ENGLISH

12 ޖުލައި 2025

Advertisement

ޣައްޒާގެ ސުލްޙައިގެ އެއްބަސްވުމަކާ ގާތަށް ދެވިފައިވާ ކަމުގެ އިޝާރާތެއް

09 ޖުލައި 2025

|

ހަސަން އާމިރު

އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު، ސްޓީވް ވިޓްކޮފް

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ލާއިންސާނީ ޢުދުވާނުތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކާ ވަރަށް ގާތަށް ދެވިފައިވާކަމުގެ އިޝާރާތެއް، އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު، ސްޓީވް ވިޓްކޮފް ދެއްވައިފިއެވެ.

އިޒްރޭލާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލުންގެ މެދުގައި ޤަތަރުގެ ވެރިރަށް ދޯހާގައި އާދީއްތަ ދުވަހުން ފެށިގެން ދަނީ މަޝްވަރާތައް ކުރަމުންނެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިޓްކޮފް ވިދާޅުވީ، މިހާރު ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން އެއްބަސްނުވެވޭ ހަތަރު ކަމެއް އޮތް ކަމަށާއި، ނަމަވެސް ފާއިތުވި ދެ ދުވަހުގެ ތެރޭގައި އޭގެ ތެރެއިން ތިން ކަމަކަށް ދެ ފަރާތުން ވެސް މިހާރު އެއްބަސްވެފައިވާ ކަމަށެވެ.

އެހެންކަމުން، މި ހިނގާ ހަފްތާ ނިމުމުގެ ކުރިން، އެންމެ ފަހު ކަމަށް ވެސް ދެ ފަރާތުން އެއްބަސްވެ، 60 ދުވަހަށް ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކާ ހަމައަށް ދެވުމުގެ އުއްމީދު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ 10 އަސީރުންނާއި އިތުރު ނުވަ އަސީރެއްގެ ހަށިގަނޑު ޙަވާލުކުރެވޭނެ ކަމަށް ވެސް ވިޓްކޮފް ހާމަކުރެއްވިއެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން، ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނެވޭނެކަމުގެ ފުރުޞަތު ބޮޑުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޤަތަރުގައި މި މަޝްވަރާތައް ފަށާފައި މިވަނީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލުކުރަން އެމެރިކާއަށް ގޮސްގެން އުޅޭ ދަނޑިވަޅެއްގައެވެ.

ޓްރަމްޕްއާ ބައްދަލުވުމުން، ސުލްޙައިގެ މަޝްވަރާތަކަށް ވެސް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ޤައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެމެރިކާގެ އިތުރުން ޤަތަރާއި މިޞްރުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.

އާ ހުށަހެޅުމުގައި ޣައްޒާގައި ޔަހޫދީން ހިޞާރުކޮށްފައިވާ ސަރަޙައްދުތަކުން އިޒްރޭލު ސިފައިން ފޭބުމަކީ ވެސް ޙަމާސްއިން ހިމަނަން ބޭނުންވާ ޝަރުތެކެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 56,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު