ENGLISH

06 ޖުލައި 2025

Advertisement

ފުވައްމުލަކާއި އައްޑޫ ސިޓީގައި އައިޑީ ކާޑުގެ ޚިދުމަތް ފަށައިފި

06 ޖުލައި 2025

|

ހަސަން އާމިރު

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައި ފަށައިފިއެވެ.

މި ދެ ސިޓީގައި މި ހަފުތާގައި ފެށި ޚިދުމަތާއެކު ރާއްޖޭގެ 23 އަށްވުރެ ގިނަ ރަށަކުން މިހާރު މި ޚިދުމަތް ލިބޭނެއެވެ.

އައްޑޫ ސިޓީގައި އައިޑީ ކާޑުގެ ޚިދުމަތް ފެށިއިރު މި ޚިދުމަތް ލިބޭނީ ހިތަދޫ އަދި ހުޅުދޫ އިން ކަމަށް ޑިޕާޓްމަންޓް އޮފް ނެޝެނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުންޏެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން އައިޑީ ކާޑުގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ އަމާޒަކީ، އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ އިތުރު ޤައުމުތަކުގައި ވެސް މި ޚިދުމަތް ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި އައިޑީކާޑުގެ ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައެވެ.

ކުރިން މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު