ENGLISH

05 ޖުލައި 2025

Advertisement

މަޖިލިސް މެމްބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ އިސްލާހަށް ސްޓެލްކޯ އެމްޑީގެ ތާއީދު

20 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތަށް ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ތާއީދުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ މި އިސްލާހަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، މިހާރު އަމަލުކުރަމުންދާ  އެންޓި ޑިފެކްޝަން ޤާނޫނު އިތުރަށް ފުރިހަމަކޮށް، ޖަވާބުދާރީވުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް އެޅުނު ތަޢުރީފު ޙައްޤު ފިޔަވަޅެއް ކަމަށެވެ.

"އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގައި ޤާއިމުވެފައިވާ ނިޒާމުތަކުން ފިލާވަޅު ލިބިގަނެ، މި ހުށަހެޅިފައިވާ އިސްލާޙަށް އިސްކަންދެއްވައި، މި އިސްލާޙު އަވަހަށް ފާސްކުރުމަށް ހުރިހާ މަޖިލިސް މެމްބަރުންނަށް އަޅުގަނޑު ގޮވާލަން " - ހުސެއިން ފަހުމީ

އިތުރަށް ފަހުމީ ވިދާޅުވީ މި އިސްލާހަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ ޑިމޮކްރަސީއެއް އުފެއްދުމަށާއި ސިޔާސީ ހަމަޖެހުން އިތުރުކުރުމަށާއި ޝަރުޢީ ދާއިރާގެ މިނިވަންކަން ވަރުގަދަކުރުމަށް ބާރު އަޅާނެ މުހިއްމު ބަދަލެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިންތިޚާބުވެފައިވާ މަންދޫބުން ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމަކީ އާންމުންގެ އިތުބާރު ގެއްލި، ވެރިކަން ހިންގުމަށް ބުރޫއަރައި އަދި އާންމު އަޚްލާޤާއި ޚިލާފު ގޯސް ކަންތައްތަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ފަހުމީ ވިދާޅުވީ މި އިސްލާހުގެ ސަބަބުން ޤާނޫނު ހަދާ މަރުހަލާގައި ހާމަކަން ބޮޑުކަމާއި ޖަވާބުދާރީވުން ކުރިއަރައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ މެންޑޭޓާއި، އެމީހުން ޚިދުމަތްކުރާ ރައްޔިތުންނަށް ވަޢުދުވީ ކަންކަން ކުރުމުގައި ދެމި ތިބޭނެކަން ކަށަވަރުކޮށްދީ، ސިޔާސީ މާޙައުލު ހަމަޖައްސައިދޭނެ ކަމަށެވެ.

"މިއީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑު ހަރުދަނާކޮށް، ސިޔާސީ މުއައްސަސާތަކުގެ ނަޒާޙަތްތެރިކަން ރައްކާތެރިކުރުމަށް ލިބުނު ތާރީޚީ ފުރުޞަތެއް. އަޅުގަނޑުމެންގެ ޤައުމަށް އުޖާލާ، ޒިންމާދާރު އަދި ނަޒާޙަތްތެރި މާދަމާއެއް ހޯދުމަށް މި ފުރުޞަތުގެ ބޭނުން ހިފަންޖެހޭ" - ހުސެއިން ފަހުމީ

ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އިސްލާހުގެ ސަބަބުން ޝަރުޢީ ދާއިރާގެ މިނިވަންކަން ވަރަށް ބޮޑަށް ކަށަވަރުކުރެވިގެން ދާނެއެވެ. ދެފުށް ފެންނަ، ޒިންމާދާރު ޤާނޫނު ހަދާ މަޖިލީހެއް ދެމި އޮތުމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ޤާނޫނުތައް ނެގެހެއްޓުމުގެ ފުރުޞަތު ޝަރުޢީ ދާއިރާއަށް ފަހިކޮށްދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ޤައުމުތަކުގައި ހަދާފައިވާ މިފަދަ ޤާނޫނުތަކަކީ ވެސް ޒިންމާދާރު، ދެމެހެއްޓެނިވި، ހަމަޖެހޭ ޑިމޮކްރަސީއެއް ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަން ވަރަށް ހާމަކޮށް ދަނީ ފެންނަމުންކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު