ENGLISH
23 ޖޫން 2025
އާ ޓާމިނަލް ހުޅުވާއިރު ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ ބޯޓުތަކަށް: އެމްއޭސީއެލް
23 ޖޫން 2025
|
އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ ގުޅޭ ގޮތުން އެމްޑީ ޝަރީފް ވާހަކަ ދައްކަވަނީ. --ފޮޓޯ:އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ހުޅުވުމަށް ފަހު ފުރަތަމަ ޚިދުމަތް ދޭނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓުތަކަށް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މީޑިއާތަކާ އެކު ސީޕްލޭން ޓާމިނަލްގައި ރޭ ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނީގެ އެމްޑީ ވިދާޅުވީ އާ ޓާމިނަލް ހުޅުވުމަށް ފަހު ޚިދުމަތްތައް މަޑުމަޑުން ބަދަލު ކުރުމަށް ކޮންސަލްޓެންޓް ލަފާދީފައިވާ ކަަމަށެވެ.
ޝަރީފް ވިދާޅުވީ ހިނގަމުން އަންނަ އެއާޕޯޓެއްގެ ޓާމިނަލެއްގެ ޚިދުމަތް އެހެން ޓާމިނަލަކަށް ބަދަލުކުރާއިރު، އޮޕަރޭޝަނަލް ރެޑީނަސް އެންޑް އެއާޕޯޓް ޓްރާންސްފާ (އޮރާޓް) ކިޔާ މަރުހަލާއެއް ފުރިހަމަ ކުރަން އޮންނަ ކަމަށާއި އެ ކަމަށްޓަކައި ކޮންސަލްޓަންޓަކު ނަގައިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި އާ ޓާމިނަލް ހުޅުވުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަނީ އެ ކޮންސަލްޓަންޓުގެ އިރުޝާދުގެ ދަށުން ކަމަށް ޝަރީފު ވިދާޅުވިއެވެ.
"ކޮންސަލްޓެންޓް ލަފާދީފައި ވަނީ އެކި މަރުހަލާތަކަށް ޚިދުމަތްތައް ބަދަލުކުރުމަށް. އެހެން ނޫނީ ޚިދުމަތަށް ކޮންމެވެސް ހިސާބަކުން ބުރޫ އަރާފާނެ. އެ ގޮތުން އަޅުގަނޑުމެން އެންމެ ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ ބޯޓުތަކަށް،" ނޫވިލު ސީޕްލޭން ޓާމިނަލްގެ ބިޒްނަސް ލައުންޖުގައި ބޭއްވި މީޑިއާ ގާލާ ނައިޓުގައި ޝަރީފް ވިދާޅުވި އެވެ.
އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް
މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ އަބަދުވެސް ވިސްނުންފުޅަކީ ޤައުމީ އެއާލައިނަށް އިސްކަންދިނުން ކަމަށެވެ. މޯލްޑިވިއަންގެ ބޯޓުތަކުގެ އިންތިޒާމްތައް ނިންމުމަށް ފަހު ނެރޯ-ބޮޑީ އެއާލައިންތަކަށް އަދި އެއަށްފަހު ވައިޑް-ބޮޑީ ބޯޓުތައް އިންކޯޕަރޭޓް ކުރެވޭނެ ކަމަށާއި މި އަހަރުގެ ފިނި މޫސުން ފެށުމުގެ ކުރިން އާ ޓާމިނަލްގައި ހުރިހާ ބޯޓުތަކަށް ޚިދުމަތް ދެވޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އަންނަ ޖުލައި 26 ވަނަ ދުވަހު އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ އެއާޕޯޓުގެ ހިންގުން އޭނާއާ ހަވާލުކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެންމެ ފުރަތަމަ އިރުޝާދު ދެއްވި ކަމަކީ އެއާޕޯޓުގެ އާ ޓާމިނަލް އަވަހަށް ހުޅުވުމަށް ކަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އެގޮތަށް އިރުޝާދު ދެއްވީ އެއާޕޯޓުގެ ޕެސެންޖަރ ޕްރޮފައިލްއަކީ 98 އިންސައްތަ ކަމަށްވިޔަސް މިހާރު ބޭނުންކުރަމުން އަންނަ، 1978 ވަނަ އަހަރު ހެދި ޓާމިނަލް އާ އެކު ޓާމިނަލްގެ އޮޕަރޭޝަނަށް އިންތިހާއަށް ދަތިތައް ކުރިމަތި ވަމުންދާތީ ކަމަށެވެ.
އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް
އެ ގޮތުން ޝަރީފް ވިދާޅުވީ، އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ދުވާލަކު އެއްފަހަރު ކަހަލަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައި އެ މަސައްކަތުގެ ކަންކަން ގާތުން ބައްލަވަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތްތައް އަވަސް ކުރުމަށް ބޭނުންވާ އެހީތެރިކަމާއި ރިސޯސަސް ވެސް އެ މަނިކުފާނު ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިބްރާހިމް ޝަރީފު ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު ޓާމިނަލްގެ މަސައްކަތް ކުރިއަށްދާތާ ނުވަ އަހަރު ވެފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ނިންމުނީ 54 އިންސައްތަ މަސައްކަތް ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދަކަށްވީ މި ޤައުމުގެ ފަތުރުވެރިކަން ފުޅާކޮށް އިޤްތިޞާދު ރަނގަޅުކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް އަވަހަށް ނިންމުން ކަމަށާއި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އިރުޝާދަށް އެމްޑީ ޝަރީފު އިޙްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. މި ޓާމިނަލްގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތްކުގެ ތެރޭގައި އެއަރޯބްރިޖްތަކާއި، ސެލްފް ޗެކްއިން ކިއޮސްކްތަކާއި، އޮޓޮމޭޓެޑް ބެގޭޖް ހޭންޑްލިންގ ސިސްޓަމަކާ އަދި ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމެއް ހިމެނެއެވެ.