ފަހަރު ކުރިމަތިވާ މިފަދަ ކާރިސާއެއްގައި ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެކަމަށް ވިދާޅުވެ، އެ އިދާރާތަކުގެ ބަޖެޓު ކުޑަކުރުން ދިފާޢުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު