ENGLISH
16 ޖޫން 2026
ރައީސްގެ ނިންމެވުމާ އެއްގޮތަށް ނަމާދުކުރަން ވަގުތުކޮޅަށް ކުޅިވަރު މެދުކަނޑައިލަން އަންގައިފި
16 ޖޫން 2026
|
އޮފީސް ލީގުގެ ތެރެއިން. ފޮޓޯ؛ ސަރުކާރު.
އެންމެ މަޤްބޫލު
ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ނަމާދުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމާއެކު، ބަންގި ގޮވުމުން ނަމާދުކުރުމަށް ވަގުތުކޮޅަކަށް ކުޅިވަރު ކުޅުން މެދުކަނޑައިލުން ލާޒިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންވެވި ނިންމެވުން ތަންފީޒުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ.
ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ނަމާދުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމާއެކު، ބަންގި ގޮވުމުން ނަމާދުކުރުމަށް ވަގުތުކޮޅަކަށް ކުޅިވަރު ކުޅުން މެދުކަނޑައިލުން ލާޒިމުކުރުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ މި މަަހުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާގައި ބުނީ ކްލަބް،އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ކުޅިވަރުގެ ހަރަކާތްތައް ހިމެނޭހެން ރާއްޖޭގައި ކުޅިވަރު ކުޅޭ އެންމެހާ ތަނެއްގައި ނަމާދަށް ގޮވުމާއި އެކު، 20 މިނިޓް ވަންދެން ހުރިހާ ކުޅިވަރު ހަރަކާތްތައް މެދުކަނޑާލުން ތަންފީޒުކުރަމުން ގެންދިއުމަށެވެ. އަދި މިކަން ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑއަޅުއްވާފަައިވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެސޯސިއޭޝަންތަކުގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ ހަރަކާތްތަކެއްގައި މިކަން ތަންފީޒުކުރުމަށް ވުޒާރާއިން އަންގާފައިވެއެވެ.
ރައީސް ކުރިން ވިދާޅުވެފައިވަނީ ކުޅިވަރުގެ ތެރޭގައި އުޅޭއިރު ނަމާދު ގަޑިޖެހިގެން ގޮސް ގަޑި ފާއިތުވާއިރުވެސް ކުޅިވަރު ކުޅުމުގެ ތެރޭގައި އުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވީ ނަމަވެސް ޒަމާނުއްސުރެ ރާއްޖޭގައި އެކަން ހިނގަމުންދަނީ އެހެން ކަމަށެވެ.
މިހާރު ސަރުކާރުން އަޅާފައި ހުރި ކުޅިވަރުގެ އެކި ފެސިލިޓީތަކުގައި ޒަމާނީ ވަސީލަތްތަކާއެކު ނަމާދުކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެ އޭރު އެމަނިކުފާނު ވިދާޅުވި އެގޮތުން ގާއިމުކުރެވޭ ތަންތަނުގައި ވުޟޫކުރެވޭނެ ގޮތްވެސް ހަމަޖެހޭނެ ކަމުގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާރު މާލޭގައި އެންމެ ގިނައިން ކުޅިވަރު ކުޅުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގައިވެސް ވުޟޫކޮށް ނަމާދުކުރެވޭނެ ގޮތެއް ނުހުރެއެވެ.
ކުޅިވަރު އެކުވެންޏާއި މާފަންނު ސްޓޭޑިއަމް ފަދަ ތަންތަނުގައި ވުޟޫކުރެވޭނެ ގޮތާއެކު ޒަމާނީ ފެންވަރުގައި ނަމާދުކުރެވޭނެ ވަސީލަތްތައް ގާއިމުކުރެއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން ކުރިއަށްގެންދާ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ ހުރިހާ މަޝްރޫއެއްގައިވެސް އެ ވަސީލަތްތައް ގާއިމުކުރުމަށް ނިންމަވާފައިވާކަން ރައީސް އިއުލާނުކުރެއްވިއެވެ.
އޭގެ އިތުރަށް ރައީސް ވިދާޅުވީ ބަންގި ގޮވާ ވަގުތުން ފެށިގެން ނަމާދުކުރެވޭ ވަރުގެ ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރެއް މެދުކަނޑައިލުން ލާޒިމުވާ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ނިންމެވުންތައް އެމަނިކުފާނު ނިންމަވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، ރާއްޖޭގައި އަމަލީ ގޮތުން ކަންކަން ހިނގަންޖެހޭނީ އެ ހަގީގަތާ އެއްގޮތްވާ ގޮތަށް ކަމުގައި ދެކެވަޑައިގަންނަވާތީއެވެ.