ENGLISH
06 ޖުލައި 2025
އީލޮން މަސްކް، އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ
06 ޖުލައި 2025
|
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކް އާ ދެމެދު އުފެދިފައިވާ އަރައިރުން ހޫނުވެފައިވަނިކޮށް، އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް މަސްކް އިޢުލާނުކުރައްވައިފިއެވެ.
މަސްކް، އޭނާގެ ކުންފުނިން ހިންގާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޢުލާނުކުރެއްވި ގޮތުގައި، "އެމެރިކާ ޕާޓީ"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ، އެމެރިކާގެ ޒަމާންވީ ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ މައްޗަށް އެކުލެވޭ ޕާޓީގެ ނިޒާމާ ވާދަކުރުމަށެވެ.
ނަމަވެސް، މި އާ ޕާޓީ ރަސްމީކޮށް ރަޖިސްޓްރީ ކުރަން ހުށަހެޅި ކަމެއް އަދި ސާފެއް ނޫނެވެ.
ދެކުނު އެފްރިކާއަށް އުފަން މަސްކަށް އެމެރިކާގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމުގެ ފުރުޞަތު ނުލިބޭނެއިރު، މި އާ ޕާޓީގައި އިސްކޮށް ހުންނަވާނީ ކޮން ބޭފުޅެއް ކަމެއް ވެސް އޭނާ އަދި ހާމަކުރައްވާފައެއް ނުވެއެވެ.
އެމެރިކާގެ ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް އުފައްދާފައިވާ އިދާރާ ހިންގުމުގެ ޒިންމާ ޓްރަމްޕް ހަވާލުކުރައްވާފައި ހުންނެވި، މަސްކް އެ މަޤާމު ދޫކޮށްލެއްވީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
"ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ" ގޮތުގައި އޭނާއާ ޙަވާލުކޮށްފައިވަނީ ސަރުކާރު ހިންގުމުގެ ތެރެއިން ޚަރަދުތައް ކުޑަކޮށް، އިސްރާފުތައް މަދުކުރުމަށް އުފައްދާފައިވާ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް) ހިންގުމެވެ.
މަސްކް އެމެރިކާގެ ސަރުކާރުން ވަކިވެފައި މިވަނީ، ސަރުކާރުގެ ޚަރަދާ ގުޅޭ ގާނޫނެއް ފާސްކުރި މައްސަލާގައި ޓްރަމްޕްއާ ޚިޔާލުތަފާތުވެފައިވަނިކޮށެވެ.
މަސްކް ޤަބޫލުކުރައްވާ ގޮތުގައި، އެ ޤާނޫނު އެކުލަވާލާފައިވަނީ، ޑޯޖްއިން ޚަރަދުތައް ކުޑަކޮށް، އިސްރާފުތައް ހުއްޓުވަން ކުރި މަސައްކަތްތަކުގެ ވެސް ބޭނުން ކެނޑޭ ގޮތަށެވެ.
އޭގެފަހުން މަސްކް ވަނީ އެކަމާ ގުޅުވައި، ޓްރަމްޕްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ޚަރަދު ކުރެއްވި މަސްކް، އެމެރިކާ ދޫކޮށް، އެނބުރި ދެކުނު އެފްރިކާއަށް ދިޔުމަށް ޓްރަމްޕް މި ފަހުން ވަނީ، ނުސީދާކޮށް އިންޒާރެއް ވެސް ދެއްވައިފައެވެ.
މި ހިނގާ ޖުލައި މަހުގެ އެއްވަނަ ދުވަހު، ޓްރަމްޕް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ ކެމްޕޭނުގެ ތެރޭގައި ތާއީދުކުރައްވަން ނިންމެވިއިރުވެސް، އިލެކްޓްރިކް ކާރު (އީވީ) އާ ދެކޮޅުކަން މަސްކްއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
މިގޮތުން، އެންމެން އީވީ ގެންގުޅެން މަޖުބޫރުކުރުވަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިޝާރާތް ކުރެއްވީ އިލެކްޓްރިކް ކާރު އުފައްދާ މަސްކްގެ ޓެސްލާ ކުންފުންޏަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މަސްކް އަކީ އެމެރިކާގެ ތާރީޚުގައި ވެސް ދައުލަތުން އެންމެ ގިނައިން ސަބްސިޑީ ލިބޭ ފަރާތެވެ.
"...ސަބްސިޑީ ނުލިބޭނަމަ، ވިޔަފާރިތައް ބަންދުކޮށް އަނބުރާ ދެކުނު އެފްރިކާއަށް މަސްކް ދާންޖެހުން ވަރަށް ގާތް،" ޓްރަމްޕް ވިދާޅުވިއެވެ.
މިކަން ޑޯޖް އިން ރަނގަޅަށް ބަލަންޖެހޭ ކަމަށާއި އޭރުން ސަރުކާރަށް ވަރަށް ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.