ENGLISH
04 ޑިސެމްބަރު 2025
މާލޭގެ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހި ފަށަން ޢާންމުންގެ ޚިޔާލު ހޯދަނީ
04 ޑިސެމްބަރު 2025
|
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން އާންމުންގެ ޚިޔާލު ހޯދުމަށް އެމްޓީސީސީން ހުޅުވާލައިފިއެވެ.
މި މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދާ ހިސާބަށް ތަރައްގީކުރާނެއެވެ. މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަކީ އެކި ބައި ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ މަސައްކަތަކަށްވުމުން މިދިޔަ އޮގަސްޓް މަހުގެ މެދަކާ ހިސާބުން ފެށިގެން މާރުކޭޓު މަގުގެ އެއްބައި ވަނީ ބަންދުކޮށްފައެވެ.
މި މަޝްރޫޢު އާންމުންގެ ޚިޔާލަށް ހުޅުވާލީ، އާންމުންގެ އުންމީދުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭގޮތަށް ކުރިޔަށްގެންދެވޭ މަޝްރޫޢެއްކަން ޔަގީންކުރުމުގެ ގޮތުންކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.
އާންމުންނާ ކުރެވޭ ސުވާލުތަކުގެ ތެރޭގައި މި މަސައްކަތުން ލިބޭނެ ފައިދާތަކާއި މަގު ބަންދުކުރުމުން ދިމާވާނެ ދަތިތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާތޯ ހިމެނެއެވެ. އަދި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދު ބޭނުންކުރަނީ ކޮން ބޭނުމެއްގައިތޯ ވެސް އެމްޓީސީސީއިން އަހައެވެ.
މި ސާރވޭގައި ބައިވެރިވާން ޝައުގެވެރިވާ ފަރާތްތަކުން އެމްޓީސީސީގެ އެކްސްގައި ހިއްސާކޮށްފައިވާ ކިއުއާރް ކޯޑް ސްކޭންކޮށްލައިން ކުރިޔަށްގެންދެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން މަގު ފުޅާކުރުމަށްޓާކައި ފަޅުން ހަތް މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ހިއްކާނެއެވެ. އަދި ބަނދަރު ކީވޯލް އަލުން ހެދުމާ، މަގު އެއްވަރުކޮށް ތާރައެޅުމާ، މަގުގައި ފެންބޮޑުވުން ހައްލުކުރުމަށް ފެން ހިންދާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން މަގުގެ ދެފަރާތުގައި މީހުން ހިނގާނެ ސަރަހައްދުތަކާއި، ގަސް އިންދާނެ ސަރަހައްދުތަކެއް ކަނޑައެޅުމާއި މަގުގައި އުޅަނދު ދުއްވުމަށް ބޭނުންވާ ލޭނުތައް ކަނޑައެޅުން ވެސް އޭގެތެރޭގައިވެއެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭ ރަސްމީ ފާލަމުން ފެށިގެން މާރުކޭޓާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހަތަރެސްތޭކަ ފަންސާސް ފަސް ދުވަހުގެ ތެރޭ ނިންމަން ޖެހޭ މި މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ. މި މަސައްކަތަކީ މާލޭގެ ތޮއްޖެހިފައިވާ ވެހިކަލްތަކުން ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވެއެވެ.