ENGLISH
05 ޖުލައި 2025
އިޒްރޭލް ޕާސްޕޯޓުގައި އެތެރެވާ މީހުން މަނާކޮށްދޭން އެމްޑީޕީގެ މެންބަރު ތަކުރާރުކޮށް އެދިވަޑައިގެންފި
20 ނޮވެމްބަރު 2024
|
އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމް މަޖިލީހުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް
ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާއްމާ ދެކޮޅަށް ދިވެހި ރާއްޖެ ސްޓޭންޑެއް ނެގުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވާ މީހުން މަނާކޮށްދޭށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު މީކާއީލް ނަސީމް ތަކްރާރުކޮށް މަޖިލީހުގައި މިއަދު އެދިވަޑައިގެންފިއެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަސްކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރަން ލިބުނު ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ވިދާޅުވީ އެމްޑީޕީގެ ފަރާތުން އޭނާ މި ބިލް މަޖިލީހަށް ހުށަހެޅިތާ 163 ދުވަސްވެއްޖެ ކަމަށާއި އެހެން ނަމަވެސް ފެނުނީ ސިޔާސީ ޕާޓީއެއްގެ ބާރުގައި ބިލް ހިފައްޓާފައިވާ މަންޒަރު ކަމަށެވެ.
"މި ބިލް މަޖިލީހަށް ހުށަހަޅަމުން ވެސް އަޅުގަނޑު ދެންނެވިން މިކަމަީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ސިޔާސީ އެކިއެކި ތަފާތުތައް އެއްކައިރިކޮށް މި ބިލުގެ މަސައްކަތް އަވަސްކޮށްދެއްވާށޭ. އެހެން ނަމަވެސް މި ރައްޔިތުންގެ މަޖިލީހުން ފެނުނީ ތަފާތު މަންޒަރެއް. ފެނުނީ ސިޔާސީ ޕާޓީއެއްގެ ބާރު މި މަޖިލީހުގެ މައްޗަށް އަތްގަަކޮށްފައި އޮތް މިންވަރު. މެންބަރުން ވާހަކަ ދައްކަން އެދިވަޑައިގަތީމާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު ވަކިވަކި މެންބަރުން ގާތަށް ވަޑައިގެން ވާހަކަ ނުދެއްކުމަށް އެދިވަޑައިގެންނެވި މަންޒަރު ފެނުނު،" ގަރާރަށް ބަހުސް ކުރަން ހުޅުވާލި ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވިއެވެ.
އިޒްރޭލް ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލުގެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީގައި ނިންމުމަށް އެ ބިލު ދިރާސާ ކުރާ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން މިމަހު 12 ވަނަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. ކޮމިޓީގެ މެންބަރުން ބޭނުންވީ ބިލް ދިރާސާކުރަން މުއްދަތެއް ބޭނުންވާނެ ކަމަށެވެ.
"މިކަމަކީ ސިޔަސީ ނުފޫޒެއްގެ ތެރެއިން ބަޔަކު އަޅުގަނޑުމެންގެ މައްޗަށް ނުފޫޒު ހިންގުމަށްޓަކައި ހާއްސަކޮށް ސަރުކަރަށް ނުފޫޒު ހިންގުމަށްޓަކައި އަދި ސަރުކާރު ރައްޔިތުންގެ ކުރިމަތީގައި ނިކަމަތި ކުރުމަށްޓަކައި ހުށަހެޅިފައިވާ އެއްޗެއްކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ބިލް ދިރާސާކުރަން މުއްދަތެއް ބޭނުންވާނެ ކަމަށް އިޝާރަތް ކުރައްވާ 241 ކޮމިޓީގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް) ވިދާޅުވި އެވެ.
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މި ބިލަކީ މުޅި ރާއްޖޭގެ އިގްތިސާދާއި މިނިވަންކަމާ އެހެން ގޮސް ގައުމަކަށް ދިމާވާނެ ހުރިހާ ކަމެއް ކުރިމަތިވާ ބިލެއް ކަމަށާއި އެހެންކަމުން އެ ބިލު ދިރާސާނުކޮށް ކުއްލިއަކަށް ނިންމުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.