ENGLISH

16 ޖޫން 2026

Advertisement

ޕޭޕަލްގެ ހިދުމަތް ތައާރަފުކުރުން؛ އިގުތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ތަނަވަސްވި ރާސްތާއެއް

16 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

އޫރީދޫ ފިންޓެކްއާއި ޕޭޕަލްގެ މެދުގައި ގާއިމުކުރެވުނު ޕާޓްނާޝިޕުގެ ތެރެއިން ޕޭޕަލް މެދުވެރިކޮށް ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ކޮންމެ ތަނަކުން ފައިސާ ލިބޭނެ އިންތިޒާމު އިއްޔެ ހަމަޖެހިގެންދިއުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބެކެވެ. އެ ކާމިޔާބުގެ ފޮނިމީރުކަން އެންމެ ބޮޑަށް އިހުސާސްކުރާނީ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ކުރާ، ރާއްޖޭގެ ހަފޮޅުން ބޭރުން މަސައްކަތްތައް ހޯދައިގެން ކުރިއަށްދިއުމަށް ފެންބޮވައިގަނެފައި ތިބި ދިވެހި އުފެއްދުންތެރިންނެވެ. 

އުރީދޫ ފިންޓެކްގެ އެމް-ފައިސާ ވޮލެޓާ ޕޭޕަލް ލާމެހި ޕޭޕަލްގެ ހިދުމަތް ދިވެހިންނާ ހަމައަށް ވާސިލުވީ ވަރަަށް ގިނަ ދުވަހުގެ ބުރަ މަސައްކަތުންނެވެ. އެކަމަށް މަގުފަހިކުރުމަށް ދިވެހި ސަރުކާރުން ގިނަ މަސައްކަތްތަަކެއް ކޮށްގެންނެވެ. މިއީ ފްރީލޭންސް މަސައްކަަތްތެރިންނާއި ކޮންޓެންޓު އުފައްދާ މީހުންނާއި، ގެސްޓުހައުސް އޮޕަރޭޓުކުރާ ފަރާތްތަކާއި، ޑައިވް ސްކޫލުތަކާއި، ޑިޖިޓަލް ދާއިރާގެ ވިޔަފާރިތަކަށް އެތައް މަންފާއެއް ލިބޭނެ ހެޔޮ ބަދަލެކެވެ. 

ޕޭމެންޓުގެ ހުސްޖާގައާއި އެއިން އުފެއްދުންތެރިކަމަށް ގެއްލުނު އަގު 

ފާއިތުވި މުއްދަތުގައި ރާއްޖޭގައި ޕޭޕަލް ބޭނުންކުރެވެނީ އެންމެ ގޮތަކަށެވެ. އެއީ ބޭރުގެ ފަރާތްތަކަަށް ޕޭމެންޓު ހެދުމަށެވެ. ސޮފްޓްވެއާ ގަތުމަށާއި ބައިނަލްއަގުވާމީ ހިދުމަތްތަކަށް އަަގުދެއްކުމަށާއި، ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ފޮނުވުމަށް ޕޭޕަލް ބޭނުންކުރެވުނު ނަމަަވެސް، ބޭރުންް ރާއްޖެއަށް ފައިސާ ގެނައުމަށް ޕޭޕަލް ބޭނުންނުކުރެވެއެވެ. 

އެހެންކަމުން ރާއްޖޭގެ އުފެއްދުންތެރިންނަށް އެމީހުންގެ ހިދުމަތް ދުނިޔޭގެ ބާޒާރަށް ނެރެ ވިއްކުމުގައި ހުރަސްތަކެއް އޮތެވެ. މާނައަކީ ކޮންޓެންޓު އުފައްދައިގެން، ނުވަތަ ހިދުމަތެއް އެކްސްޕޯޓުކޮށްގެން އާމްދަނީ ހޯދުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައި އޮތުމެވެ. މިހުރަހަކީ އެކަމުގެ ސަބަބުން ދިވެހި އުފެއްދުންތެރި ޖީލެއް ތަޅުއެޅުވި ބަންދުވެފައި އޮތް ހުރަހެކެވެ. ރާއްޖޭގެ ހަފޮޅުން ބޭރަށް އެމީހުންގެ ހުނަރުވެރިކަން ނެރެ، އެއިން އާމްދަނީ ހޯދުމުގައި ގިރާނުކުރެވި އޮތް ދާފަަރާއެކެވެ. 

ނަތީޖާއެއްގެ ގޮތުން ދިވެހި ވިޔަފާރިތަކަށް ޖެހުނީ ބޭރުން ފައިސާ ގެނައުމުގައި އެހެން މަގުތަކެއް ހޯދާށެވެ. ބައެއް މީހުން ބޭރު ގައުމުތަކުގައި އަމިއްލަ އެކައުންޓުތައް ހުޅުވިއެވެ. ނުރަސްމީކޮށް ފައިސާ ޓްރާންސްފާކުރާ އެޖެންޓުންގެ އެހީތެރިކަން ހޯދިއެވެ. ނުވަތަ އަގު ބޮޑު ވަޔާ ޓްރާންސްފާތަކުގެ ހިދުމަތް ހޯދިއެވެ. މިއިން ކޮންމެ ގޮތަކަށް ކަންކުރިއަސް ވަގުތާއި އަގުގެ ގޮތުން ދައްކަންޖެހޭ އަގު ބޮޑެވެ. 

ޕޭޕަލް ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ކުރި މަަސައްކަތް 

ޕޭޕާލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހިމެނުއްވި މުހިއްމު ވައުދުފުޅެކެވެ. އެވައުދުފުޅު ފުއްދެވުމަށް އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފެއްޓެވިއެވެ. 

އެގޮތުން 6، ޖޫން 2024 ވަނަ ދުަވަހު ސަރުކާރުން ސީދާ ޕޭޕަލްގެ ސީއީއޯ މުވާސަލާތުކުރިއެވެ. އަދި ރާއްޖެއަށް އެ ކުންފުނީގެ ހިދުމަތް ގެނެވޭނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ފަށައި، އެކަމުގައި އެ ކުންފުނީގެ ސީއީއޯގެ އެހީތެރިކަމަށް ސަަރުކާރުން އެދުނެވެ. 

ޖެހިގެންއައި ޖުލައި މަހުގައި ޓީފާ މިޝަނުގެ ތެރެއިން ރާއްޖެއާއި ޕޭޕަލްގެ މެދުގައި ރަސްމީކޮށް މަޝްވަރާކުރެވުނެވެ. އެއީ ޖުލައި، 2024ގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހަށެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އޯގަސްޓު 22، 2024 ގައި ސަރުކާރާއި ޕޭޕަލްގެ އިސްވެރިންނާދެމެދު ރަސްމީކޮށް މަޝްވަރާތައް ކުރެވުނެވެ. 

އެއަށްފަހު އޯގަސްޓު 29 ވަނަ ދުވަހު ސަރުކާރުން ރަސްމީކޮށް ޝާމިލު ތަފުސީލު ހުށަހެޅުމެއް ޕޭޕަލްއަށް ހުށަހެޅިއެވެ. އެ ހުށަހެޅުމާއެކު ރާއްޖޭގެ ބްރީފެއް ހުށަހެޅިއެވެ. އެއަށްފަހު ސެޕްޓެންބަރު 2024 އިން ފެށިގެން މޭ 2025އާ ދެމެދުގައި ޕޭޕަލް ހިދުމަތް ފެށުމަށް ބޭނުންވާ ރެގިއުލޭޓަރީ ބަދަލުތައް ގެނެސް، ރާއްޖޭގެ ސުމޭކު ނިޒާމުތައް ބައިނަލްްއަގުވާމީ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތްކުރެވުނެވެ. 

އެއަށްފަހު ޖުލައި 10، 2025 ގައި ރާއްޖޭގައި ޕޭޕަލްގެ ބައިވެރިއަކަށްވާނި އޫރީދޫ މޯލްޑިވްސްކަމަށް ހަމަޖެހުނެވެ. އަދި އޮކްޓޯބަރު 14، 2025 ގައި ޕޭޕަލް ހިދުމަތް ރާއްޖެއަށް ތައާރަފުކުރެވޭނެކަން އިއުލާނުކުރެވިގެންދިޔައެވެ. 

އެހެންކަމުން ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތުން ހޯދުނު ކާމިޔާބެކެވެ. 

ރާއްޖެއަށް ޕޭޕަލް ގެނައި މޮޑެލް؛ ޓެލެކޮމް ފިންޓެކް ޕްރޮކްސީ މޮޑެލް 

ޕޭޕަލް ހިދުމަތް ރާއްޖެއަށް ގެނައުމުގައި ސީދާ ޕޭޕަލްއިން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަނުމުގެ ބަދަލުގައި މެދުވެރިއެއްގެ ގޮތުގައި ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ އޫރީދޫގެ އޫރީދޫ ފިންޓެކް ކުންފުނި އިހުތިޔާރުކުރިއެވެ. މި މޮޑެލްގައި ޕޭޕަލް ހިދުމަތް ދިވެހިރާއްޖެއަށް ގެނެސް ރާއްޖޭގެ މާލީ ނިޒާމާ ލާމެހުމުގެ ހުރިހާ ޒިންމާއެއް އަދާކުރާނީ އުރީދޫއިންނެވެ. އެއީ އެ ކުންފުނީގެ އެމް-ފައިސާ މޯބައިލް ވޮލެޓުތަކާ ޕޭޕަލް ގުޅުވާލައިގެންނެވެ. 

ޕޭޕަލް ހިދުމަތް ރާއްޖެއަށް ގެނެސްފައިވަނީ ގައުމީ ފެންވަރުގައި އެކުލަވައިލެވިފައިވާ ފުޅާ އިސްތިރާޖިއްޔާގެ ބައެއްގެ ގޮތުންނެވެ. އެއީ ފުރިހަމައަށް ތަރައްގީވެފައިވާ މަތީ ފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖެ ހެއްދެވުމަށް ރަައީސް އެކަށައަޅުއްވާފައިވާ އަމާޒުގެ ތެރެއިން ގިރާކުރެވުނު މަގުފާހަގައެކެވެ. އެއީ ރާއްޖޭގެ ޑިޖިޓަލް އިގުތިސާދުން ގަައުމީ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރު 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިއްމު އެއް އަމާޒުވެސްމެއެވެ. 

އެހެންކަމުން މި ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމުގައި ރަސްމީ ބޭންކިން ނިޒާމުގެ ބަދަލުގައި ފިން-ޓެކު ނުވަތަ ފައިނޭންސް ޓެކްނޮލޮޖީ ކުންފުންޏެއް މެދުވެރިއަކަށް އިހުތިޔާރުކުރުމަކީ އިސްތިރާޖީ ގޮތުން ސަރުކާރުން ނިންމި މުހިއްމު ނިންމުމެކެވެ. 

ދިވެހި އުފެއްދުންތެރި އިގުތިސާދަށް މަންފާކުރާނެ 

ރާއްޖެއަކީ އުފެއްދުންތެރިން ގިނަ ގައުމެކެވެ. ފްރީ ލޭންސް މަސައްކަތްކުރާ މީހުންވެސް ގިނައެވެ. ސޮފްޓްވެއާ އުފައްދާ މީހުންނާއި، ގްރެފިކްސް ޑިޒައިނަރުންނާއި ކޮންޓެންޓު ލިޔާ މީހުންނާއި، ވީޑިޔޯ އެޑިޓަރުން ފަދަ ޑިޖިޓަލް މަސައްކަތްތަކަށް ހާއްސަ މީހުންނެވެ. މި އެންމެންނަށް އަޕްވޯކް، ފައިވާ، ޓޮޕްޓަލް އަދި 99ޑިޒައިންސް ފަދަ މަންސަތައް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު ޕޭޕަލް ހިދުމަތް ލިބުމުން ފަހިވާނެއެވެ. 

ފްރީލޭންސް މަސައްކަތްތެރިންނަށް ހާއްސަ މަންސަތަކުގައި ރަޖިސްޓްރީވެ އެމީހުންގެ ހުނަރުވެރިކަން ބޭނުންކޮށްގެން ބޭރުގެ އެކި ފަރާތްތަކަށް ހިދުމަތް ވިއްކައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު އެމީހުންނަށް ހުޅުވޭނެއެވެ. އަދި އެ މަސައްކަތްތަކުން ލިބޭ އާމްދަނީ އެމް-ފައިސާ ވޮލެޓަށް ސީދާ ޖަމާކުރެވޭނެއެވެ. މިވަގުތު ޕޭޕަލްގެ ހިދުމަތް ލިބޭ 200 އަށްވުރެ ގިނަ ގައުމުގައި ތިބި ހިދުމަތް ގަންނަ މީހުންނަށް ވާސިލުވެވޭނެ މަގު މިހާރު އެވަނީ އަލިކުރެވިފައެވެ. ރައްކާތެރިކަމާއެކު ބޭރުފައިސާއިން ހިދުމަތުގެ އަގު ލިބިގަތުމުގައި އޮތް ހުރަސް މިހާރު ނެތިވީއެވެ. 

ހަމައެހެންމެ ރާއްޖެއަކީ ލާޖެހުމާއި، ތުނޑުކުނާ ވިއުމާއި، ލަކުނޑިން ތަފާތު އުފެއްދުންތައް އުފެއްދުން ފަދަ އެތައް މަސައްކަތެއް ކުރާ ހުނަރުވެރިން ތިބި ގައުމެކެވެ. މިއިން ކޮންމެ އުފައްދުމަކީ ސަގާފީ ގޮތުންނާއި ރީތިކަމުގެ ގޮތުން އޭގައި އަގުހުރި އުފެއްދުމެކެވެ. ނަމަވެސް މި އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރަށް ނެރެ އެއިން މަންފާ ހޯދުމުގެ މައިގަނޑު ގޮންޖެހުމެއްގެ ގޮތުގައި އޮތީ ފައިސާ ލިބޭނެ ގޮތެއް ނެތުމެވެ. ބައިނަލްއަަގުވާމީ ޕޭމެންޓު ނިޒާމުތަކާ ލޭމެހިފައި އޮތް ނިޒާމަކުން ފައިސާ ހޯދޭނެ ގޮތެއް ނެތުމެވެ. 

އެޓްސީއާއި އެމޭޒަން ހޯމްމޭޑް ފަދަ ބައިނަލްއަގުވާމީ މަންސަތަކުގައި މިފަދަ އުފެއްދުންތައް ވިއްކައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ދިވެހި މަސައްކަތްތެރިންނަށް ލިބޭނެއެވެ. އަދި މިއީ ރަށްރަށުގައި ދިރިއުޅޭ އުފެއްދުންތެރިންނަށް އެމީހުންގެ ރަށް ދޫކޮށްނުލައި، އަމިއްލަ ފަސްގަނޑުގައި ތިބެގެން ދުނިޔޭގެ ބާޒާރުން އާމްދަނީ ހޯދުމަށް ލިބޭ ފުރުސަތެކެވެ. 

ހަމައެހެންމެ ގެސްޓުހައުސްތަކާއި ހޯމް-ސްޓޭ ހިންގާ މީހުންނަށްވެސް އިންޓަނޭޝަނަލް ބޭންކް ޓްރާންސްފާތަކަށް ބަރޯސާވުަމުގެ ބަދަލުގައި ސީދާ އަމިއްލަ ވެބްސައިޓުތައް މެދުވެރިކޮށް ދަތުރުވެރިންނަށް ބުކިން ކޮންފަމޭޝަންތައް ހަދައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަން ޕޭޕަލް ހިދުމަތް ލިބުމާއެކު މަގުފަހިވާނެއެވެ. 

ޔޫޓިއުބާއި، އިންސްޓަގްރާމް އަދި ޕޮޑްކާސްޓުތައް އުފައްދާ މީހުންނާއި އޮންލައިންކޮށް ކިޔަވައިދޭ މީހުންނަށް ބައިނަލްއަގުވާމީ އޯޑިއަންސް މެދުވެރިކޮށް އާމްދަނީ ހޯދުމަށްވެސް ޕޭޕަލްއިން މަގުފަހިވާނެއެވެ. ޔޫޓިއުޕްގެ ޕާޓްނާ ޕްރޮގުރާމާއި ޕޭޓްރިއޮންއާއި ސަބްސްޓެކް އަދި ގަމްރޯޑްއިން އުފެއްދުންތެރިންނަށް އާމްދަނީ ފޯރުކޮށްދިނުމުގައި ބޭނުންކުރާ މައިގަނޑު މަންސައަކީ ޕޭޕަލްއެވެ. 

ނިޒާމީ ބޮޑެތި މަންފާތަކެއް 

ޕޭޕަލް ތައާރަފުކުރެވުމަކީ ރާއްޖޭގައި ތިބެ ދިވެހި އުފެއްދުންތެރިންނަށް ބޭރުފައިސާއިން އާމްދަނީ ހޯދުމަށް ލިބޭ ފުރުސަތެކެވެ. ނަތީޖާއަކަށްވާނީ ބޭރުފައިސާ އިގުތިސާދަށް އެތެރެކުރާ ހަމައެކަނި މަގެއްގެ ގޮތުގައި ފަތުރުވެރިކަން އޮތް އޮތުން ނިމުމެވެ. ނަމަވެސްް އެހިސާބަށް ވާސިލުވުމަށް އުފެއްދުންތެރިންނަށް އެހީތެރިކަން ބޭނުންވާނެއެވެ. ބައިނަލްއަގުވާމީ މަންސަތަކުގައި ދިވެހި އުފެއްދުންތައް ޕްރޮމޯޓުކުރުމާއި، އެތަކެތި ބާޒާރަށް ނެރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމުގައި ބޭނުންވާ ފަންނީ މާލީ އެހީ ލިބޭނެ އިންތިޒާމުތައް ހަމަޖެހެންޖެހެއެވެ. 

ރަށްފުށުގައި ދިރިއުޅޭ އުފެއްދުންތެރި މަސައްކަތްތެރިންނަށް އުރީދޫގެ އެމް-ފައިސާ ވޮލެޓު މެދުވެރިކޮށް މި މުއާމަލާތްކުރެވޭތީ، ރަސްމީ ބޭންކުތަކާ މުއާމަލާތްނުކޮށް ބައިނަލްއަގުވާމީ ބާޒާރުން ފައިސާ ގެނައުމަށް މަގުފަހިވެގެންދާނެއެވެ. 

ރާއްޖޭގެ ޑިޖިޓަލް މަސައްކަތްތެރިން ވަރަށް ގިނަ ފަހަރަށް އިތުރު ފުރުސަތުތައް ހޯދުމަށް ރާއްޖެއިން ބޭރަށް ހިޖުރަކުރެއެވެ. މިވެސް ޕޭޕަލް ހިދުމަަތް ތައާރަފުކުރެވުމާއެކު ބަދަލުކުރެވޭނެ ކަމެކެވެ. ދުނިޔޭގެ ބޮޑެތި އިގުތިސާދުތަކުގައި ހުރި ފުރުސަތުތަކަށް،  އެ ގައުުމުތަކަށް ހިޖުރަނުކޮށް އަމިއްލަ ވަތަނުގައި ތިބެގެން ވާސިލުވެވޭނެއެވެ. ނަތީޖާއަކަށްވާނީ ރާއްޖެއަށް މިދާއިރާއިން ކުރިމަތިވެފައި އޮތް ބްރެއިން ޑްރެއިން ނުވަތަ ސިކުނޑި ހުސްވުމުގެ މައްސަލަ ހައްލުވުމެވެ. 

މިފަދަ ކޮންމެ ހެޔޮ ބަދަލަކީ، އޭގެ ވަށައިގެން ގިނަ ކަންތައްތަކެއް ފުރިހަމަކުރެވިގެން ނޫނީ އޭގެ އެންމެ ބޮޑު މަންފާ ރައްޔިތުންނަށް ލިބޭނެ ކަންކަމެއް ނޫނެވެ. ސަރުކާރުން ދަނީ އުފެއްދުންތެރިންނަަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ބައިނަލްއަގުވާމީ ބާޒާރުގައި ހުރި ފުރުސަތުތައް ބަލައި، އެ ފުރުސަތުތަކުގެ މައުލޫމާތު އެމީހުންނަށް ފޯރުކޮށްދެމުންނެވެ. މި ބަދަލުގެ ހަގީގީ މަންފާ ދިވެހިންނަށް، ދިވެހި އިގުތިސާދަށް ލިބޭނީ ސަރުކާރާއި އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެކުގައި ކުރާ މަސައްކަތުންނެވެ. 

ކިޔުންތެރިންގެ ހިޔާލު