ENGLISH

31 މޭ 2026

Advertisement

މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ ދެ މަތިންދާބޯޓު ގެންނަނީ

31 މޭ 2026

|

އާމިނަތު ނުޒްލާ

މޯލްޑިވިއަންގެ ފްލައިޓެއް ދަތުރުމަތީގައި-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މޯލްޑިވިއަންގެ ފްލީޓުގައި ބޭނުންކުރަމުންދާ ޑޭޝް8 މަރުކާގެ ބޯޓުތައް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، އިތުރު ދެ އޭޓީއާރު މަތިންދާ ބޯޓު ގެނައުމަށް އޯޑަރު ދީފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިޔާސް ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް8 މަރުކާގެ ބޯޓުތައް، އޭޓީއާރުގެ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ، 2022ވަނަ އަހަރުގައި ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން މިހާރު އިތުރު ދެ ބޯޓެއް ގެނައުމަށް އޯޑަރު ދީފައިވާ ކަމަށެވެ.

އިޔާސް ވިދާޅުވީ، އޯޑަރު ދިން ދެ ބޯޓުގެ ތެރެއިން އެއް ބޯޓު މިއަހަރު ފަހުކޮޅު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ދެވަނަ ބޯޓުވެސް އަންނަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ. މި އާ ބޯޓުތަކާއެކު، އެކުންފުނީގެ ޑޭޝް 8 މަރުކާގެ ބޯޓުތައް ފޭސް-އައުޓްކޮށް، އެ ކުންފުނީގެ ފްލީޓް ޒަމާނީ ކުރުމަށް ކުރެވިގެންދާ މަސައްކަތަށް ބޮޑު ކާމިޔާބެއް ލިބިގެންދާނެކަމަށް އިޔާސް ވިދާޅުވި އެވެ.

އިޔާސް އިތުރަށް ފާހަގަކުރެއްވީ، މިހާރު ބޭނުން ކުރަމުންދާ ޑޭޝް8ގެ ބޯޓުތަކަކީ، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ ބޯޓުތަކެއް ކަމެވެ. މި ބޯޓުތައް ގިނަ ދުވަސްވުމުގެ ސަބަބުން ބާވެފައިވާ ކަމަށާއި، މަރާމާތުކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ކަންވެސް އިޔާސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިހާރު މި ބޭނުންކުރަމުންދާ ޑޭޝް 8 ބޯޓުތަކަކީ، މިއީ ވަރަށް އޭޖް ވެފަ ހުރި ބޯޓުތަކެއް. އެހެންމެ މިހާރު އަޅުގަނޑުމެން މި ބޭނުންކުރަމުންދާ ބޯޓުގެ އޭޖް މިވަނީ 25 އަހަރަށްވުރެ މައްޗަށް ގޮސްފައި. އަދި މި މަރުކާގެ މަތިންދާބޯޓު ގާތްގަނޑަކަށް 2009 ނުވަތަ 2010ވަނަ އަހަރު މިވަނީ އިތުރަށް މެނުފެކްޗަރ ކުރުން ހުއްޓާލާފައި. އެހެންވުމުގެ ސަބަބުން އަދި މި ބޯޓުތައް އޭޖްވުމުގެ ސަބަބުން އަޅުގަނޑުމެންނަށް މި ބޯޓުތަކުގެ މެއިންޓެނެންސަށް ވަރަށް ބޮޑު ޚަރަދެއް އެބަ ކުރަންޖެހޭ." އިޔާސް ވިދާޅުވި އެވެ.

އިޔާސް އިތުރަށް ވިދާޅުވީ، މިހާރުވެސް މޯލްޑިވިއަނުން އޭޓީއާރުގެ ފަސް ބޯޓު ގެނެސް އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި އެންމެފަހުން ގެނައި ބޯޓަކީ، މުޅިން އައު ބޯޓެއް ކަމަށްވެސް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ފްލީޓުގައި 27 މަތިންދާ ބޯޓު ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ މަތިންދާ ބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާ ބޯޓަކާއި، އޭޓީއާރު މަރުކާގެ ފަސް މަތިންދާ ބޯޓާއި، ޑޭޝް8  މަރުކާގެ ނުވަ މަތިންދާ ބޯޓާއި އަދި ޑޭޝް6  މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާ ބޯޓެވެ.  

މޯލްޑިވިއަންގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަކީ، ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް އައިލެންޑް އޭވިއޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު