ENGLISH

23 ޖޫން 2025

Advertisement

ވީއައިއޭގެ އާ ޓާމިނަލަށް ފެން ފޯރުކޮށްދޭ ޕައިޕްލައިން ސިސްޓަމް އިފްތިތާހުކޮށްފި

23 ޖޫން 2025

|

ހަސަން އާމިރު

އާ ޓާމިނަލަށް ފެން ފޯރުކޮށްދިނުމަށް ގާއިމުކުރި ޕައިޕްލައިން ސިސްޓަމް އިފްތިތާހުކޮށްދެއްވަނީ. --ފޮޓޯ:އެމްއޭސީއެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭ.ސީއެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ޕެސެންޖަރ ޓާމިނަލަށް ފެން ފޯރުކޮށްދިނުމަށް ގާއިމުކުރި ޕައިޕްލައިން ސިސްޓަމް ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ފެން ފޯރުކޮށްދޭ ޕައިޕްލައިން ނިޒާމު އިފުތިތާހު ކުރުމަށް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އަދި ސީނިއަރ މެނޭޖްމަންޓާއި އެމްއޭސީއެލް ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމް ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އެއަރޕޯޓް ހިންގެވުމާ ހަވާލުވީއްސުރެ މިއަދާ ހަމައަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަމުން ގެންދަވާ އިރުޝާދާއި އެހީތެރިކަމަށް އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ. އެމްޑީ އިތުރަށް ވިދާޅުވީ އެއާޕޯޓުގެ އާ ޓާމިނަލްގެ ކަންކަން މިހާހިސާބަށް ކާމިޔާބުކަމާއެކު ގެންދެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމްއޭ.ސީއެލް ހިންގުމަށް ދެއްވަމުން ގެންދަވާ ލަފަޔާއި، އެހީތެރިކަމާއި އިރުޝާދުގެ ދަށުން ކަމަށެވެ. އާ ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ މައި ދޮރޯއްޓަށް އެދެވޭ ހެޔޮ އަސަރު ކުރާނެކަމަށާއި، އިޤްތިޞާދީ މި މުހިންމު ވިއުގައަށް އެހީތެރިކަމާއި ތަރައްޤީ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެއްކަމަށާއި، އެމަނިކުފާނު މި މަސައްކަތަށް މުހިންމު އަހައްމިއްޔަތެއް ދެއްވަމުން ގެންދަވަނީ މި ސަބަބަށްޓަކައިކަމަށް ޝަރީފް ވިދާޅުވިއެވެ. 

އާ ޓާމިނަލަށް ފެން ފޯރުކޮށްދޭ ޕައިޕްލައިން ސިސްޓަމަކީ 1،800 މީޓަރު ދިގު ސިސްޓަމެކެވެ. އޭގެ ތެރެއިން 635 މީޓަރު އަޅާފައިވަނީ ފަޅު ތެރޭގައެވެ. މި މަސައްކަތް ކޮށްފައިވަނީ އެމްއޭ.ސީއެލްގެ ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމުންނެވެ.

މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވީ މި މަސައްކަތް އެމްއޭސީއެލްގެ ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމާ ހަވާލުކުރީ އެ މަސައްކަތަކީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ މަސައްކަތަކަށްވެފައި، ޚަރަދުގެ ގޮތުން ކުންފުންޏަށް ފައިދާވާނެތީ ކަމަށެވެ. އަދި އެމްއޭސީއެލްގެ ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމުން އެ މަސައްކަތް ރެކޯޑު މުއްދަތެއްގެ ތެރޭގައި ނިންމާފައިވާތީ އެ ޓީމަށް އެމްޑީ އިބްރާހިމް ޝަރީފު ވަނީ ހޫނު މަރުޙަބާއެއް ދަންނަވައި، ޝުކުރު އަދާކުރައްވައިފަ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ގައެވެ. މި ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. މި ޓާމިނަލްގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތްކުގެ ތެރޭގައި އެއަރޯބްރިޖްތަކާއި، ސެލްފް ޗެކްއިން ކިއޮސްކްތަކާއި، އޮޓޮމޭޓެޑް ބެގޭޖް ހޭންޑްލިންގ ސިސްޓަމަކާއި، އަދި ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު