ENGLISH

07 ޖުލައި 2025

Advertisement

ޣައްޒާގައި އަލުން ޙަމަލާތައް ހުއްޓައިލުމުގެ މަޝްވަރާތަކުގެ ފުރަތަމަ ބުރުން މާބޮޑު ކުރިއެރުމެއް ނުލިބުނު

07 ޖުލައި 2025

|

ހަސަން އާމިރު

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން ހުއްޓުމެނެތި ދެމުންދާ ލާއިންސާނީ ޢުދުވާނުތައް މެދުކަނޑައިލުމުގެ އާ ހުށަހެޅުމާ ގުޅޭގޮތުން ޤަތަރުގައި ފެށި މަޝްވަރާތަކުގެ ފުރަތަމަ ބުރުން، މާބޮޑު ކުރިއެރުމެއް ނުލިބުނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިޒްރޭލާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލުންގެ މެދުގައި ޤަތަރުގެ ވެރިރަށް ދޯހާގެ ތަފާތު ދެ އިމާރާތެއްގައި ކުރި މަޝްވަރާތައް ތިން ގަޑިއިރަށް ވުރެ ގިނަ އިރަށް ދިގުދެމިގެންދިޔައެވެ.

ޤަތަރާއި މިޞްރު މެދުވެރިއެއްގެ ރޯލު އަދާކުރާ މި މަޝްވަރާތަކުގައި ދެ ފަރާތުން ވެސް ބައެއް ކަންކަން ސާފުކުރި ކަމަށް ބުނެފައިވެއެވެ.

މިއަދު ވެސް އެ މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، އާ ހުށަހެޅުމަމެދު އޮތް ޚިޔާލުތަފާތުވުންތައް ހައްލުކުރަން، ދެ ފަރާތާ ވެސް ވަކިވަކިން ބައްދަލުވުންތައް، މެދުވެރިން ވަނީ ތާވަލުކޮށްފައެވެ.

ރޮއިޓަރސް ނިއުސްއިން، ފަލަސްޠީނުގެ ދެ އޮފިޝަލަކާ ޙަވާލާދީ ބުނީ، އިޒްރޭލުން ފޮނުވި ވަފްދުން ޙަމާސް އާއެކު އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ހުއްދައެއް ނެތް ކަމަށެވެ.

ޤަތަރުގައި މި މަޝްވަރާތައް ފަށާފައިމިވަނީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބައްދަލުކުރައްވަން އެމެރިކާއަށް ދަތުރެއް ކުރުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕްއާ ބައްދަލުވުމުން، ސުލްޙައިގެ މަޝްވަރާތަކަށް ވެސް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

ފަލަސްޠީނުގެ އިސް އޮފިޝަލަކާ ޙަވާލާދީ ބީބީސީ ނޫހުން ބުނީ، ޙަމަލާތައް ހުއްޓައިލުމުގެ އާ ހުށަހެޅުމުގެ އޮނިގަނޑަށް ޙަމާސްއިން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް، އެ ހުށަހެޅުމަށް ޙަމާސްއިން ބައެއް ބަދަލުތައް ގެންނަން ބޭނުންވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އޭގެތެރޭގައި، ޙަމަލާތައް މެދުކަނޑާލެވޭ މުއްދަތުގެ ތެރޭގައި، ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް ނާދެވުނަސް، ޣައްޒާއަށް އަލުން ޙަމަލާދޭން ނުފަށާނެކަމުގެ ޔަޤީންކަން ހިމަނަން ޙަމާސްއިން ބޭނުންވެއެވެ.

ނަމަވެސް، އެކަމާ ގުޅޭގޮތުން، އިޒްރޭލުން ވެސް އަދި އެމެރިކާއިން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ޢުދުވާނުތައް، 60 ދުވަހަށް މެދުކަނޑައިލުމުގެ ޝަރުތުތަކަށް އިޒްރޭލުން އެއްބަސްވެފައިވާކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.

މި ޕްލޭންގައި ހިމެނެނީ އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްޠީނުގެ ޤައިދީންގެ ބަދަލުގައި، ޙަމާސްގެ ބެލުމުގެ ދަށުގައި ދިރިތިބި އިޒްރޭލުގެ 10 އަސީރުންނާއި އިތުރު 18 އަސީރެއްގެ ހަށިގަނޑު ޙަވާލުކުރުމެވެ. ޣައްޒާގައި މިހާރުވެސް ރަހީނުކޮށްފައިވާ 50 މީހުން ތިބިއިރު، އޭގެ ތެރެއިން މަދުވެގެން 20 މީހުން ދިރިތިބި ކަމަށް ބެލެވެއެވެ.

އަދި އދ. އާއި ރެޑްކްރޮސްގެ ބައިވެރިވުމާއެކު އެކަށީގެންވާ މިންވަރަކަށް އިންސާނީ އެހީ ވަގުތުން ޣައްޒާއަށް ފޯރުކޮށްދިނުން ވެސް އެ ހުށަހެޅުމުގައި ހިމަނާފައިވާ ކަމަށްވެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ޤައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެމެރިކާގެ އިތުރުން ޤަތަރާއި މިޞްރުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.

އާ ހުށަހެޅުމުގައި ޣައްޒާގައި ޔަހޫދީން ހިޞާރުކޮށްފައިވާ ސަރަޙައްދުތަކުން އިޒްރޭލު ސިފައިން ފޭބުމަކީ ވެސް ޙަމާސްއިން ހިމަނަން ބޭނުންވާ ޝަރުތެކެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 56,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު