ENGLISH

04 ޑިސެމްބަރު 2025

Advertisement

މަސައްކަތްކުރަނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް، ސުޕަރ މެޖޯރިޓީގެ މަންފާ ނުނަގަން: މަޖިލީހުގެ ރައީސް

04 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ބުދަ ދުވަހު ނިމުނު މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގައި ޤާނޫނުތަކަށް ބަދަލު ގެންނަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ބަލައިގެން ކަމަށާއި، ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތުމަކުން ވަކި މަންފާއެއް ނަގަން މަސައްކަތް ނުކުރާ ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޢަބްދުއްރަޙީމް ޢަބްދުﷲ ވާހަކަދެއްކެވީ، ބުދަ ދުވަހު ނިމުނު މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާއަށް ފަހު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. 

ޢަބްދުއްރަޙީމް ވިދާޅުވީ، ކޮންމެ ޤާނޫނަކަށް އިޞްލާހު ގެނަޔަސް، ނޫނީ އަލަށް ޤާނޫނެއް ހެދިޔަސް މަޖިލީހުގެ މަސައްކަތް ބައްޓަންކުރަނީ، ހަދާ ޤާނޫނަކުން ނުވަތަ އިޞްލާޙުކުރާ ޤާނޫނަކުން، ޤައުމާއި ރައްޔިތުންނަށް އެންމެ ބޮޑަށް ލާބައާއި މަންފާ ކުރާނެ ގޮތަކަށް ކަމަށެވެ. 

"އަޅުގަނޑުމެން މިގެންދަނީ މިދެންނެވިހެން، ދިވެހިރާއްޖޭގެ ޤާނޫނުއަޞާސީއާ ހެދިފަ ހުރި ޤާނޫނުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރަމުން. ވަކި އަޅުގަނޑުމެންގެ އަތުގައި ސުޕަރ މެޖޯރިޓީ އޮތޭ ކިޔާފަ އަޅުގަނޑުމެން ވަކި މަންފާއެއް ނަގާކަށެއް ވަކި ފައިދާއެއް ނަގާކަށް މަސައްކަތެއް ނުކުރަން" - މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތީން، ނޮވެމްބަރު 30 ވަނަ ދުވަހަކީ މަޖިލިސް ޗުއްޓީއަށް ދާންޖެހޭ ދުވަހެވެ. އެކަމަކު ޗުއްޓީއަށް ދިއުން ތިން ދުވަހަށް ލަސްކުރީ މަސައްކަތްތައް ނިންމާފައި ޗުއްޓީއަށް ދިއުމަށް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި، މަޖިލީހުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމަށް، ސަރުކާރަށް މުހިއްމުވާ ބިލްތަކަށް އިސްކަންދީގެން މަސައްކަތްކުރަމުންގެންދާ އުޞޫލުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. 

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޗުއްޓީއަށް ދާއިރު، އަޅުގަނޑުމެން ޗުއްޓީއަށް ދިއުމުން ސަބަބުން ބިލެއް ފާސްނުވެގެން، މަޖިލީހުން ދޭންޖެހޭ ހުއްދައެއް ނުދީގެން، ސަރުކާރަށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނޯންނާނެ. އެ ހުރިހާ ކަމެއް ނިންމާފަ އަޅުގަނޑުމެން މި ދަނީ" - މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ

މަޖިލީހުގެ މަސައްކަތްތައް ބައްޓަންކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އަލަށް ހަދަންޖެހޭ ޤަވާއިދުތައް ހެދުމާއި، އެ ހުރިހާ ކަމެއްގައި ސަރުކާރުން ބޭނުންވާ ސްޕީޑުގައި މަސައްކަތްކުރުމަށް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.  

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ޗުއްޓީއަށް ދިޔައީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއްގައި ނިންމާފައި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި. ފޮޓޯ: މަޖިލިސް

ސަރުކާރަށް ބޭނުންވާ ސްޕީޑުގައި މަސައްކަތްކުރަމުން، ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ވެސް ގިނަ މަސައްކަތްތަކެއް މަޖިލީހުން ކުރާކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އެގޮތުން، ވަޒީރުންނާ ސުވާލު ނުކުރާ ކަމަށް ވާދަވެރިން ވިދާޅުވިޔަސް، މިހާތަނަށް އައިއިރު 72 ފަހަރު ވަޒީރުން، މަޖިލީހަށް ހާޒިރުކުރެވިފައިވާނޭ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ވަޒީރުންގެ އިތުރުން މިނިވަން މުޢައްސަސާތައް ޙާޟިރުކުރުމާއި، އިދާރާތައް ޒިންމާދާރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މަޖިލީހުން އަޅަމުންގެންދާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 

އަހަރުގެ ފަހު ދައުރުގައި ކުރި މަސައްކަތްތަކަށް ބަލާއިރު 28 ޖަލްސާ ބާއްވައި 15 ބިލް ވަނީ ފާސްކޮށްފައެވެ. އަދި، މަޖިލީހުން ވަނީ ވަޒީރުންނާ ސުވާލުކުރުމުގެ އިތުރުން 142 ކޮމިޓީ ބައްދަލުވުން ބާއްވައިފައެވެ. 

ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން އުއްމީދުކުރާ، ނުވަތަ މަޖިލީހާ ދޭތެރޭގައި ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި 20 ވަނަ މަޖިލިސް ވަރަށް ސާބިތުކަމާއެކު އޮންނާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު