ENGLISH

12 ޖުލައި 2025

Advertisement

ޣައްޒާގެ ސުލްޙައިގެ އެއްބަސްވުމަށް މަގުފަހިކުރަން، އިޒްރޭލުގެ 10 އަސީރުން މިނިވަންކުރަން ޙަމާސްއިން އެއްބަސްވެއްޖެ

10 ޖުލައި 2025

|

ހަސަން އާމިރު

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ލާއިންސާނީ ޢުދުވާނުތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް މަގުފަހިކުރުމަށްޓަކައި، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގައި ދަށު ތިބި އަސީރުންގެ ތެރެއިން 10 މީހަކު މިނިވަންކުރަން އެ ޖަމާޢަތުން އެއްބަސްވެއްޖެއެވެ.

އިޒްރޭލާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލުންގެ މެދުގައި ޤަތަރުގެ ވެރިރަށް ދޯހާގައި އާދީއްތަ ދުވަހުން ފެށިގެން ދަނީ މަޝްވަރާތައް ކުރަމުންނެވެ.

ނަމަވެސް، އިޒްރޭލުން އެއްބާރުލުންނުދޭތީ އެ މަޝްވަރާތަކަށް ކުރިއެރުމެއް ހޯދުމަށް ހުރަސްއެޅިފައިވާކަމަށް ޙަމާސްއިން ބުންޏެވެ.

ޙަމާސްއިން އަސީރުންތަކެއް މިނިވަންކުރަން އެއްބަސްވިއިރު، އިޒްރޭލުގެ އިސްތިޢުމާރީ ފައުޖުން އިއްޔެ އެކަނިވެސް ޣައްޒާގައި 74 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

އެމެރިކާ އާއި ޤަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ މަޝްވަރާތަކުގައި، ޣައްޒާއަށް އެހީ ވެއްދުމާއި، ޣައްޒާގެ ސަރަޙައްދުތަކުން އިޒްރޭލު ސިފައިން ފަހަތަށް ޖެހުންފަދަ މުހިންމު ކަންކަމަށް އަދިވެސް އެއްބަސްނުވެވޭކަމަށް ޙަމާސްއިން ބުންޏެވެ.

މި އެއްބަސްވުން ވާންޖެހޭނީ، މި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނެސް، ފަލަސްތީނުގެ ރައްޔިތުންގެ އެންމެހާ ޙައްޤުތައް ކަށަވަރުކުރެވޭނެ މަގުކޮށޭނެ އެއްބަސްވުމަކަށް ކަމަށް ޙަމާސް އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ޤައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެމެރިކާގެ އިތުރުން ޤަތަރާއި މިޞްރުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.

އާ ހުށަހެޅުމުގައި ޣައްޒާގައި ޔަހޫދީން ހިޞާރުކޮށްފައިވާ ސަރަޙައްދުތަކުން އިޒްރޭލު ސިފައިން ފޭބުމަކީ ވެސް ޙަމާސްއިން ހިމަނަން ބޭނުންވާ ޝަރުތެކެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 56,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު